ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ރައީސް ކަމަށް އިންޑިއާގެ ޗޮއިސްއަކަށް ޝާހިދު! 

އިންޑިއާ ބޮޑުވަޒީރު މޯދީ އާއި އަބްދުﷲ ޝާހިދު
އިންޑިއާ ބޮޑުވަޒީރު މޯދީ އާއި އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ އޮތްތަނުގެ ގޮތުން ދިވެހިރާއްޖެ އަކީ އިންޑިއާ އާއި ޗައިނާ އަދި އެމެރިކާ އާއި އިނގިރޭސިވިލާތާއި ދެން ވެސް ދުނިޔޭގައި ހަން ފަތުރަން ބޭނުންވާ ކޮންމެ ގައުމަކަށް މުހިއްމު ގައުމެކެވެ. ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް އެންމެ ބޮޑު ނުފޫޒަކާއި ބާރެއް ފޯރުވާ ގައުމަކީ ކޮންގައުމެއްތޯ ކުރެވޭ ސުވާލަށް އޮތް ހަމައެކަނި ޖަވާބަކީ އިންޑިއާއެވެ. އެއީ އިތުރަށް ބަހުސް ކުރެވެން ވެސް އޮތް މައުލޫއެއް ނޫނެވެ.

އަންނަ އަހަރު ދިވެހިންނާއި ބައްދަލުކުރާނެ ރިޔާސީ އިންތިޚާބަށް ދިވެހިން ނިކުންނައިރު ވާދަވެރިކޮށް އޮތީ ދެޗޮއިސްއެކެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމްއެވެ. އެމްޑީޕީން އިންތިޚާބަށް ނެރޭނެ ކެންޑިޑޭޓަކާއި ޕީޕީއެމް އިން ރައީސް ޔާމީން ނުވަތަ އެމަނިކުފާނުގެ ތާއިދު އޮތް ކެންޑިޑޭޓެކެވެ. އެމްޑީޕީން އިންތިޚާބު ކާމިޔާބު ކޮށްފިނަމަ ދެންވެސް ރާއްޖޭގައި އުފެދޭނީ އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެކެވެ. ނަމަވެސް ޕީޕީއެމް އިން އިންތިޚާބު ކާމިޔާބުކޮށްފިނަމަ އުފެދޭ ސަރުކާރު ވެގެންދާނީ ރާއްޖެ މިނިވަންވި ފަހުން ރާއްޖޭގައި އުފެދޭ އިންޑިއާ އާއި އެންމެ ދެކޮޅު، އިންޑިއާއާއި އެންމެ ދުރު ސަރުކާރަށްކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.

އެހެންކަމުން ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ރިޔާސީ އިންތިޚާބު އިންޑިއާއަށް ތާއިދުކުރާ ބޭފުޅަކަށް ކާމިޔާބު ކުރެވޭނެ ހުރިހާ މަންތިރިއެއް އިންޑިއާ އިން ހަދާނެއެވެ. އިންތިޚާބު ކައިރިވަމުން އަންނައިރު އިންތިޚާބު ކާމިޔާބު ކުރެވިދާނެ ގާބިލިއްޔަތުކަން ހުރިކަމަށް ލަފާކުރެވޭ އެމްޑީޕީގައި ތިބީ ތިން ބޭފުޅުންނެވެ. އެއީ ރައީސް ސޯލިހާއި، ރައީސް ނަޝީދާއި ފޮރިން މިނިސްޓަރ ޝާހިދެވެ.

ނަމަވެސް ރައީސް ސޯލިހަށް އޮތް ސިޔާސީ ގޮންޖެހުންތައް ގިނައެވެ. މުޅި ދައުލަތް އެމަނިކުފާނުގެ އަތްޕުޅުގައި އޮވެގެން މަޝްރޫއުތައް ހިންގޭ ލަސް ސްޕީޑްގެ ސަބަބުން ދެވަނަ ދައުރެއް ދިފާއު ކުރުން އެއީ ރައީސް ސޯލިހަށް ވަރަށް ދަތިކަމަކަށް ވާނެއެވެ. އަދި އަމުދުން މިހާރު އިޤުތިޞާދީ ގޮތުން ކުރިމަތިވަމުން މިއަންނަ ދަތިކަމަށް ހައްލެއް ގެނައުމުގެ ގާބިލްކަމެއް ވެސް އެމަނިކުފާނަކަށް ނުދެއްކެއެވެ. ތަކެތީގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުން ދާއިރު ދަތުރުތައް ކުރައްވާ ދުނިޔޭގައި ބުރު ޖެހުން ފިޔަވައި އިތުރުކަމެއް ރައީސް ސޯލިހަކަށް ނުކުރެވެއެވެ. އަދި ރައީސް ނަޝީދު ވެސް ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ތާއިދު ކުރައްވާނެ ކަމެއް ނޭންގެއެވެ. ބޮޑަށް ގާތީ ރައީސް ނަޝީދުގެ ތާއީދު ވެސް ރައީސް ސޯލިހަށް ނުލިބުމެވެ.

އެހެންކަމުން ރައީސް ސޯލިހާއި ރިޔާސީ އިންތިޚާބުގައި ގާތީ ކާމިޔާބަށްވުރެ ނާކާމިޔާބެވެ. އެކަން އިންޑިއާއަށް މާސާފެވެ. ރައީސް ސޯލިހް ދަނޑަށް ނެރުއްވައިގެން ބައިގޯލެއް ޖެހުމަށްވުރެ އިންޑިއާއަށް ރައްކާތެރި ގޮތަކީ އެހެން ޗޮއިސްއެއް ހޯދުމެވެ.

ދެން ހުންނެވީ ރައީސް ނަޝީދެވެ. އެމްޑީޕީގެ އެތެރޭގައި ރައީސް ނަޝީދު ވިދާޅުވިއްޔާ ވިދާޅުވާ ގޮތެއް ހަދާނެ ބަޔަކު އެބަތިއްބެވެ. އެއީ ރައީސް ނަޝީދަށް، އަދި އެމަނިކުފާނު ތާއިދުކުރައްވާ ކޮޅަކަށް ވޯޓް ދޭނެ މީހުންނެވެ. ނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެއްލައްކަ ތިރީހަކަށް ހާސް ވޯޓް ހޯއްދަވަން ރައީސް ނަޝީދަށް ހުރި ގޮންޖެހުންތައް ކުޑައެއް ނޫނެވެ.

އެމްޑީޕީގެ އެތެރެއިން ވެސް ބަޔަކު ނަޝީދާއި ދެކޮޅަށް ނިކުންނާނެކަމީ މިހާރު ފެންނަ ފެނުމަށް ބަލާއިރު ކަށަވަރު ކަމެކެވެ. ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އޭނާއަށް ތާއިދު ކުރައްވާ ފަރާތްތައް ރައީސް ނަޝީދަށް ދެން ރައީސްކަން ހޯއްދަވައި ދެއްވަން ނިކުންނެވުން އެއީ ނުވާނެކަމެކެވެ.

އަދި އަމުދުން ރައީސް ނަޝީދު ކަންކުރައްވާފައިވާ ގޮތައް ބަލާއިރު އިންޑިއާގެ އިތުބާރު ރައީސް ނަޝީދަށް އޮންނާނެ ކަމަކަށް ވެސް ނުބެލެވެއެވެ. 2011 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ޗައިނާގެ އެމްބަސީއެއް ހުޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ޗައިނާ އިން ރާއްޖޭގައި ނުފޫޒު ގަދަކޮށްފައި ވާނަމަ އެކަމުގެ ފެށުން ގުޅިފައި އޮތީ ރައީސް ނަޝީދާއިއެވެ. މިއަދު ރައީސް ނަޝީދު ޗައިނާ އާއި ގުޅޭ ގޮތުން ކޮންމެ ވާހަކައެއް ދެއްކިނަމަވެސް ބާރެއް ލިބިއްޖެނަމަ އެމަނިކުފާނު ޗައިނާގެ ފައިބުޑަށް އަނެއްކާވެސް ނުދާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. މީގެ ކުރިން ވެސް ރައީސް ނަޝީދުގެ އަމަލުތައް އެފަދަ ގޮތަކަށް ފެނިފައި އެބަހުއްޓެވެ. މިހުރިހާ ހިސާބެއް ރައީސް ނަޝީދާއި ގުޅޭ ގޮތުން ޖެހުމުން ދެން ނިކުންނަ ނަތީޖާއަކީ ރައީސް ނަޝީދަކީ ވެސް އިންޑިއާގެ އިތުބާރުއޮތް، އަދި އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ބޭފުޅަކަށް ނުވުމެވެ.

އަބްދުﷲ ޝާހިދަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ޑިޕްލޮމެޓެކެވެ. މޮޅު ވާހަކަދެއްކުންތެރިއެކެވެ. ރައްޔިތުންގެ ތާއީދު އަދިވެސް އިތުރަށް ހޯދިދާނެ ބޭފުޅެކެވެ. އެމްޑީޕީގެ އެތެރެއިން އޭނާ އާއި ދެކޮޅު ފެކްޝަނެއް ނެތެވެ. ރައީސް ނަޝީދުގެ ރުހުން ވެސް ނަޝީދަށް އެބައޮތްކަން މިހާރު އެއޮތީ ހާމަކޮށްފައެވެ.

އިންޑިއާއަށް އެންމެ މުހިއްމު ވާނީ އިންޑިއާގެ ގޮނޑިކޮއްކޮއަކަށް ރާއްޖޭގެ ރައީސަކުވުމެވެ. އިންޑިއާ އިން ބުނިއްޔާ ބުނިގޮތެއް ހަދާނެ މީހަކަށް ރާއްޖޭގެ ރައީސް ވުމެވެ. އެޝަރުތު އަބްދުﷲ ޝާހިދުގެ ކިބައިގައި ނިކަން ފުރިހަމައަށް އެބަހަމަވެއެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވިފަހުން ރާއްޖެ އާއި އިންޑިއާ އިން ސޮއިކުރި ރައްޔިތުންނަށް ހަގީގަތް ނޭންގޭ އެގްރިމެންޓްތައް އިންޑިއާއަށް ފައްސިވާގޮތައް ތައްޔާރު ކުރުމުގައި ޝާހިދަށްވުރެ އިސްދައުރެއް އަދާކުރި އެހެން ބޭފުޅަކު ނެތެވެ.

މިއަދު ޝާހިދު އދ،ގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމުގައި އެހުރީ ވެސް އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމަކާއިއެކުއެވެ. ޝާހިދުގެ ޗީފް އޮފް ސްޓާފަކަށް އެހުރީ އިންޑިއާ މީހެކެވެ. އަދި ދެންވެސް އަރިހުގައި ތިބި ގިނަ މުވައްޒަފުން ނިސްބަތްވަނީ އިންޑިއާއަށެވެ. އެހެންކަމުން އިންޑިއާގެ ހިތުގައި އޮތްގޮތާއި ހިލާފަށް ޝާހިދު ފިޔަވަޅެއް ވެސް ނާޅާނެ ކަމުގެ އިތުބާރާއި ޔަގީންކަން އިންޑިއާއަށް އޮންނާނެއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތުއޮތް ކަމަށް އިންޑިއާއަށް ގަބޫލު ކުރެވޭ، އަދި އިންޑިއާގެ އިތުބާރާއި ޔަގީންކަން އޮތް އިންޑިއާގެ ގޮނޑިކޮއްކޮއެއް ޝާހިދު ފިޔަވައި ފެންނާކަށް ނެތެވެ. އެހެންކަމުން އިންތިޚާބުގައި އިންޑިއާގެ މަދަދާއިއެކު އެމްޑީޕީން ނިކުންނާނެ ކެންޑިޑޭޓަކަށް ވުން އެންމެ ގާތީ ޝާހިދެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 41%ހައިރާންވެއްޖެ 0%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޕީޕީއެމް ކާނިޔާބު ކޮށްފިނަމަ ޗައިނާގެ ގޮނޑިކޮއްކޮއެކޭ ނުލިޔުނީމަ މި ލިޔުނު މީހާގެ ވިސްނުމާމެދު ސުވާލު މާކު ޖެހިއްޖެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: