ފަތުވާ މަޖިލިސް ޕެރެލައިޒްވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ދައުލަތުގެ ފަތުވާގެ ރަސްމީ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ވިދާޅުވީ އިސްލާމީ ހުރިހާ ގައުމެއްގައި ވެސް ދީނީ އެއްބައިވަންތަކަމާއި ފިކުރީ އަމާންކަން ގާއިމު ކުރުމަށްޓަކައި ދައުލަތުގައި ފަތުވާ ކައުންސިލް އުފައްދައި ރަނގަޅު ގޮތުގައި ހިންގަމުންދާ ކަމަށާއި އެއީ މުޖުތަމައު އެއްބައިވަންތަކުރުމުގައި ވަރަށް ބޮޑު ބާރެއް ކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން ގާނޫނަކުން ބާރު ލިބިގެން ފަތުވާ ކައުންސިލް އުފައްދައި މެމްބަރުން އައްޔަންކުރި ކަމަށާއި އެފަރާތްތަކުގެ ޓާރމް ހަމަވުމުން މެމްބަރުން އައްޔަންނުކޮށް އޮންނަތާ ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ދީނީ ކަންކަމުގައި ރަސްމީ ފަތުވާދިނުމަށް ޤާނޫނަކުން އުފައްދާފައިވާ ފަތުވާއާ ބެހޭ އެންމެމަތީ މަޖްލިސް ޕެރެލައިޒްކޮށްފަ އޮތް އޮތުން ނިމުމަކަށް ގެނެސް ދައުލަތުގައި ފަތުވާގެ ރަސްމީ ހަރުދަނާ ނިޒާމެއް ޤާއިމު ކުރަންޖެހޭ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 23, 2022
ޝަހީމް ވިދާޅުވީ އެގޮތަށް އެ މުއައްސަސާ ޕެރެލައިޒް ކޮށްލުމުގެ ނަތީޖާ އަކީ އެ ޒިންމާ ދައުލަތް ނޫން އެހެން ފަރާތްތަކުން ނެގުން ކަމަށެވެ.
އެހެންކަމުން ދީނީ ކަންކަމުގައި ރަސްމީ ފަތުވާދިނުމަށް ގާނޫނަކުން އުފައްދާފައިވާ ފަތުވާއާއި ބެހޭ އެންމެމަތީ މަޖިލިސް ފެރެލައިޒް ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ދައުލަތުގައި ފަތުވާގެ ރަސްމީ ހަރުދަނާ ނިޒާމެއް ގާއިމު ކުރަންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ފަތުވާ މަޖިލީހަކީ ދިވެހިންގެ މެދުގައި ހިލާފު އުފެދޭ ދީނީ މައްސަލަތައް ހައްލުކޮށް އެކަން އޮންނަ ގޮތް ސާފުކޮށްދިނުމަށް އުފައްދާފައިވާ މަޖިލީހެކެވެ. ދީނީ ގޮތުން ހިލާފު އުފެދޭ މައްސަލަތަކުގައި މީގެ ކުރިން ޖަވާބުދާރީ ވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައި އޮންނަ ފިގުހު އެކަޑަމީ އިންނެވެ. އެހެން ނަމަވެސް އެތަން ވަނީ 2016 ވަނަ އަހަރު އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ބަދަލު ކޮށްފައެވެ.

