ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ބައެއް ޓެކްސްތައް ބޮޑުކޮށް، ސަބްސިޑީދޭގޮތަށް ބަދަލުތަކެއް ގެނެއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއެޖެއެވެ.
ދިވެހި ރާއްޖޭގެ މާލީ ހާލަތާއި، އިގްތިސޯދީ ހާލަތު ބަޔާންކުރުމަށް، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ދިވެހިރާއްޖޭގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށް، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ދައުލަތުން ކުރަންޖެހޭ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ކަނޑައަޅާފައިވާކަމަށްވެސް އަމީރު ވިދާޅުވިއެވެ.
ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން އެޅުމަށް ކަނޑައެޅިފައިވާ ފިޔަވަޅު ކަމަށް އަމީރު ވިދާޅުވީ، ބައެއް ޓެކްސްތައް އިތުރު ކުރުމެވެ. އެގޮތުން ޓީގީއެސްޓީ އަދި ޖީޖީއެސްޓީވެސް އިތުރު ކުރުމަށް ނިންމާފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވި ގޮތުން، ޓީޖީއެސްޓީވަނީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް ނިންމާފައިކަމަށާއި، މިހާރު ނަގަމުންދާ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައިވާކަމަށްވެސް އަމީރު ވިދާޅުވިއެވެ.ޖީއެސްސީ އަކީ ރައްޔިތުން ދައްކަން ޖެހޭ ޓެކްސްއެކެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ގޮތުގައި އަމީރު ފާހަގަކުރެއްވީ، ދައުލަތުގެ ފަރާތުން އެކި ކަންކަމުގައި، ރައްޔިތުންނަށް ދެމުން އަންނަ ސަބްސިޑީގެ ހިދުމަތައް ބަދަލުތަކެއް ގެނައުމެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރުދަނާ ކުރުމާއި، ބައެއް މަޝްރޫއުތައް ފެށުން މަޑުޖައްސާލުމުގެ އިތުރުން ގައުމު ހިންގުމުގެ ހަރަދުތައް ކޮންޓްރޯލް ކުރުންވެސް ހިމެނޭކަމަށް އަމީރުވަނީ ވިދާޅުވެފައިއެވެ.

