ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުގެ މައްސަލައިގައި އެމްޑީޕީ ކައުންސިލަރުން ތިބީ މުއިއްޒުގެ އަވައިގައި ޖެހިފައި: މޫކޭ

މާލޭގެ މޭޔަރު މުއިއްޒު އާއި، ކައުންސިލަރ ސައިފް އަދި މޫކޭ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

 

މޫކޭ ވިދާޅުވީ މާލޭގެ މަގުތަކުގެ ނަމުގައި މޭޔަރު މުއިއްޒު ދޮގުތަކެއް ހެއްދެވީ ސިޓީ ކައުންސިލަށާއި، އަދި ހައުސިން މިނިސްޓަރެއްގެ ގޮތުގައި ހުންނަވައި ނުކުރެވުނު މަސައްކަތެއް ސަރުކާރާއި ގުޅިގެން އާރުޑީސީން ކުރަމުން ގެންދާތީ ކަމަށެވެ.

އާރުޑީސީއާއި ގުޅުވައި ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރައްވާނަމަ، އެކަން ސާފު ކުރުމަކީ އެއީ އޭނާގެ ޒިންމާއެއްކަން ފާހަގަކޮށް މޫކޭ ވިދާޅުވީ ސަރުކާރުން ކުންފުންޏަކާއި މަސައްކަތެއް ހަވާލު ކުރާއިރު އެ އޮންނަ އުސޫލު މުއިއްޒުއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އާރުޑީސީއާއި ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއް އޮއްވައި، އެ އެއްބަސްވުމުގެ މައްޗަށް އިތުރު އާ އެއްބަސްވުމެއް އެކުލަވާލީކަމަށް ބުނެ މުއިއްޒު އެމްޑީޕީގެ ކައުންސިލް މެމްބަރުންނަށް ވެސް އޮޅިވާލީކަމަށް މޫކޭ ވިދާޅުވި އެވެ.

މޫކޭ ވިދާޅުވީ ކުރީގެ ކައުންސިލާއި ގުޅިގެން ގިނަ މަސައްކަތެއް ކުރެވުނުކަމަށާއި، މާލޭގެ ބައެއް މަގުތަކުގުގައި ތާރު އެޅުމުގެ މަޝްވަރާތަކެއް ކުރެވި ބައެއް މަގުތައް ތަރައްގީކޮށްފައި ވަނިކޮށް އާ ކައުންސިލުން އެ މަސައްކަތްތައް ހުއްޓާލުމަށް އާރުޑީސީއަށް އެންގިކަމަށެވެ.

އެ އެންގުން އެންގި ސަބަބެއްކަމަށް މޫކޭ ވިދާޅުވީ، މި ސަރުކާރަށް އެއްވެސްކަމެއް ނުކުރެވޭކަމަށް ދައްކަން މުއިއްޒު ބޭނުންވުމެވެ. އަދި މާލޭގެ މަގުތައް ތަރައްގީކޮށް ޒަމާނާއި އެއް ފެންވަރަށް ބަދަލު ގެންނަނީ މުއިއްޒުއާއި ސިޓީ ކައުންސިލުންކަމަށް ރައްޔިތުންނަށް ދައްކަން ބޭނުންވާތީ ކަމަށެވެ.

“ވަރަށް ގިނަ ކަންކަމަށް އެއްބާރުލުން ދިނިން.. އަޅުގަނޑުމެންނަށް މީޑިއާ ސްޓަންޓެއްކަން އެނގޭކަންކަމުގައި ވެސް އެއްބާރުލުން ދިނިން ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގެ ގޮތުން… އަޅުގަނޑުމެން އެބޭފުޅުންނަށް ނުދޭ އެއްބާރުލުމެއް ނެތް… ބައެއް ތަންތަނަށް ދާން ޕްރެޒެންޓޭޝަން ހަދައިދީފައި ހުންނާނެ.. ބައެއް މިނިސްޓްރީތަކަށް ފޮނުވަން ޖެހޭ ލިޔުންތަކާއި، ކުރެހުންތައް ކުރަހައިދިނިން” މޫކޭ

މޫކޭ ވިދާޅުވީ އަމީނީ މަގުގެ މައްސަލައިގައި ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވޭނެ އެއްވެސް ޖާގައެއް ނެތްކަމަށާއި، ކައުންސިލުން މިހާރު ވެސް އާރުޑީސީއަށް ދައްކަން ޖެހޭ ފައިސާ ހުރީ މިލިއަނުން ކަމަށެވެ. އެހެން ކަމުން ތުހުމަތުތަކެއް އަމާޒުކޮށް، ވާހަކަ ދައްކާނަމަ އާރުޑީސީއަށް ދެއްކޭނެ މާގިނަ ވާހަކަތައް ހުންނާނެކަމަށް މޫކޭ ވިދާޅުވި އެވެ.

އަމީނީ މަގާއި ގުޅޭގޮތުން މޭޔަރު މުއިއްޒާއި ދެކެވުނު ވާހަކަތަކެއްކަމަށް ބުނެ މޫކޭ ވިދާޅުވީ، މޭޔަރު ބޭނުންފުޅުވީ އެ މަގުގައި 40 މިލިއަނަށް ތާރު އެޅޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. ނަމަވެސް އެއީ ޑީވޯޓަރިން ނިޒާމާއި އަދި އެ ނޫން ވެސް ކަންކަމާއި މެދު ވިސްނައި ނޫން ގޮތަކަށް މާލޭގެ މިފަދަ ބޮޑެތި މަގުތަކުގެ މަސައްކަތް ފެށުން ރަނގަޅު ނޫންކަމަށް ދެންނެވެމުން، ރައްދުގައި ރައްޔިތުން އާއްމު ގޮތެއްގައި ޝަކުވާތައް ކުރާނީ އަހަރެއްގެ ތެރޭގައި މަދު ފަހަރެއްގައިކަމަށް ވިދާޅުވި ކަމަށެވެ.

ތާރު އެޅުމުން ރައްޔިތުން ނިންމާނީ އެއީ މަގުގެ މަސައްކަތް ނިންމާފައި އޮތުންކަމުގައިކަމަށް ބުނެ މުއިއްޒު ވާހަކަ ދެއްކެވުމުން އެކަމުގެ ޝަކުވާ ކަމާއި ބެހޭ އިދާރާތްތަކަށް ހުށަހެޅުއްވިކަމަށް މޫކޭ ވިދާޅުވި އެވެ.

“އަޅުގަނޑެއް ބޭނުން ނުވޭ މި ސަރުކާރުގެ ބޮލުގައި މަގުގައި އޭގެ އަނެއް ދުވަހު ފެންބޮޑުވެ ރައްޔިތުންގެ ޝަކުވާ އަންނަން… އަދި ތާރު ކަނޑައި ނަގައި އަނެއްކާ އެއް މަސައްކަތް ކުރާކަށް” މޫކޭ

39 މިލިއަނަށް އަމީނީ މަގުގައި ތާރު އެޅުމާއި ބެހޭ އެއްވެސް އެއްބަސްވުމެއް ނޯންނާނެކަމަށާއި، އެފަދަ ލިޔެކިއުމެއް އޮތްނަމަ ސިޓީ ކައުންސިލާއި، އާރުޑީސީ އެއް މޭޒެއްގައި ތިބެ މީޑިއާގެ ހާޒިރުގައި އޭގެ ތަފްސީލު ދިނުމަށް މޫކޭ ގޮވާލި އެވެ.

“އެއްބަސްބުމެއް އޮތްނަމަ ރައްޔިތުންނާއި ހިއްސާ ކުރައްވާށޭ… ވަރަށް ސާފުކޮށް މިބުނަނީ އެފަދަ އެއްބަސްވުމެއް ނޯންނާނެ…” މޫކޭ

މި މައްސަލައިގައި މާލޭގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ސިޓީ ކައުންސިލާއި އެއްކޮޅަށް ވާހަކަ ދެއްކެވުމުން އެކަމަށް ވެސް މޫކޭ ފާޑުވިދާޅުވި އެވެ. މުއިއްޒު އާއި ހިޔާލުތަފާތުވުންތަކެއް އަބަދުވެސް ހުންނަ ސިފާ މި މައްސަލައިގައި ސިޓީ ކައުންސިލްގެ ދިފާއުގައި ވާހަކަ ދެއްކެވީ، ސިޔާސީ ބޭނުމެއްގައިކަމަށް މޫކޭ ތުހުމަތު ކުރެއްވި އެވެ. އަދި ސިފާ އަކީ އެމްޑީޕީ ވަންތަ އުސޫލުތައް ހިފަހައްޓާކަމަށް ގަބޫލު ކުރެވުނަސް ކަންތައް ވީ އެހެން ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

މޫކޭ ވިދާޅުވީ އެއްވެސް އަސްލެއް ކަމެއްގައި ސިފާ މުއިއްޒު އާއި އެއްކޮޅަށް އަރަން ޖެހޭ ސަބަބެއް ނެތްކަމަށެވެ. އޭނާ ސިފަ ކުރީ މިއީ އެމްޑީޕީގެ އެތެރޭގައި އޮތް ޕީޕީއެމް ފެކްޝަނުގެ ގޮތުގަ އެވެ.

އެމްޑީޕީގެ ކައުންސިލް މެމްބަރުން ވެސް އެއްވެސް ހަގީގަތެއް ބެލުމެއް ނެތި މުއިއްޒުގެ އަވައިގައި ޖެހުމަކީ އެއީ ކަންބޮޑުވާކަމެއްގެ ގޮތުގައި މޫކޭ ވިދާޅުވި އެވެ. އޭނާ ސިފަ ކުރީ އެއީ ސިޔާސީ ޒުވާނުންގެ، ކުރިމަގު ހަލާކުކޮށްލުމެވެ. ނަމަވެސް ސިޔާސީ ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން އެ މެމްބަރުން އެގޮތަށް ވާހަކަ ދައްކަނީކަމަށް އޭނާ ވިދާޅުވި އެވެ.

މޫކޭ މިގޮތަށް ވިދާޅުވީއިރު، ކައުންސިލް މެމްބަރުންގެ ތެރެއިން ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ފާތިހު ވާހަކަ ދެއްކެވި އެވެ. ސައިފްގެ ވާހަކައިގައި ވިދާޅުވީ އެއްބަސްވުމެއް އޮއްވައި، އާރުޑީސީއާއި މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލު ކުރީ މަޝްވަރާ ކުރުމެއް ނެތިކަމަށެވެ. އަދި މިއީ ލާމަރުކަޒީ ގާނޫނާއި ހިލާފުކަމެއްގެ ގޮތުގައި ފާހަގަކޮށް ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: