ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް އަކީ ލާމަރުކަޒު ކުރުމާއި ދެކޮޅު ޕާޓީއެއް: ޔައުގޫބް

ދާންދޫ ދާއިރާއިގެ މެމްބަރު ޔައުގޫބު އަބްދުﷲ - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް އަކީ ލާމަރުކަޒު ކުރުމާއި ދެކޮޅު ޕާޓީއެއް ކަމުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކައުންސިލްތައް ހިންގުމުގައި ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން ހުށައެޅި ގަރާރަށް ވާހާކަ ދައްކަވަމުން ޔައުގޫބު ވިދާޅުވީ ޕީޕީއެމް ސަރުކާރަކީ ލާމަރުކަޒު ކުރުމާއި ދެކޮޅު ސަރުކާރެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ޕީޕީއެމްގެ ވެރިކަމެއް އައިސްފިނަމަ ލާމަރުކަޒު ކުރުމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށާއި އެކަމުގެ މިސާލަކަށް ނިމިދިޔަ ސަރުކާރު ފުދޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

މިއަދު ޕީޕީއެމްއިން ކައުންސިލް ހިންގުމުގައި ދަތިތަކެއް ހުރި ކަމުގެ ވާހަކަ ދައްކަނީ ލާމަރުކަޒު ކުރާތީ އެކަމުގެ ބިރަށް ކަމަށާއި ރައްޔިތުން ބާރުވެރިވެދާނެތީ އެއްވެސް ތާކުން އެކަން ވިޔަނުދޭން ކަމުގައި ޔައުގޫބް ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރެއް ވެރިކަމުގައި އޮވެ އަދި މަޖިލީހުގައި ފުރިހަމަބާރު ލިބިފައިވާއިރު، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނެސްދޭނެ ކަމުގައި ޔައުގޫބު ވިދާޅުވިއެވެ. ޔައުގޫބް ވިދާޅުވީ ކައުންސިލަރުންނަށް އެމީހުންގެ ވާޖިބު އަދާ ކުރުމުގައި ދަތިތަކެއް ހުރެއްޖެނަމަ އެކަން ރައްޔިތުންގެ ކައިރިން އަހާ އޮޅުންފިލުވާ ސާފުކޮށްގެން ވީވަރަކުން އެކަންކަން ކުރަމުންގެންދާނެ ކަމުގައެވެ. އަދި ދާދި ފަހުން އ.އ އުކުޅަހުގައި ބޭއްވުނު ވިއަވަތި ކޮންފަރެންސް އަކީ އޭގެ ނަތީޖާއެއް ކަމުގައި ޔައުގޫބް ވިދާޅުވިއެވެ.

އެ ކޮންފަރެންސް މެދުވެރިކޮށް އެވަގުތު ކުރެވެން ހުރި ކަންކަމަށް އެވަގުތު ހައްލު ލިބިގެން ދިޔަކަން ފާހަގަ ކުރައްވައި އެކަމުގެ މިސާލެއްގެ ގޮތުގައި އަތޮޅުފިހާރައިގެ ކުލި ކައުންސިލް ތަކަށް ލިބޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ހަމަޖައްސަވައި ދެއްވާފައި ކަމުގައި ވިދާޅުވިއެވެ. އަތޮޅު ފިހާރައިގެ ކުއްޔަކީ ހުރިހާ ރަށެއްގެ ކައުންސިލަރުން އެކަމާއި ޝަކުވާ ކުރި މައްސަލަ އެއް ކަމުގައި ފާހަގަކުރައްވައި ޔައުގޫބު ވިދާޅުވީ އަތޮޅު ފިހާރަތަކަށް ލިބުނު ކުލި ޕީޕީއެމްގެ ސަރުކާރުގައި ހުރީ ހިފެހެއްޓިފައިކަމަށެވެ.

ޕީޕީއެމްގެ ސަރުކާރުން 2015 އިން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އަތޮޅު ފިހާރަތަކަށް ލިބުނު ކުލި ހުރީ ނުދެވި ކަމަށާއި އެފައިސާ ކައުންސިލްތަކަށް ޖަމާކޮށްދިނީ މިސަރުކާރުން ކަމުގައި ޔައުގޫބު ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ އަތޮޅު ފިހާރައިގެ ކުލި އެއްކޮށް އަތޮޅު ކައުންސިލްތަކާއި ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕީޕީއެމް ސަރުކާރެއް މިއަދު އޮތް ނަމަ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ތެރެއިން ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ފައިސާ ވެސް ނުދީ ހިފަހައްޓާނެ ކަމަށެވެ.

އަދި ކައުންސިލް ތަކަށް އެއްވެސް ވަރަކަށް ގުޑާލެވޭނެ ފައިސާ އެއް ނުދޭނެ ކަމަށާއި މާލީ ގޮތުންނާއި އިދާރީ ގޮތުންނާއި ހުރިހާ ގޮތަކުން ކައުންސިލްތައް ޕީޕީއެމް ސަރުކާރެއްގައި އިނދަ ޖައްސާލާނެ ކަމުގައި ޔައުގޫބު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: