ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން ތިމާވެއްޓަށްވެސް އެކަމުގެ އަސަރުތައް ފޯރާކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތާބުގައި އެ މަނިކުފާނު ވިދާޅުވީ، ސިންގިރޭޓު އުފެއްދުމަށްޓަކައި ކޮންމެ އަހަރަކު އެވަރެޖްކޮށް 600 މިިލިއަން ގަސް ކެނޑިގެންދާކަމަށެވެ. އަދި އެފަދަ ކާރުހާނާތައް ހިންގުމުގެ ތެރެއިން އަހަރަކު 84 މިލިއަންޓަނުގެ ކާރބޮންޑައި އޮކްސައިޑް ޖައްވުގެ ތެރެއަށް ދޫކުރެވިގެންދިއުމުގެ އިތުރުން އެ މަސައްކަތުގެ މަރުހާލާތަކުގައި އެވަރެޖް މިންގަނޑަކަށް ބަލާ ނަމަ 22 ބިލިއަން ޓަނުގެ ފެން އިސްތިއުމާލު ކުރާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ސިނގިރޭޓު އުފެއްދުމުގެ ތެރެއިން ފާހަގަކުރެވިފައިވާ ކަންބޮޑުވުންތަކާއި މެދު ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސިނގިރޭޓު ބުއިމަށް ފަހު އެއްލާލެވޭ ފިލްޓަރުގެ 4.5 ޓްރިލިއަން އެތިކޮޅު ރައްކައުތެރިކަމާއި އެކު ނައްތާނުލައި އުކާލެވުމުން އެވަރެޖް ގޮތަކަށް އަހަރެއްގެ މައްޗަށް 766 ޓަނުގެ ވިހަ ކުނި އުފެދި ދިއުމާއި އެކު އޭގެން އެތައް ބައިވަރު ވިހަ މާއްދާތަކެއް ބިމާއި ވަޔާއި ފެނާއި އެކުލެވިގެންދާކަމަށެވެ. އަދި ދުންފަތުގެ ބޭނުން ކުރުމުން ތިމާގެ އަމިއްލަ ދުޅަހެޔޮކަމަށް އަދި އަނެކާއަށްވެސް ގެއްލުންތަކެއް ލިބިގެންދާކަން ފާހަގަކުރަށްވާ ރައީސް ސޯލިހު ވިދާޅުވީ، އެނގި ހުރެ އެހެންމީހެއްގެ ސިއްހަތައް ގެއްލުންވާ ފަދައިން އަމަލު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށާއި އަންނަނިވި ޖީލުތަކަށްޓަކައި ދުނިޔޭގެ ގުދުރަތީ ވެށި ރައްކައުތެރިކޮށްދިނިމުގެ މަގުސަދުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުބައި އާދައަށް ނޫނެކޭ ބުނުމުގެ ވަގުތު އައިސް ޖެހިފައިވާކަމަށް ރައީސް ސޯލިހުވަނީ ވިދާޅުވެފައިއެވެ.
މީގެ އިތުރުން ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތާބުގައި އެ މަނިކުފާނުވަނީ ރާއްޖޭގެ ރައްޔިތުން ދުންފަތުގެ ނުރައްކާތެރިކަމަށް ހޭލުންތެރިކޮށް، އެ ނުބައި އާދައިން ރައްޔިތުން ދުރުހެލި ކުރުމަށް މަސައްކަތް ކުރާ އެންމެހާ ފަރާތްތަކަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ރައްދުކުރަށްވާފައިއެވެ.

