ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށުގެ މައްސަލައިގައި ދައުލަތުގެ ދެވަނަ ހެކިވެރިޔާގެ ހެކިބަސް ނަގައިފި

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް/ ފޮޓޯ: ވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އާރަށުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓްގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި މިއަދުވެސް ކުރިއަށް ގެންގޮސްފައިވަނީ ހެކިބަސް ނެގުމެވެ.

އެ މައްސަލައިގައި ދައުލަތުން ރިޝްވަތު ހިފި ކަމުގެ ދައުވާ އުފުލާފައިވަނީ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމް ގެ މައްޗަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނަގާފައިވަނީ އެ މައްސަލައިގައި ހިމެނޭ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނަގާފައެވެ.

އޭނާ މިއަދު ކޯޓްގައި ހެކިބަސް ދެމުން ބުނެފައިވަނީ އެ ލެޕްޓޮޕް ތަހުލީލުކޮށްފައިވަނީ އިންވެސްޓިގޭޝަން އޮފިސަރު އެދިގެން ވަކި ނަމްބަރުތަކަކާއި މުއާމަލާތްކޮށްފައިވޭތޯ ބެލުމުގެ ގޮތުން ކަމަށެވެ.

މިގޮތުން ޒިޔަތުގެ ފޯން ނަމްބަރުގެ ސެޓަޕް ހަދާފައިވާ ވައިބަރ އިން އެހެން ފޯނު ނަމްބަރުތަކަކާއި މުއާމަލާތުކޮށްފައިވޭތޯ ބަލާފައިވާ ކަމަށާއި 2015 ވަނަ އަހަރުގެ ފެބްރުއަރީ ނުވަ ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮށްފައިވާ މުއާމަލާތްތަކުގެ ޑޭޓާ ނަގައިފައިވާނެ ކަމަށް ފޮރެންސިކް ހެކި ނެގި ފަރާތުން ވަނީ ބުނެފައެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތާއި މައްސަލަ ރައްދުވާ ދެ ފަރާތުންވެސް ހެކިވެރިޔާ އާއި ބޮޑަށް ސުވާލުކޮށްފައިވަނީ ލެޕްޓޮޕްގައިވާ މައުލޫމާތުނެގި ގޮތާއި ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓްގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ.

އެކަމަކު ހަމައެކަނި ބަލާފައިވަނީ ރިކުއެސްޓް ކޮށްފައިވާ ނަމްބަރުތަކާއި މުއާމަލާތްކޮށްފައިވޭތޯ ކަމަށާއި އެ ނަމްބަރުތައް ނިސްބަތްވާ މީހުން ނޭނގޭ ކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ. އެ ލެޕްޓޮޕުން ހަތަރު ނަމްބަރެއްގެ މުއާމަލާތް ތަކެއްގެ ޑޭޓާ ނަގައިފައިވާއިރު، އޭގެތެރެއިން ދައުވާ ލިބޭ ޔޫސުފް ނައީމް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނަމްބަރާއި ޒިޔަތު ކޮށްފައިވާ މުއާމަލާތްތައް ހިމެނެއެވެ. އެ މުއާމަލާތްތަކުގެ ތަފްސީލު ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

އެކަމާ ގުޅިގެން ކްރޮސްއެގްޒަމައިން ކުރުމަށް ލިބުނު ފުރުސަތުގައި ޔާމީންގެ ފަރާތުން ވަކީލް އާދަމް ޝަމީމް ވަނީ އެ ލެޕްޓޮޕުން ހޯދި މުއާމަލާތްތަކުގައި އާރަށް ކުއްޔަށް ދޫކުރުމާއި ގުޅޭ އެއްވެސް މުއާމަލާތެއް ފެނިފައިވޭތޯ ސުވާލުކޮށްފައެވެ. އަދި އެ މުއާމަލާތަށް ޔާމީން ނުފޫޒު ފޯރުވިކަން އެނގޭނެ އެއްވެސް މުއާމަލާތެއް ފެންނަން އޮތްތޯ ސުވާލުކޮށްފައެވެ.

ނަމަވެސް ޝަރީއަތުން ވަނީ އެއީ ހެކިވެރިޔާ އާއި ބެހޭ ކަމެއް ނޫން ކަމަށް ނިންމާ އެ ސުވާލު ނުކުރެވޭނެ ކަމަށް ނިންމާފައެވެ. ސުވާލު ނުކުރެވޭނެ ކަމަށް ނިންމުމުން ވަކީލު ވިދާޅުވެފައިވަނީ އެ ރިޕޯޓްގައިވާ މައުލޫމާތުން އެމަނިކުފާނު އާރަށް ކުއްޔަށް ދިނުމުގެ  މުއާމަލާތަށް އެއްވެސް ނުފޫޒެއް ފޯރުވިކަން އެނގެން ނެތް ކަމަށެވެ.

މައްސަލައިގެ އެންމެ ފަހުން އޮތް އަޑުއެހުމުގައި މޯބައިލް ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފަރާތާވެސް ދިފާއުން ވަނީ އެ ސުވާލުކޮށްފައެވެ. އެ ދުވަހު ހެކިވެރިޔާ ބުނެފައިވަނީ އޭނާއަށް ފެނުނު މައުލޫމާތުން ޔާމީން ނުފޫޒު ފޯރުވިކަން އެނގެން ނެތް ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ގިނަ ހެކިތަކެއް ހުށައަޅާފައިވުމާއެކު މި މަސް ނިމެންދެން ހެކިބަސް ނެގުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި މައްސަަލައިގައި ދެން ހެކިބަސް ނެގުމުގެ މަޖިލީހެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

މި ފަހަކަށް އައިސް ދިވެހި ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމުގައިވާ އެމްއެމްޕީ އާރުސީގެ ހިޔާނާތުގެ އެންމެ ބޮޑެތި ތުހުމަތު ތައް ކުރެވެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޒިޔަތުގެ މައްޗަށެވެ.

އެގޮތުން އަދީބުގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމަކާއި ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް  ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑަރ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: