ތިރީސް ޕަސެންޓުގެ ވޯޓަކަށް މީހަކު ވެރިކަން ކުރަން ނިކުތުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ތިރީސް އިންސައްތަ ވޯޓް ހޯދާ މީހާ އިންތިހާބު ކާމިޔާބު ކުރާނަމަ ޖެހޭނީ ގާނޫނަށް ބަދަލުގެންނަން ކަމަށެވެ.
މޫސަ ވިދާޅުވީ ގާނޫނު އަސާސީ އަށް ބަދަލު ތަކެއް ގެނެސްގެން ހުތްޖަތްތަކެއް ގެންނަ ކަމުގައެވެ.
ރައްޔިތުން ކުރިމައްޗަށް އަންނަ މީހަކަށް ފަންސާސް ޕަސެންޓާއި އެއް ވޯޓް އިތުރަށް ލިބެން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި އޮންނާނެ ކަމަށާއި ވޯޓުލާ އާބާދީގެ ނިސްބަތުން ފަންސާސް ޕަސެންޓާއި އެއް ވޯޓް އިތުރަށް ލިބުނަސް އެމީހަކު ހޮވޭނެ ކަމުގައި މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެ ހައްގަކީ އެމްޑީޕީ އަމިއްލަ އަށް ބޭނުންވެގެން ރައްޔިތުން އަތުން ނިގުޅައިގަނެވޭނެ ހައްގެއް ނޫންކަމަށެވެ.
ރާއްޖެ އަކީ 75 އާކި 89 އާ ދޭތެރޭ ޕަސެންޓޭޖަށް ވޯޓްލާ ގައުމެއް ކަމުގައި މޫސަ ވިދާޅުވިއެވެ.
އެކަމުންވެސް ރައްޔިތުން އިންތިހާބު ތަކުގައި ވޯޓް ލާން ބޭނުން ވާވަރު ހާމަވާކަމުގައި މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ 70 އިންސައްތަ މީހުން އާންމު ގޮތެއްގައި އިންތިހާބުތަކުގައި ވޯޓްލާ ކަމަށާއި އެހެންކަމުން އެމްޑީޕީ ނުވަތަ ރައީސް މުހައްމަދު ނަޝީދު ބޭނުންވީމަ ތިރީސް ޕަސެންޓާ ހަމައަށް ނުދެވޭނެ ކަމުގައެވެ.
އޭނާ ވިދާޅުވީ އެހާ ހިސާބުން މަގުމައްޗަށް ނިކުންނާނެ ކަމަށާއި އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމުގައެވެ. މޫސަ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރަންވާނީ ފުލް މެޖޯރިޓީ ނުވަތަ ރައްޔިތުންގެ ސާފު އަގުލަބިއްޔަތާ އެކު ކަމުގައެވެ. އަދި މިހާރު ގާނޫނު އަސާސީގައިވާ ފަންސާސް އެއް އިންސައްތަ ވޯޓް ހޯދާ މީހާ އިންތިހާބު ކާމިޔާބު ކުރާ ގޮތް ރަނގަޅު ކަމުގައެވެ.
މޫސަ އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަށް ދެވަނަ ދައުރެއް ލިބެން ޖެހޭ ކަމަށާއި ނަމަވެސް އެގޮތް ނިންމާނީ އެމްޑީޕީގެ މެމްބަރުން ނާއި ގައުމީ މަޖިލީހުން ކަމަށެވެ. އޭގެ އިތުރުން މޫސަ ވިދާޅުވި ގޮތުގައި ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބުމުގެ ޗާންސް ބޮޑީ ކޯލިޝަން އާއި އެކު އުޅެފައި ކޯލިޝަނަކާއި ނުލާ އެމްޑީޕީ އަށް ވެސް އަދި ޕީޕީއެމަށް ވެސް ރާއްޖޭގެ ވެރިކަމަށް އާދެވިފައި ނެތުމާއި ނާދެވޭނެތީއެވެ.
މޫސަ ވިދާޅުވީ ކޯލިޝަނަކާއި ނުލާ ވެރިކަމަށް އަންނަ ވަރަށް އަދި ތަސައްރަފު ނުފުދޭ ކަމަށެވެ.
މޫސަ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯލިޝަނާއި ނުލާ ވެރިކަން ކުރުމަށް އެމްޑީޕީ އިން މަސައްކަތް ކުރަންޖެހޭ ފަދަ މޭރުމަކުން ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވާފައެވެ. އަދި އިންތިހާބުގައި 30 އިންސައްތަ ވޯޓް ހޯދާ މީހަކު އިންތިހާބު ކާމިޔާބު ކުރުމާއި ގުޅޭ އިސްލާހު އެމްޑީޕީގެ ކޮންގްރެސް އަށް ހުށައެޅުމަށް ރައީސް ނަޝީދު ވަނީ ހިޔާލުފާޅު ކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމާއި އެނިޒާމުގެ ފައިދާ އާއި ގުޅޭ ގޮތުން ރައީސް ނަޝީދު ވަނީ އެކި ފަހަރު މަތިން ވާހަކަ ފުޅު ދައްކަވާފައެވެ.

