އާރްޓީއެލް މިނީބަސް ތައާރަފް ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަތަކުގެ ތެރޭގައި ހިމެނޭ، ހުޅުމާލެ ޕޭސް ދެއެއްގައި، ހޮސްޕިޓަލެއް އަޅާނެކަމަށް ވިދާޅުވި ވާހަކަ، ރައީސް އޮފީހުން ލިޔުމުން އާންމުކުރި އެ މަނިކުފާނުގެ ހިތޯބުން، އުނިކޮށްފިއެވެ.
ރާއްޖޭގެ ތަރައްގީއަށް ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ގާއިމު ކުރެވިފައިވާ އާރްޓީއެލް ނިޒާމުގެ ދަށުން މިނީ ބަސްތައް ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި ހުޅުމާލެ ޕޭސް ދެއެއްގައި ބައެއް އަސާސީ ހިދުމަތްތައް ލިބެން ނެތްކަމަަށް ފާހަގަކުރައްވާ ސިއްހީ ހިދުމަތްތައް ގާއިމު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އެ މަނިކުފާނު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ވިދާޅުވެފައިވީނަމަވެސް، އެ ވާހަކަ ރައީސް އޮފީހުން ލިޔުމުން އާންމުކޮށްފައިވާ ހިތޯބުގައިއެއް ނެތެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާ ލިޔުމުގައި ވާގޮތުން އެ މަނިކުފާނު ވިދާޅުވެފައިވަނީ ”ހުޅުމާލޭ ފޭސް 2ގެ ހިޔާ ފްލެޓްތަކަށް 3 ކްލިނިކަކާއި 3 ފާމަސީއެއްގެ ޚިދުމަތް ދިނުމަށް ނިންމާފައިވޭ. އަދި އޭގެއިތުރުން، ހުޅުމާލޭ ފޭސް 2 ގައި އިތުރު ޞިއްޙީ ޚިދުމަތްތައް ލިބޭނެ ވަސީލަތްތައް ޤާއިމުކުރުމަށް، މިހާރުވެސް އެޗް.ޑީ.ސީ.ގެ ފަރާތުން އެގެންދަނީ ބީލަމަށްލައި، އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން.“ ނަމަވެސް އެ މަނިކުފާނު ދެއްވި ހިތޯބުގެ ވީޑިއޯއިން ހޮސްޕިޓަލެއްގެ ވާހަކަ ދައްކަވާފައިވާކަން ފާހަގަކޮށްލެވެއެވެ.

