އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާއިގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.
ޝަރީއަތް ކެންސަލްވީ މައްސަލަ ބައްލަވާ ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދީފައިވެއެވެ.
ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ކުރީ މިއަދުގެ މެންދުރު 1:00 އަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ހިނގަމުން ދާއިރު މައްސަލައިގެ ޝަރީއަތް ލައިވް ކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގަތް ނަމަވެސް ކޯޓުގައި ވަސީލަތް ނެތް ކަމަށް ބުނެ މިހާތަނަށް އަޑުއެހުންތައް ލައިވް ނުކުރެއެވެ. އޭރު މައްސަލަ ލައިވް ކުރުމާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވެފައިވަނީ ލައިވް ކުރެވެން ނެތީ ކޯޓުގައި އެކަށޭނެ ވަސީލަތް ނެތުމުގެ ސަބަބުން ކަމަށެވެ.
އެހެންވެ އެ ވަސީލަތްތައް ހަމަޖެހެންދެން މައްސަލަ މަޑުޖައްސާލަން ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައި ވަނިކޮށް ރާއްޖޭގެ ޕްރައިވެޓު ދެ މީޑިއާއެއްކަމަށް ވާ “ސަންގު ޓީވީ” އާއި “ޗެނަލް 13” އިން މައްސަލަ ލައިވް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި އެވެ. އަދި ސަންގު ޓީވީން ވެސް ވަނީ ހުރިހާ ވަސީލަތްތަކާއި އެކު، އެއްވެސް އަގެއް ނެގުމަކާއި ނުލައި މައްސަލަ ބްރޯޑްކާސްޓު ކުރެވިދާނެކަން ފާހަގަކޮށް ސިޓީ ހުށަހަޅާފަ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ރައީސް ޔާމީން ހިޔާނާތްވީކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ކުރަނީ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.
ރައީސް ޔާމީންގެ މައްޗަށް މި ދައުވާ އުފުލީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ކުރަނީ، ރަށް ވިއްކާލައިގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ކަމުގެ ތުހުމަތެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ދަށު ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން، ރައީސް ޔާމީން މިވަގުތު ހުންނެވީ މިނިވަނެއްގެ ގޮތުގަ އެވެ. ނަމަވެސް ހިޔާނާތުގެ މައްސަލައާއި ރައީސް ޔާމީނާއި ގުޅުވައި ތަހުގީގުތަކެއް ކުރިޔަށްދާއިރު މީގެ ތެރެއިން ރ. ފުއްގިރީ އަކީ ކޯޓުގައި ކުރިޔަށް ދާ އެއް މައްސަލަ އެވެ.