ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާ އަކުން ގެއްލިގެން ރިޕޯޓް ކުރި ފަތުރުވެރިޔާގެ ހަށިގަނޑު މޫދުގައި އޮއްވާ ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން (އެމްއާރްސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 6.54 ހާއިރު ކަމަށެވެ.
ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޑައިވަރުން މިއަދު ހެނދުނު 8 ޖަހާކަށް ހާއިރު ވަނީ ކްރޮސްރޯޑްސް އަށް ގޮސް ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 9.36 ހާއިރު ކްރޮސްރޯޑްސްގެ އިރުން 1.33 ނޯޓިކަލް މޭލު ބޭރުން ފަޅުތެރޭގައި ފެންމަތީ އޮއްވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމީހާގެ ހަށިގަނޑު މިހާރު ކްރޮސްރޯޑްސް އާއި ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

