ސްރީލަންކާގެ ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލައި، ހިންގަމުންދާ މުޒާހަރާތަކުގެ ބައިވެރިންތަކެއް އެ ގައުމުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ ދިރިއުޅުއްވާ ގެކޮޅަށް ވަދެގަނެއްޖެއެވެ.
ދިވެހިރާއްޖޭގެ އަވައްޓެރި ގައުމު ސްރީލަންކާގެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފައިއެވެ. މާލީ ހާލަތު ދަށަށްގޮސް އިގްތިސާދު ފުނޑުފުނޑުވުމުގެ ސަބަބުން، އެ ގައުމުގެ ރައްޔިތުންނަށްވަނީ ބޮޑެތި ދަތިތައް ތަހައްމަލު ކުރަންޖެހިފައިއެވެ. ގިނަ ވަގުތު ތަކުގައި ކަރަންޓު ނުލިބުމާއި، ދުއްވާ އުޅަނދުތަކަށް އަޅާނެ ތެލުގެ އިތުރުން އެހެނިހެން ޒަރޫރީ ބޭނުންތައްވެސް ލިބުމުގައި ދަތިތައް ކުރިމަތިވުމާއި ގުޅިގެން އެގައުމުގެ ރައްޔިތުންދަނީ، ރާޖަޕަކްސާގެ އައީލީ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލަމުންނެވެ.
ރުޅިއައިސްފައިވާ އެތަކެއް ރައްޔިތުންނެއް މުޒާހަރާ ކުރަމުންގޮސް، އެ ގައުމުގެ އިސްވެރިޔާ ރައީސް ގޯޓަބަޔާ ދިރިއުޅޭ ގެކޮޅާއިހަމައަށް ދިއުމަށް މިސްރާބުޖެހުމުން، ފުލުހުންނާއި ސިފައިންވަނީ، އަޑު އުފުލަން ބޭނުންވެފައިވާ ރައްޔިތުންތައް ހުއްޓުވުމަށް މަސައްކަތްތަކެއް ކޮށްފައިއެވެ. އެހެން ނަމަވެސް، ޖަމާވެފައިވާ މީހުންގެ އަދަދުތައް ގިނަވުމުގެ ސަބަބުން، އެ މީހުންވަނީ ގޯޓަބަޔާގެ ގެއާއި ހަމައަށްދިއުން ހުއްޓުވަން އަޅާފައިވާ ބެރިކޭޑުތައް ފޫއަޅުވާލައި، އެ ސަރަހައްދަށްގޮސް، އެނާ ދިރިއުޅޭ ރިޔާސީ ގަނޑުވަރަށްވެސް ވަދެފައިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުން، ގިނަ އަދަދެއްގެ ބަޔަކުވަނީ އެގެއަށްވަދެފައިއެވެ. އެހެން ނަމަވެސް، ރައީސް ގޯޓަބަޔާ އެތާނގައި ނެތްކަން ފާހަގަކުރެވެއެވެ. އެނާގެ ކޮއްކޮ މަހިންދަ ރާޖަޕަކްސާ ދިރިއުޅެމުންދިއަ ގެކޮޅަށްވެސް ރައްޔިތުންތަކެއް ވަދެ ހަމަލާތަކެއް ދިނުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ސްރީލަންކާގެ ރައީސް ގޯޓަބަޔާ ދިރިއުޅޭ ގެޔަށްވަދެ ރައްޔިތުންވަނީ، ގޭގައި ތިބި ބައެއް ތަކެތީގެ ބޭނުންކޮށްފައިއެވެ. އެގޮތުން ބައެއް މީހުން އެތަނުގައި ހުރި ޕޫލަކަށް އެރި ފެންވަރާ ހަދާ މަންޒަރު ފެނިގެންދާއިރު، ގިނަ އަދަދެއްގެ މީހުން ގޭ ތެރޭގައި ތިބި ސޯފާ އަދި އެނދުފަދަ ތަކެތީގައި އަރާމު ކުރަމުންދާ މަންޒަރުވެސް ފެނިގެންދެއެވެ.
ރައީސް ގޯޓަބަޔާ މިވަގުތު ވަނީ ކޮންތާކުކަން އެނގިފައިނުވާއިރު، އެ ގައުމުގެ އެއަރޕޯޓު ސަރަހައްދުން އަގު ބޮޑު ކާރުތަކަކާއި، ސެކިއުރިޓީގެ ވަފުދެއް ބާރު ދުވެއްޔެއްގައި ދިޔަ ތަން ގިނަ އަދަދެއްގެ މީހުންނަށް ފެނިފައިވެއެވެ. ބައެއް ފަރާތްތަކުން ލަފާ ކުރާގޮތުން، ގޯޓަބަޔާއަކީ، އެމެރިކާ ޕާސްޕޯޓެއް އޮންނަ ފަރާތަކަށް ވުމުން، ގައުމުގެ ހާލަތު އިންތިހާއަށް ގޯސްވެ ރައްޔިތުން ރުޅި އިސްކުރަމުންދާތީ، އެނާ ފުރުމަށް މަސައްކަތްތަކެއްވެސް ކޮށްފާނެއެވެ.


One Response
ދެލޯފުޅުންނޭ މިގައުމުވެސް މިއޮތީ ތިޔަފަދަ ހާލެއްގައެވެ.