ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ހޯދައި އެ ގޮތްތަކަށް ދިރިއުޅެން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ޖަލްސާގެ ތެރޭގައި ފުވައްމުލައް ސިޓީ ބަޔޮސްފިޔަރ ރިޒަރވް ލޯގޯ އިފްތިތާޙުކުރުމުގެ އިތުރުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ލޯ އެންޑް ނަން ކެމިކަލް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް“ ގެ ޕްރޮޖެކްޓް ޑޮކިއުމަންޓްގައި ސޮއި ކުރެވިގެންދިޔައެވެ.
މީގެ އިތުރުން ”އޮންލީ ވަން އާތް“ ވާހަކަފޮތް މުބާރާތުގެ އެއްވަނައަށް ދިޔަ ޝަރަފުއްދީން ސްކޫލުގެ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައެވެ. އަދި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ބައިސްކަލު ބުރުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
އެއަށްފަހު ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ތިމާވެށީގެ ދުވަހެއް ފާހަގަކުރެވެނީ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކާއިމެދު ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށްޓަށް ގެއްލުންލިބޭ ކަންތައްތަކުން ދުރުހެލި ކުރުމަކީ އެންމެ މުހިންމު އެއް ބޭނުން ކަމަށް ދެކިގެން ކަމަށެވެ. ނެތިގެންދާ ވަޞީލަތްތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް މިފަދަ ދުވަހެއްގައި ވިސްނަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެ ގޮތުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި ގުދުރަތީގޮތުން ތަނަވަސްވެފައިވާ އެކިއެކި ވަޞީލަތްތައް ދިރިއުޅުމުގެ ފަސޭހައަށްޓަކައި ބޭނުންހިފާއިރު އެ ވަޞީލަތްތައް ގެއްލިގެން ދިއުމުން އެ ކަމުން ކުރިމަތިވާނެ ނުތަނަވަސްކަން ހިތަށް ނުގެވޭކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ފައިސަލްގެ ވާހަކައިގައި އިތުރަށް ފާހަގަކުރެއްވީ ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތައް އަންނަމުންދާ ކަމަށާއި ޖައްވު ހޫނުވެ ތަޣައްޔަރު ވަމުންދާ ކަމަށެވެ. ކުރީގައި އަޑުނާހާ މިންވަރަށް މި ރާއްޖޭގެ އިތުރުން އެހެނިހެން ޤައުމުތަކުގައިވެސް އުދައެރުމާއި ފެންބޮޑުވުމުގެ ހާދިސާތައް ފަދަ ޤުދުރަތީ އެކިއެކި ހާދިސާތައް ހިނގުން އިތުރުވެފައިވާ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި އެހެނިހެން ކަންކަމަށް ލިބެމުންދާ ގެއްލުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއިމެދު ދުނިޔޭގެ އެކިއެކި ލީޑަރުންނާއި ތިމާވެށީގެ ހައްޤުގައި ވަކާލާތުކުރާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ އިތުރުން އެ ކަމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށާއި އަދި ދިވެހިރާއްޖެ ހިމެނިގެންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާ ޤައުމުތަކުގެ ތެރޭގައި ކަމަށާއި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތަކީ ހަމަ އެކަނި ދެކެވޭ ވާހަކައަކަށް ވެގެން ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މައްޗަށް އަލިއަޅުވާލައްވާ ފައިސަލް ވިދާޅުވީ އެ ގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހިންގާ އެންމެހާ މަސައްކަތްތަކަކީ ރައްޔިތުންގެ ހެވާއި ލާބައަށް ކުރެވޭ މަސައްކަތްތަކެއްކަމުގައެވެ. އެ ގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މިހާރު ތަންފީޒުކުރަން ފަށާފައިވާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އެ މަނިކުފާނު ވަނީ ކުނީގެ ބާވަތްތައް ވަކި ކުރުމަށާއި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޒާތުގެ ޕްލާސްޓިކާއި ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި އެމަގުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރަށް ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤޫބޫލު މަންޒިލެއް ކަން ފާހަގަކުރެއްވިއެވެ. ރާއްޖެއަށް ފަތުރުވެރިންގެ ސަމާލުކަން ލިބުމުގެ ސަބަބެއްކަމުގައި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ސާފު މޫދާއި ދޮންވެލި ތުނޑިތައް ދައްކަވާ ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު މިފަދަ ތަންތަން ވާޞިލުކޮށްދިނުމަށްޓަކައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާކަމަށެވެ.

