އެތައް ދުވަސްތަކަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރުފުޅު ހައްދަވައިފިއެވެ.
ދިވެހި ރާއްޖޭ ”ބަނގުރޫޓު“ ވެދާނެކަމަށް އެތައް ފަރާތްތަކަކުން ބުނަމުންދާ ދަނޑިވަޅެއްގައި ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލު ކުރެއްވާ ރައީސް ޔާމިންގެ ސަރުކާރުގައި އެމްޑީޕީއިން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން މަސައްކަތް ކޮށް ބޮޑެތި ކެމްޕެއިންތަކެއް ހިންގާފައިވާކަމަށް ނޫސްވެރިއަކު ފާހަގަކޮށް އެކަމާއި ގުޅުވައި ސުވާލުކުރުމުން ރައީސް ސޯލިހު ވަނީ އެކަން ދޮގުކުރައްވާފައިއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވާ އިރު، ރައީސް ޔާމިންގެ ދައުރުގައި ފަތުރުވެކަން ބޮއިކޮޓް ކުރަން އެމްޑީޕީއިން އިސްނަގައިގެން މަސައްކަތްތަކެއް ކުރި އިރު، ރައީސް ސޯލިހުވެސް އެ ކެމްޕެއިންތަކުގައި ބައިވެރިވެފައިވެއެވެ. އަދި މިހާރުގެ އިގްތިސޯދީ ވަޒީރުގެ މަގާމުގައި ހުންނަވާ ފައްޔާޒު އިސްމާއިލްވެސް އިސްކޮށް ހުންނެވިއެވެ.
މީގެ އިތުރުން ވެސް ރައީސް ސޯލިހު ވަނީ މި ބައްދަލުވުމުގައި އިތުރުފުޅު ހައްދަވާފައެވެ. އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަހިކުރުމަށް ސަރުކާރުން މަސައްކަތްކޮށް މަޖިލީހަށްވެސް ހުށައަޅާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ ދިވެހި ރާއްޖޭގެ މިނިވަންކަން ގެއްލިދާނެކަމަށް ކަންބޮޑުވެ އިދިކޮޅު ކޯލިޝަނުން ހިންގާ ”އިންޑިއާ އައުޓް“ ކެމްޕެއިންވެސް ނުހިންގޭނެ ފަދައިން ކަނޑައަޅާ ގަރާރެއްގައިވެސް ސޮއިކޮށް ނެރިފައިއެވެ. އަދި އެއްވެ އުޅުމުގެ މިނިވަންކަން ފަހިވާފަދައިން ސަރުކާރުން ބިލެއް ހުށައަޅާފައިވާކަމަށް ބުނެފައިވާއިރު، އެ ބިލަކީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައަޅާފައިވާ ބިލެއްކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން ޖާބިރު އެ ބިލު ހުށައެޅުމުން ސަރުކާރުގެ ނުފޫޒުން އެބިލު ވަނީ މަޖިލީހުގެ ތަޅުމުގައި ތާށި ކުރެވިފައިކަންވެސް ފާހަގަކޮއްލެވެއެވެ. އެހެންކަމުން މިފަދަ ބަދަލެއް ރައީސް ސޯލިހު ގެންނަން ބޭނުން ނުވާކަމަށް ފާހަގަކުރެވެއެވެ.
ރައީސް ސޯލިހު އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ކުރާކަމަށް ބުނެ އިތުރުފުޅު ހައްދާފައިވާކަމަށް ހެއްކެއްގެ ގޮތަށް ފާހަގަކުރެވިފައިވަނީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެ އުޅުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެނައި އިސްލާހު އެއްކޮށް އުވާލައިފި ނަމަ މުޅި ނިޒާމަށް ބުރޫއަރާފާނެ ފަދަ އެތައް ކަމެއް ކުރިމަތިވެދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވިދާޅުވުމެވެ. އެހެންކަމުން ސަރުކާރުން އެ އިސްލާހު އުވާލުމުގެ އެއްވެސް ހިޔާލެއް ނެތްކަމަށް ފާހަގަކުރެވެއެވެ.

