ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގައި ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު ކަމުގައި، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ބޭނުންވާ ފަދައިން އަސާސީ ޚިދުމަތެއް ކަމަށެވެ. އަދި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ނުލިބި އުޅުމަކީ މިއަދު ދަތިކަމެއް ކަމުގައެވެ.
ސަރުކާރުގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުންދާކަމުގައި ވިދާޅުވެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަމުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރެޔާއި ދުވާލު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ސްޓެލްކޯއަކީ އިޖުތިމާޢީ ގިނަކަންކަންވެސް ކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަކުރައްވައި ސްޓެލްކޯގެ އޭރާއި މިހާރުގެ އިސްވެރިން ހިމެނޭގޮތުން ސްޓެލްކޯގެ މެނޭޖްމެންޓަށާއި މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު އަދާކުރެއްވިއެވެ.
ސްޓެލްކޯގައި ނުކުޅެދުންތެރިކަން ހުރި 35 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އެފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށްވެސް ފައިސަލް އެދިވަޑައިގެންނެވިއެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ސްޓެލްކޯގެ ރޫފްޓޮޕް ސޯލާ ހަކަތަ ޕްރޮގްރާމް އަވިކަތަ އިފްތިތާޙުކޮށްދެއްވާފައެވެ.
މީގެ އިތުރުން ސްޓެލްކޯގެ 25 އަހަރުގެ ތާރީޚުގައި އެކުންފުންޏަށް ޚިދުމަތްކޮށްދެއްވާފައިވާ މެނޭޖިންގ ޑިރެކްޓަރުންނަށް ދޭ އެވޯޑާއި، ދިގު މުއްދަތުގެ އެވޯޑު އަދި ބެސްޓް ޔުނިޓްހެޑް/ސްޓޭޝަން މެނޭޖަރުންނަށް ދޭ އެވޯޑު ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
1949 ވަނަ އަހަރު މާލޭގައި ކަރަންޓްގެ ޚިދުމަތްދޭން ފެށުނުއިރު، މާލޭގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި، ސަތޭކަ އިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ އުފައްދަވާފައި ވަނީ 1997 ވަނަ އަހަރުގައެވެ.

