ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ފުށްޖަހައި ދޮންކޮށް، އެ އޮފް ކަނޑުވާލީ ވެސް އަޅުގަނޑުމެން: ރީކޯ މޫސަ

ރައީސް މުހައްމަދު ނަޝީދާއި، ރީކޯ މޫސާ މަނިކު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު އެމްޑީޕީގައި ތިބި ޒުވާން ކުދިންނަށް އެމްޑީޕީ އުފެދިގެން އައި ގޮތް ނުފެންނާނެކަމަށާއި ފެންނާނީ އެބޭފުޅުން ފުއްޖަހާ ދޮންކޮށްފައި ނެރުނު މުހައްމަދު ނަޝީދުކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު އަދާކުރެއްވި ރީކޯ މޫސާމަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި ރީކޯ މޫސަ އެ ޕާޓީން ބޭރު ކުރީ ރައީސް މުހައްމަދު ނަޝީދާއި ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިންނެވެ. އޭގެ ފަހުން މޫސަ ގެންދަވަނީ އެމްޑީޕީއަށް ބަދަލުތަކެއް ގެންނަން ޖެހޭކަމާއި، ޕާޓީގެ އެތެރޭގައި ބަސް ބުނުމުގެ ޖާގަ ކޮންމެ މީހަކަށް ވެސް ދޭން ޖެހޭކަން ފާހަގަ ކުރަމުންނެވެ.

ހާއްސަކޮށް ނިމިދިޔަ އެމްޑީޕީގެ އިންތިހާބުގެ ވާދަވެރިކަމުގެ ތެރެއިން، މޫސަ ވަނީ ޕާޓީގެ ބައެއް އެތެރޭގެ މައްސަލަތަކަށް ވާހަކަ ދައްކަވާފަ އެވެ. އަދި އެކަންކަން ހައްލު ނުކުރެވޭ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި މޫސަ ވިދާޅުވީ، ރައީސް ނަޝީދު ބާރުގެ ބޭނުން ވުމާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ނުވަތަ ބޮޑު ވަޒީރުކަން ބޭނުންވުމެވެ. އޭގެ ތެރެއިން އެމަނިކުފާނާއި ހިޔާލުތަފާތުވާ، އަދި ތާއީދު ނުކުރާ ކޮންމެ މީހަކު އެމްޑީޕީން ބޭރު ކުރަން ރައީސް ނަޝީދު މަސައްކަތް ކުރާކަމަށް މޫސަ ވިދާޅުވި އެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި މޫސަ ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދަކީ ފެށުނީއްސުރެ ތިމާ ނޫން އެހެން މީހަކަށް ވެރިކަން ލިބެންޖެހޭކަމަށް ގަބޫލު ކުރެއްވި ބޭފުޅެއް ނޫންކަމަށެވެ. އަދި ރައްޔިތުންގެ އެ ތާއީދު ދެމި އޮންނަން ޖެހޭނެކަމާއި، އެހެން މީހަކަށް ތާއީދު އިތުރުވާހެން ހީވާ ކޮންމެ ދަނޑިވަޅެއްގައި އެ ފަނޑު ކުރަން ވެސް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށެވެ.

ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރުމަށް، ކުރީ ސަފަށް ނެރުމުގައި އެންމެ އިސްރޯލެއް އަދާ ކުރީ ޕާޓީ އުފެއްދި މީހުން ނަމަވެސް ބާރުގެ ބޭނުންކޮށް އެ އެންމެން ވެސް ދާން މަޖުބޫރުވިކަމަށް މޫސަ ވިދާޅުވި އެވެ. އެމްޑީޕީ އުފެދިގެން އައި ގޮތާއި، ނުވަތަ ވިޔަވާރިވެރިންގެ ޖަމިއްޔާގެ ތެރެއިން އޭރު ކުރި މަސައްކަތް މިއަދު އެމްޑީޕީގައި ތިބި ގިނަ ޒުވާނުންނަށް ނޭނގޭނެކަން މޫސަ ފާހަގަ ކުރެއްވި އެވެ.

މޫސަ ވިދާޅުވީ މިއަދު ފެންނަން ހުރި ނަޝީދު އުފެއްދީ އެބޭފުޅުންކަމަށާއި، އަދި އުނދަގޫ ބޮޑުވާން ފެށުމުން އެކަން ކަނޑުވާލީ ވެސް އެ މަސައްކަތް ކުރި މީހުން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް ދޭންޖެހޭކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، ވެރިކަމާއިގެން ކުރިޔަށް ދިއުމަށް ރައީސް ނަޝީދުގެ ފަރާތުން އުނދަގޫތައް ދިމާވާނަމަ އެމަނިކުފާނު އެއްފަރާތްކޮށް ނަމަވެސް ރިޔާސީ އިންތިހާބަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ.

ޕާޓީން ބޭރު ކުރުމުން، ނުވަތަ ރިޔާސީ އިންތިހާބުގެ ފުރުސަތު ގެއްލިގެން އިތުރު ޕާޓީއެއް ހަދައި ރައީސް ނަޝީދު ނިކުންނަވާފާނެކަމަށް ގަބޫލު ނުކުރާކަމަށް މޫސަ ވިދާޅުވި އެވެ. އެއީ ރާއްޖޭގެ ސިޔާސީ މަސްރަހު ރައީސް ނަޝީދު ރަނގަޅަށް ދިރާސާ ކުރެއްވުމާއި، އަދި ވަށައިގެންވާ ކަންކަމަށް ބެލުމަށް ފަހު އިބުރަތް ހޯއްދަވާނެތީކަމަށް މޫސަ ވިދާޅުވި އެވެ.

30 އަހަރުގެ ވެރިކަމެއް ކުރައްވައި، އާރާއި ބާރުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް މިއަދު ޕާޓީއަށް 3000 މެމްބަރުން ހަމަނުވެގެން އުޅުއްވާތީ ރައީސް ނަޝީދު އެކަމާއި މެދު ފުންކޮށް ވިސްނަވާނެކަމަށް މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ގޮތްދޫނުކޮށް ކުރިޔަށް ދާން މަސައްކަތް ކުރާނަމަ ރައީސް ނަޝީދު އެމްޑީޕީން ބޭރުވާނެކަމަށެވެ.

2013 ވަނަ އަހަރު ގޮތަށް އެމްޑީޕީ ފައްކާވެގެންދިޔަ ދުވަސްވަރެއް ދެން ރައްޔިތުންނަކަށް ނުފެންނާނެކަމަށާއި މިކަމުގެ މުގުލުގައި ހުރީ އޭނާކަމުގައި މޫސަ ވިދާޅުވިއެވެ.

އަންނަ އަހަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނަޝީދަށް އެމްޑީޕީގެ ޓިކެޓް ލިބިދާނެތޯ ސުވާލު ކުރެއްވުމުން މޫސަ ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖެއަށް އޮތް “ޗޮއިސް” އެއްނޫންކަމުގައެވެ. އަދި އެމްޑީޕީ ހިނގީ ރައީސް ނަޝީދުގެ ލީޑާޝިޕްގައި ނޫންްކަން ރައްޔިތުންނަށް އެނގޭކަމަށާއި ޕާޓީ ހިންގީ އޭރު އޮތް ލީޑާޝިޕްކަމަށް އޭނާ ވިދާޅުވިއެވެ.

ނަސޭހަތެއްގެ ގޮތުން އޭނާ ރައީސް ނަޝީދަށް ވިދާޅުވީ އެމްޑީޕީއަކީ ރައީސް ނަޝީދުގެ “މުދާ ގަނޑެއް” ނޫންކަމަށެވެ. އަދި ކަމެއް ކުރަންވަންޏާ ޕާޓީ އޮޔާނުލާ ޝަަރަފްވެރިކަމާއިއެކު ޕާޓީއަށް ގޮތްކިޔޭ މީހެއްގެ ގޮތުގައި ދުރަށް ވެސް ޖެހިވަޑައި ނުގަންނަވާ ހުރުމަށް އެދިވަޑައިގަތެވެ. އަދި ރަައީސް ސޯލިހަށް ގޮނޑި ދެއްވާ ނަން ކިލަބު ނުކޮށް ހުންނެވުމަށް އެދުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: