ދުނިޔޭގެ ގިނަ ގައުމުތަކުގައި މަގުބޫލު ވަމުންއަންނަ ގްރީން ކޮންކްރީޓް ނުވަތަ ލޯ ކާބަން ކޮންކްރީޓް އެސްޓިއޯ އިން ބާޒާރަށް ނެރެފިއެވެ.
ޒަމާނާއި އެއްގޮތަށް އަދި ޒަމާނީ ވަސީލަތްތައް ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ތައާރަފްކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ އެސްޓީއޯ އިން ބާޒާރަށް ނެރެފައިވާ ގްރީން ކޮންކްރީޓްގެ ސަބަބުން ތިމާވެއްޓާއި އެންމެ ރަހުމަތްތެރި ވަސީލަތްތައް އިމާރަތް ކުރުމުގައި ބޭނުން ކުރާ ފަރާތްތަކަށް އެފުރުސަތު ފަހިވެގެންދާނެއެވެ.
ގްރީން ކޮންކްރީޓަކީ އާދައިގެ ކޮންކްރީޓް ނުވަތަ ކޮންވެންޝަނަލް ކޮންކްރީޓާ އަޅާ ބަލާއިރު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށްފީ އަދި ހައިޑްރޭޝަންގެ ހޫނު އާދައިގެ ކޮންކްރީޓަށް ވުރެ ބޮޑަށް ދަށް ކޮންކްރީޓެކެވެ.
ދުނިޔޭގެ އެންމެ ފުރަތަމަ ގްރީން ކޮންކްރީޓް ތައާރަފު ކުރެވުމީ 1998 ވަނަ އަހަރު ޑެންމާކުގައެވެ.
އަދި މިއީ ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް ރާއްޖެ މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި އެސްޓީއޯ އިން ކުރިއަށް އެޅި މުހިއްމު ފިޔަވަޅެއް ކަމުގައި އެކުންފުނިން ހާމަކުރެއެވެ.
ގްރީން ކޮންކްރީޓަކީ ރިސައިކަލް ކޮށްފައިވާ ރޯމެޓީރިއަލް ބޭނުންކޮށްގެން އުފައްދާ ކޮންކްރީޓެކެވެ. އަދި ރިސައިކަލް ކުރެވިފައިވާ ރޯ މެޓީރިއަލް ބޭނުން ކުރި ކަމުގައިވީނަމަވެސް މިއީ ކޮންކްރީޓްގެ ސްޓްރެންތަށް އަސަރެއް ނުކުރާ ގޮތަށް ފަރުމާ ކުރެވިފައިވާ ކޮންކްރީޓެކެވެ.
މިގޮތުން އާދައިގެ ކޮންކްރީޓްގެ ބަދަލުގައި ގްރީން ކޮންކްރީޓް ބޭނުންކުރުމުގެ ސަބަބުން 10 އިންސައްތަ އާއި 15 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް ކާބަންޑަ އޮކްސައިޑް ބޭރުކުރާ މިންވަރު ދަށްކޮށްދެއެވެ.
ގްރީން ކޮންކްރީޓްގައި ސިމެންތީގެ ބަދަލުގައި ބޭނުންކުރާ އެއް ބާވަތަކީ ގްރައުންޑް ގްރެނުލޭޓެޑް ބްލާސްޓްފާނޭސް ސްލެގް (ޖީޖީބީއެސް) އެވެ.
މި ކޮންކްރީޓް ގަތުމަށް ބޭނުންނވާ ފަރާތްތަކަށް އެސްޓީއޯ އިން ވަނީ އެފުރުސަތު ހުޅުވާލާފައެވެ،

