މާލޭގެ ތިން ސަރަހައްދެއް ބަންދުކޮށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިިފިއެވެ.
ނަމަވެސް ބަންދުކޮށްގެން ހިންގާ އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ބާރުތަކުން އަދި ހިއްސާއެއް ނުކުރެއެވެ. އެމްއެންޑީއެފުން ބުނީ ކަމާއިބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށްފަހު ވަކި އެއްޗެއް ދަންނަވާނަންކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުން ނަމަ ބަންދުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުުޅުއްވާ ރަސްމީ ގެކޮޅު މ. މުރައިދޫގެ އާއި ނައިބް ރައީސް ފައިސަލް ނަސީމު ދިރިއުޅުއްވާ ހިލާލިގެ ކައިރީގެ އިތުރުން ޗައިނާ އެމްބަސީ ހުންނަ ސަރަހައްދެވެ.
މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ މާލެ ސިޓީ ކައުންސިލް އިދާރާގެ ޕޯޓަލްއަށް މީހަކު ފޮނުވި އިންޒާރުގެ މެސެޖުތަކެއް ސިޓީ ކައުންސިލުން ސަލާމަތީ ބާރުތަކާ ހިއްސާކުރުމާ ގުޅިގެންނެވެ. މިމައްސަލަ އާއި ގުޅިގެން ސިޓީ ކައުންސިލުން ވެސް އެއްވެސް މައުލޫމާތެއް އަދި މިހާތަނާއި ހަމައަށް ހިއްސާ ކޮށްފައެއްނުވެއެވެ.

