ގދ. ގައްދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ގޭދޮށު މަސް ޕްލާންޓްގެ މަސައްކަތް ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ގައްދޫގައި އެޅުމަށް ހަމަޖެހިފައިވާ ގޭދޮށު މަސްޕްލާންޓްގެ މަސައްކަތް ކުރިއަށް ނުދާ ސަބަބު އޮޅުން ފިލުވުމަށް ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ލިޔުމުން ޖަވާބު ހޯދުމަށް ކުރި ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ޕްރޮކިއުމެންޓެއްގެ އަގު 5 މިލިއަން ރުފިޔާ އަށްވުރެ ބޮޑު ނަމަ އެކަމެއް ކުރުމަށް ހުއްދަ ދޭނީ ޓެންޑަރ ބޯޑަށް ހުށައަޅައިގެން އެބޯޑުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.
ގައްދޫ ކައުންސިލުން ކުރިއަށް ގެންދިޔަ ގޭދޮށު މަސްޕްލާންޓް ހަދައި ހިންގާނެ ފަރާތެއް ހޯދުމަށް 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ކުރި އިއުލާނާއި ގުޅިގެން ޕްރޮކިއުމެންޓް މަރުހަލާއި އާއި ގުޅޭ އެެއްވެސް ކަމެއް ފިނޭންސް މިނިސްޓްރީއިން ކޮށްފައިނުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
ގައްދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ގޭދޮށު މަސްޕްލާންޓް މަސައްކަތް ކުރުމަށް މިހާރުވެސް ވަނީ ޓެންޑަރިންގ ގެ މަރުހަލާގައެވެ. އަދި ގޭދޮށު މަސް ޕްލާންޓް ގާއިމް ކުރުމަށް ކައުންސިލުންވަނީ ބިންވެސް ކަނޑައަޅާފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރާ ގޭދޮށު މަސްޕްލާންޓް ތަކަަށް ބޭރުގެ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.

