ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކައުންސިލްގެ ނަން ސެނެޓް ގެ ނަމަށް ބަދަލުކޮށްފިއެވެ.
ޕީޕީއެމް އިން ރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެޕާޓީގެ ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށް ކައުންސިލް މެމްބަރުންނަކީ ސެނެޓާސް ކަމަށް ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.
ޕީޕީއެމް ކައުންސިލްގެ ނަން ބަދަލުކުރިއިރު ދާދިފަހުން އެ ޕާޓީގެ ކައުންސިލަށް ވަނީ އިތުރު 17 ބޭފުޅަކު އިންތިހާބު ކޮށްފައެވެ. އެއީ 12 ފިރިހެން ބޭފުޅުންނާއި 5 އަންހެން ބޭފުޅުންނެވެ.
ޕީޕީއެމްގެ ކައުންސިލަށް މެމްބަރުންތަކެއް އިންތިހާބު ކޮށްގައިވަނީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކަމުގައި ޕީޕީއެމްގެ ފަރާތުން ވަނީ ބުނެފައެވެ.
ޕީޕީއެމްގެ ފަރާތުން ގެންދަނީ ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުން ކުރަމުން ގެންދާ ކަންކަމަށް ފާޑުކިޔައި މުޒާހަރާތަކާއި ޖަލްސާ ތައް ބާއްވަމުންނެވެ. އެގޮތުން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުމާއި ގުޅިގެން ނަބިއްޔާގެ ދިފާއުގައި ބޭއްވުނު ޖަލްސާ އާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކުރަމުންގެންދާ ސިލްސިލާ މުޒާހަރާ ކަމުގައިވާ އިންޑިއާ އައުޓް ކެމްޕޭން ހިމެނެއެވެ.

