ނަމާދު ކޮށް ރޯދަ ހިފައި ކީރިތި ގުރުއާން ކިޔަވައި އުޅުނަސް، ތަރިކަ މުދަލަށް އަރައިގަންނަ މީހާއަކީ އީމާންކަން ބަލިކަށި މީހެއް ކަމަށާއި، އެއީ ﷲގެ ދުޝްމަނުންނާއި އެއްފަދަ މީހެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.
ވާރުތަ މުދަލަށް ރައްކާތެރިވުމާއި ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެފައި ވަނީ މީހާ މަރުުވުމުން އޭނާ ދޫކޮށްލާފައިވާ ތަރިކައަކީ، އެ ބަހާނެ އުސޫލުތަކާއި، ގަވާއިދުތަކެއް، މާތްﷲ ކަނޑައަޅުއްވާފައިވާ އެއްޗެއް ކަމަށެވެ. އަދި ތަރިކަ މުދާ ބެހުމަށް މާތްﷲ ވަސިއްޔަތް ކުރައްވާފައިވާ ކަމަށް ޙުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ތަރިކަ މުދާ ބެހުމާއި ގުޅޭގޮތުން، ނިސާ ސޫރަތުގެ 11،13،176 ވަނަ އާޔަތުގައި އެ މުދާ ބަހަންވީގޮތުގެ ތަފްސީލީ ގަވާއިދުތައް، މާތްﷲ ބަޔާންކޮށް ވަހީކުރައްވާފައިވާ ކަަމަށް ހުތުބާގައި ވެއެވެ.
މި އާޔަތްތަކުން އެނގޭގޮތުގައި ތަރިކަމުދަލަކީ އެ މުދާ ބެހުން، މާތްﷲ ފަރުޟު ކުރައްވާފައިވާ އެއްޗެކެވެ. އެއީ ހެޔޮކަމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމެއް ނޫނެވެ. ތަރިކަ މުދާ ބެހުމުގެ މައްސަލައިގައި އެއްވެސް ފަރާތަކަށް އިހްތިޔާރު ލިބިގެނެއް ނުވެއެވެ. އެ މުދާ ބަހަން ޖެހޭނީ މާތްﷲ ކަނޑައަޅުއްވާފައިވާ ގޮތަށެވެ. ތަރިކައަކީ މާތްﷲގެ ހައްގު ތެރޭގައި ހިމެނޭ އެއްޗެކެވެ. އެކަލާނގެ ހައްގަކަށް އަރައިގަނެގެން ނުވާނެކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.
ދުޝްމަނުން އިސްލާމް ދީނުގެ ބުރުސޫރަ ހުތުރުކުރުމަށްޓަކައި، ދައްކާ އަސާސެއްނެތް ވާހަކަތަކުގެ ތެރޭގައި، ތަރިކަ މުދާ ބެހުމާއި އިސްލާމް ދީނުގައި އަންހެނުނަށް އަނިޔާވެރިވެފައިވާހަކަ ވާ ކަަމަށެވެ. އަދި މާތް ﷲ ތަރިކަ މުދާ ބެހުމަށް އަންގަވާފައިވާ ގަވާއިދުތައް ބަދަލު ކުރުމަށް އެމީހުން ގޮވައިލި ކަމަށް ޚުތުބާގައި ވެއެވެ.
މައްޔިތާ ދުނިޔެ ދޫކުރުމުން އޭނާގެ ކަށުކަމާއިކެމީގެ ކަންކަމާއި، އޭނާގެ ދަރަނި އަދާކޮށް، ވަސިއްޔަތްތައް ފުއްދަން ޖެހޭ ކަމަށާއި ތަރިކަ މުދަލުގެ ގޮތުގައި ވާރިސުންނަށް ލިބޭނީ މިކަންކަން ފުރިހަމަ ކުރުމަށްފަހު ބާކީ ހުރި އެއްޗެއް ކަމަށް ހުތުބާގައި ވެއެވެ.
އޭގެ އިތުރުން، ތަރިކަ މުދާ ބެހުމުގައި މައްސަލަ އުފެދޭ ކަންތައްތަކުގެ ތެރޭގައި ތަންތަން ބެހުން ފަސްކުރުމުގެ ސަބަބުން ނުކުންނަ މައްސަލަތައް ވާ ކަަމަށެވެ. އަދި ބައެއް ފަހަރަށް އެފަދަ ބައެއް ހަރުމުދާ ބޭންކުގައި ރަހުނުކޮށް، ދަރަނި ނެގުމުގެ ސަބަބުން ޖެހޭ މައްސަލަތައް ވެސް ވާ ކަަމަށާއި ބޭންކުގައި ހުރި އެކައުންޓުތަކާއި ކުޅުމުގެ ސަބަބުން އަހުންނާއި، އުހްތުންނާ ދެމެދު ދެބަސްވުންތައް އުފެދި، ތިމާގެކަމުގެ ގުޅުން ކެނޑިގެންދާ ކަމަށާއި އެހެންކަމުން ވާރަތުވެރިޔާ ދޫކޮށްފައިވާ ތަރިކަ، މާތްﷲ އަންގަވާފައިވާ ގޮތަށް ބެހުމަށް އަވަސްވެގަތުމަށް ހުތުބާގައި އަންގާފައިވެއެވެ.
ތަރިކަ މުދާ ބެހުމަށް އަވަސްވެގަތުމަކީ، ގާތް ތިމާގެ ކަމުގެ ގުޅުން ހަރުދަނާވެގެން ދާނެ ކަމެކެވެ. މި ގުޅުން ދެމި އޮތުމަށް އެހީވެދޭނެ ކަމެކެވެ.
އަދި ތަރިކަ މުދަލަށް އަރައިގަނެވޭ ވަރަށް ގިނަ ސަބަބުތައް ވާ ކަމަށް ހުތުބާގައި ވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ އީމާންކަން ބަލިކަށިވުމެވެ.
މީގެ އިތުރުން މާތް ﷲ އަށާއި އެކަލާނގެ ރަސޫލާ އަށް އުރެދި އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅާދާމީހަކު ނަރަކައަށް ވަންނާނެ ކަމާއި އެތަނުގައި އެމީހަކު އަބަދަށް ދެމިހުންނާނެ ކަމަށް ހުތުބާގައިވެއެވެ. އަދި އެމީހަކަށް އިހާނަތްތެރިކަން ދެނިވި އަޒާބު ލިބޭނެ ކަމުގެ ވާހަކަ ބަޔާންކޮށްފައިވެއެވެ.

