ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުންކަރާތް ނަހީކުރުމުގެ ނަމުގައި ހިންގާފައިވަނީ ނާހަތުޒީބު އަމަލެއް: އިސްލާމިކް މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނަށް ނަސްރުދިނުމުގެ ނަމުގައި ހިންގާފައިވަނީ ނާހަތުޒީބު އަމަލެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ކުރިއަށް ދިޔަ ދުނިޔޭގެ ޔޯގާ ދުވަހަށް ނިސްބަތްކޮށް އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވަނީ  އަނިޔާވެރިކަމަށް ގޮވާލާ މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ އެފަދަ އަމަލްތަކަކީ އިސްލާމްދީން ދަސްކޮށްދިން ރިވެތި އުސޫލުތަކާއި މިންގަނޑުން ބޭރުން ހިންގާ އަމަލުތަކެއް ކަން ކަށަވަރުވާކަމުގައެވެ.

އަދި ނަބިއްޔާގެ ދިފާއުގައި ކަމަށް ބުނެ ރާއްޖޭގެ ދާހިލީ ހަމަޖެހުން ނަގާލުމަށް ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ބަޔަކު މީހުން ހިންގާ ހަރަކާތްތަކުގެ މަޅީގައި ދިވެހި ރައްޔިތުން ނުޖެހުމަށް ނަސޭހަތްތެެރިވާކަމަށާއި ދިވެހިންގެ ހިތްތަކުގައި އިސްލާމް ދީނަށް އޮތް ލޯބި، ސިޔާސީ މަގްސަދަކަށްޓަކައި ބޭނުންކޮށް ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތް ކުރާކަން ހަނދާންކޮށްދޭ ކަމުގައެވެ.

ވުމާއެކު އެފަދަ ކަންކަމާއި މެދު ދީނީ އިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ މުޖުތަމައުގެ މަސްލަހަތު އިސްކޮށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް ގޮވާލާފައިވެއެވެ.

ބައިނަލްއަގުވާމީ ޔޯގާގެ ދުވަސް ފާހަގަކުރުމަށް، ޔޫތް މިނިސްޓްރީއިން، އިންޑިއާ އެމްބަސީއާއި، އެގައުމުގެ ކަލްޗަރަލް ސެންޓަރާއި ގުޅިގެން، ގަލޮޅު ދަނޑުގައި، އެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ވަގުތު، އާންމުންވަނީ ދަނޑުތެރެއަށް ވަދެ އެ ހަރަކާތް ހުއްޓުވާފައިއެވެ. އަދި އެ ހަރަކާތާއި ދެކޮޅަށް އަޑުއުފުލި ފަރާތްތަކުގެ ކިބައިން، ޔޯގާ ޑޭގެ ބައިވެރިންތަކަކަށް އަނިޔާ ލިބިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. މިކަމާއި ގުޅިގެން ހަ ފަރާތްތައްވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށާއި، މި މައްސަލައަކީ ސީރިއަސް ކަމެއްގެ ގޮތަށް ބަލަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ނޫސްފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދީފައިވެއެވެ.

ޔޯގާ ޑޭ ހިންގަމުން ދަނިކޮށް، އާންމުންތަކެއް ގަލޮޅު ދަނޑަށް ވަދެ އެކަން ހުއްޓުވައި، ހިންގައިދިޔަ ހަމަނުޖެހުމަށް އިޝާރާތްކޮށް ޓްވީޓެއް ކުރައްވާ ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ޔޯގާ ޑޭ އާއި ގުޅިގެން ހިންގާފައިވާ، ހަމަނުޖެހުން ތަހުގީގު ކުރެވެމުންދާކަމަށެވެ. އަދި މި މައްސަލަކީ، ސީރިއަށް ކަމެއްގެ ގޮތަށް ބަލާކަމަށް ފާހަގަކޮށް، ރައީސް ސޯލިހު ވިދާޅުވީ، އެކަމުގައި ޝާމިލުވެފައިވާ ފަރާތްތަކުގެ މައްޗަށް ލަސްނުވެ އިންސާފު ގާއިމު ކުރެވިގެންދާނެކަމަށެވެ.

ޔޫތު މިނިސްޓްރީއާއި، އިންޑިއާގެ އެމްބަސީ އަދި އެގައުމުގެ ކަލްޗަރ ސެންޓަރު ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވައިފައިވާ، އިންޓަރނޭޝަނަލް ޔޯގާ ޑޭ ގެ ހަރަކާތްތައް ކުރިން، ބޭއްވުމަށް ހަމެޖެހިފައޮތީ ރަސްފަންނުގައެވެ. ނަމަވެސް އާންމުންގެ ފަރާތުން ފުލުހުންގެ މުއައްސަސާގައި، މި ހަރަކާތް ހުއްޓުވަން އެދި، މާލެ ސީޓީ ކައުންސިލަށްވެސް ގިނަ ޝަކުވާތަކެއް ހުށައެޅުމާއިއެކު، އެ ކައުންސިލުންވަނީ ރަސްފަންނު ސަރަހައްދު ނުދިނުމަށް ނިންމާފައިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ، ޔޯގާ ޑޭޭ ހިންގުމަށް  ޔޫތު މިނސްޓްރީންވަނީ، ކައުންސިލުގައި އެދިފައިކަމަށެވެ. ނަމަވެސް، ގިނަ ފަރާތްތަކެއްގެ އެދުމާއި އެކޮށް އެތަން ނުދޭން ނިންމާފައިވާކަމަށްވެސް ޔޫތު މިނިސްްޓްރީން ބުނެފައިވެއެވެ.

ޔޯގާ ގައި ޖައްސާ ހަރަކާތްތަކަކީ ބުދު ދީނުގައި އަޅުކަންތައް ކުރުމަށް ބޭނުންކުރާ ހަރަކާތްތަކެއް ކަމަށް ފާހަގަކޮށް ގިނަ ޝަކުވާތައް އާންމުންގެ ފަރާތުން ހުށައެޅުމާއި އެކު، ޔޯގާ ޑޭ ހިންގުމަށް ރަސްފަންނު ނުދިނުމަށް މާލެ ސިޓީކައުންސިލުން ނިންމުމުން، ޔޫތު މިނިސްޓްރީންވަނީ، ގަލޮޅު ދަނޑުގައި އެ ހަރަކާތައް ކުރިއަށް ގެންދިއުމަށް، ނިންމާފައިއެވެ. އަދި މި ހަރަކާތައް ކުރިއަށް ގެންދަނިކޮށް ގިނަ އަދަދެއްގެ މީހުންވަނީ، އެ ސަރަހައްދަށް ވަދެ، ހުއްޓާލުމަށާއި، އެސަރަހައްދު ދޫކޮށް ދިއުމަށް، ޔޯގާ ޑޭ ގެ ބައިވެރިންނަށް ގޮވާލައިފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: