އާރުޓީއެލްގެ ހައި ސްޕީޑް ފެރީ ހިދުމަތް ހއ އަތޮޅުގައި ފެށުމަށް ނިންމައިފިއެވެ.
ރާއްޖޭގެ ރައްތަށް ގުޅުވާލަދޭ ދަތުރު ފަތުރުގެ ނިޒާމް، އިންޓަރގްރޭޓެޑް ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަތުރުތަކަށް އެމްޓީސީސީ އިން ވަނީ ތައްޔާރުވެފައެވެ.
އެމްޓީސީސީ އިން ވަނީ ދަތުރުތަކަށް ހާއްސަ ފެރީތައް ބަނުމުގެ މަސައްކަތްވެސް ފަށާފައެވެ.
އެގޮތުން އެމްޓީސީސީއިން ހއ އަތޮޅަށް ހާއްސަކޮށް ބޭނުން ކުރާނެ ފަސް ފެރީ މިއަދު ހެނދުނު ވަނީ މާލެއިން ހއ އަތޮޅަށް ފުރާފައެވެ. އެމްޓީސީސީއިން ބުނީ މި ފެރީތައް މާދަމާގެ ވަގުތެއްގައި ހއ އަތޮޅަށް ބަނދަރު ކުރާނެ ކަމަށެވެ. އަދި އާދިއްތަ ދުވަހު ރަސްމީކޮށް ދަތުރުތައް ފަށާނެ ކަމަށްވެސް ބުނެފައިވެއެވެ.
ފެރީގެ ހިދުމަތް ދޭން ބޭނުންކުރަނީ 50 މީހުންގެ ޖާގައިގެ ލޯންޗްތަކެކެވެ. އަދި ވީލްޗެއަރ ބޭނުންކުރާ މީހުންނަށް ވެސް ފަސޭހަކަމާއެކު އެ ލޯންޗްތަކުގައި ދަތުރު ކުރެވޭނެއެވެ.
އާރުޓީއެލްގެ ފެރީ ދަތުރުތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ކުރުމުން ކައިރި ރަށްރަށާއި ދުރު ރަށްތަކުގެ އިތުރުން އެހެން ރީޖަންތަކަށް ވެސް އެފެރީތަކުގައި ދެވެނޭއެވެ. އެއާއިއެކު ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށަށް ހައިސްޕީޑް ފެރީގެ ނިޒާމުގެ ތެރެއިން ދަތުރުކުރެވޭނެއެވެ.

