ގާނޫނުގައި އޮންނަ ގޮތް ކަނޑައެޅިގެން އެނގި ހުރެ ބޭކާރު ވާހަކަ ނުދައްކަވާ ހަނު ހުރުމަށް ކުރީގެ ނައިބު ރައީސް ޑރ ޖަމީލް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިލްތިމާސް ކުރައްވައިފިއެވެ.
މިދުވަސްވަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ތަކާއި ގުޅޭ މައްސަލަ، ކުއްލި މައްސަލަ އެއްގެ ގޮތުގައި މަޖިލީހުގައި ބަހުސް ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށައެޅުމާއި ގުޅިގެން އެމައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމުގައި ވިދާޅުވެ ރައީސް ނަޝީދު ވަނީ އެމައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.
އެކަމާއި ގުޅިގެން ދިވެހިރާއްޖޭގައި ހިނގާ އެފަދަ ބޮޑެތި މައްސަލަތައް ބެލުމަށް މަޖިލީހުގައި ޖާގަ ނެތްކަން ދޭހަވާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ގާނޫނުގައި އޮންނަގޮތް ކަނޑައެޅިގެން އެނގިހުރެ ބޭކާރުވާހަކަ ނުދައްކަވާ ހަނުހުންނަވަން @MohamedNasheed އަށް އިލްތިމާސްކުރަން. ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވުމާއިމެދު ބަޙުސެއް ނެތް.ވަކިމީހަކަށްވީތީ ގާނޫނު ހިންގުމުގައި ތަފާތުކުރުމަށް މިއަދަކު ޖާގައެއް ނެތް https://t.co/R81i55NqdN pic.twitter.com/XbZ7aPM3HA
— Mohamed Jameel Ahmed (@MJameelAhmed) June 27, 2022
ޑރ ޖަމީލް އިތުރަށް ވިދާޅުވެފައިވަނީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމ ކަމާއިމެދު ބަހުސެއް ނެތް ކަމަށާއި ވަކި މީހަކަށް ވީތީ ގާނޫނު ހިންގުމުގައި ތަފާތުކުރުމަށް މިއަދަކު ޖާގައެއް ނެތް ކަމުގައެވެ.
ޖަމީލް އެހެން ވިދާޅުވެފައިވާއިރު ދާދި ފަހުން ސޯޝަލް މީޑިއާގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކު ފިރިހެނަކާ އެކު ބަދު އަހްލާގީ އަމަލު ހިންގަމުންގެންދާ ވީޑިއޯ އެއް ވަނީ އާއްމުވެފައެވެ. އަދި އެވީޑިއޯ ވަނީ ނާޒިމް ސައްތާރު ދޮގުކުރައްވާފައެވެ. އެ މަައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ނާޒިމް ސައްތާރުގެ ޕާސްޕޯޓް ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ.
ނާޒިމް ސައްތާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއްގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށައިފައެވެ.

