ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.
އެ އިސްހާލު ހުށައަޅުއްވަމުން ނިހާދު ވިދާޅުވީ ބިލުގެ މައިގަނޑު މަގްސަދަކީ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ އިސްލާހާ އެކު ކޯޓްތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެވިގެންދާނެ ކަމަށެވެ.
އެގޮތުން ޑިސްޓްތިކްޓް ކޯޓް އުފައްދައި، ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅިފައިވާ ވަކި އަދަދަކަށް ސާކިޓްތައް ގާއިމް ކުރެވޭނެއެވެ. އަދި މެޖިސްޓްރޭޓުން ވަކި ކޯޓަކަށް އައްޔަން ކުރާ ގޮތަށް އޮތް އުސޫލަށް ބަދަލު ގެންނާނެ ކަމުގައި ނިހާދު ވިދާޅުވިއެވެ.
މެޖިސްޓްރޭޓުން އައްޔަން ކުރާނީ ކަނޑައެޅޭ ސާކިޓްތަކަށް ކަމަށް އެ ބިލުގައި ކަނޑައަޅާފައިވާނެ ކަމުގައި ވިދާޅުވިއެވެ.
ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ސަރުކާރުން ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރުމަށް ކުރަމުން ގެންދާ މަސައްކަތް ފުރިހަމަ ކުރުމަށް ހުށައެޅި އިސްލާހެއް ކަމުގައި ނިހާދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގައި އޮންނަ ސުމޯޓޯ އުސޫލުން މައްސަލަ ބެލެން އޮންނަ އުސޫލު އުވާލައި އިސްތިއުނާފީ މައްސަލަތައް ހައިކޯޓަށް ފޮނުވައިދިނުމަށް އެދުމުން ދަށު ކޯޓުން 14 ދުވަސް ތެރޭ އެ ލިޔުންތައް ހައިކޯޓަށް ފޮނުވުމާއި ، ސުޕީރިއާ ކޯޓެއްގެ ގޮތުގައި ޑިސްޓްރިކްޓް ކޯޓް ކަނޑައެޅުން މިއަދު މަޖިލީހަށް ހުށައެޅުނު ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވެއެވެ.
މިއަދުގެ މަޖިލީހުގައި އެބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައިވެއެވެ.

