ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމް އެމްޑީޕީއަށް: ފޫގޮސްފައި އޮތް އިގްތިސާދު ދިފާއުކުރުމަށް މަސައްކަތް ނުކުރޭ!

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ގޮންޖަހައި އެމްޑީޕީ މެމްބަރުން ވާހަކަ ދައްކާ ކަމަށާއި ސަބަބަކީ ފޫނުބެދޭ ކަންތައްތަކެއް ހުރީމަ ކަމުގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްްޖެއެވެ.

“ސަންގު” ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ދޭންޖެހޭ ރަނގަޅު މައުލޫމާތު ސަރުކާރުން ނުދޭކަމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި އެކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީ މެމްބަރުން ކުރައްވާ ކަމުގައެވެ.

“މިއަދު މިސަރުކާރަށް ދިމާވެފައޮތް އެންމެ ނިކަމެތި ހާލަތަކީ އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުގެ ބަލަދުވެރިއަކުނެތް އިނގޭތޯ! މިއަދު ސަރުކާރަށް ބަލަދުވެރިއަކު ނެތް. އެމްޑީޕީގެ ހަމަ ބޮޑު އަދަދެއްގެ މަޖިލިސް މެމްބަރުން މިއަދުގެ ސަރުކާރުގެ ސިޔާސަތުތަކަށް އެބަ ގޮންޖައްސަވާ ދެކޮޅަށް އެބަ ވާހަކަ ދައްކަވާ. އެއީ ފޫނުބެދޭ ކަންތައްތަކެއް ހުރީމަ އިނގޭތޯ! އެހެން ނަމަވެސް ސަރުކާރުގެ ވަޒީފާތަކުގައި ނޫނީ އެކި ގޮތްގޮތުން ސަރުކާރަށް ވަކި ހާއްސަ ކަމެއްގެ ސަބަބުން ބަރޯސާ ވެގެން ތިބި ބަޔަކު އޭގެ ދިފާއުގައި ވާހަކަ ދެއްކެވި ކަމުގައިވި ނަމަވެސް މުޅި އެމްޑީޕީ ތެރޭގެ މެޖޯރިޓީ ވެސް އޮތީކީ ސަރުކާރުގެ މާލީ ސިޔާސަތު ދިފާއުކުރާ ހާލަތެއްގައި ކަމަކަށް އަޅުގަނޑަކަށް ނުފެނޭ އިނގޭތޯ! ” ނާޒިމް

މިދުވަސްވަރަކީ މުޅި ދުނިޔޭގެ އިގްތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެކެވެ. ނަމަވެސް މައްސަލައަކީ ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކު ދައުލަތެއްގެ ސިފައިގައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅެމުން ނުދާކަން ކަމަށާއި އެއީ ރައްޔިތުންގެ ކަންބޮޑުވުން ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ދިވެހި ރާއްޖެެއަކީ ކުޑަ އަދި ބޭރުގެ އިގްތިސާދު ތަކަށް ބަރޯސާ ވެގެން އުޅޭ ގައުމެއް ކަމުގައި ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ގައުމެއްގެ ރިޒާވް ބެލެއްޓިގެން ދިއުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ނާޒިމް ފާހަގަ ކުރެއްވިއެވެ.

ގައުމެއް އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށް ވިސްނާއިރު އެންމެ މުހިއްމު ދެކަމަކީ އެގައުމެއްގެ އިގްތިސާދުގައި ރައްކާކުރެވިފައި ހުރި ރިޒާވް ރަނގަޅަށް ބެލެހެއްޓެމުން ދިއުމާއި ޒުވާނުންނަށް ފުރުސަތު ތަކެއް ލިބިގެން ދިޔުން ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ގައުމުގެ އިގްތިސާދާއި ގުޅުން ހުރި މައުލޫމާތު މިއަދުގެ ސަރުކާރުން ޒިންމާދާރު ގޮތެއްގައި ދިވެހި ރައްޔިތުންނަށް ފޯރުކޮށްނުދޭ ކަމަށެވެ.

ދުނިޔޭގެ މާލީ އިދާރާތަކުން ތަފާސް ހިސާބު ބޭނުންކޮށްގެން ރިސާޗްގެ އަލީގައި ބިނާކޮށް ދޭ ބައެއް ލަފާ މިއަދުގެ ސަރުކާރުން އަޑުނާހާ މަންޒަރު ފެނިގެން ދާ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އިގްތިސާދީ އިލްމުވެރިން ވިދާޅުވާ ކަންކަމާއި ތަފާސް ހިސާބުން ފެންނަން ހުރި އަދަދުތަކަކީ ދޮގުހަދާނެ އެއްޗެއް ނޫން ކަމަށާއި އޭގެ އަލީގައި މިއަދު އެންމެ އާދައިގެ މީހާއަށްވެސް ގައުމުގެ އިގްތިސާދު އޮތް ހާލަތު ވަޒަން ކުރެވޭނެ ކަމުގައެވެ.

2019 ވަނަ އަހަރު ސޮވަރިން ފަންޑުގައި 1.4 ބިލިއަން ރުފިޔާ ހުރިކަމަށާއި ނަމަވެސް 2021 ވަނަ އަހަރާ ހަމައަށް އައި އިރު އެ ފަންޑުގައި ހުރީ 419 މިލިއަން ރުފިޔާ ކަމަށް ދިވެހި މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެ ފަންޑަކީ ވަކި މަގްސަދެއްގައި އުފެއްދި ވަރަށް މުހިއްމު ފަންޑެއް ކަމަށާއި އެ ފަންޑު އުފައްދަން ޖެހުނީ ލޯނުތައް ނަގައިގެން ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގާފައިވާތީ އެލޯނު އަދާކުރުމުގެ ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ކުރި ކަމެއް ކަމުގައި ނާޒިމް ވިދާޅުވިއެވެ. މިއަދު  އެ ފަންޑު އެދަނީ ހުސްވަމުން ކަމަށާއި އެ ފަންޑުގައި ހުރި ފައިސާ އަކީ ދައުލަތުގެ މާލީ ރިޒާވްގައި ހުރި ބައިގެ ތެރެއިން އެއްބައި ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސޮވަރިން ފަންޑުގައި ހުރި ފައިސާ އަކީ ވަކި ކަމަކަށް ހާއްސަ ކުރެވިފައި ހުރި ފައިސާ ކަމަށާއި ނަމަވެސް ދައުލަތް ނިކަމެތި ވުމުގެ ސަބަބުން އިތުރަށް ފައިސާ ހޯދާނެ ގޮތެއް ނެތުމުން އެފައިސާ ބޭނުން ކުރަން ޖެހުނީ ކަމުގައެވެ.

މީގެ އިތުރުން ޑޮލަރުގެ ގޮތުގައި ހުރި ފައިސާ ދިވެހި ރުފިޔާ އަށް ބަދަލުކޮށް ޑޮލަރު އެހެން ބޭނުމަކަށްޓަކައި ބޭނުންކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށާއި މިއަދު ސޮވަރިން ފަންޑުގައި ހުރި ފައިސާގައި ޑޮލަރުގެ މިންވަރު ހުރީ އެންމެ 10 ޕަސެންޓް ކަމަށާއި ދެންހުރި އެއްޗިއްސަކީ ދިވެހި ފައިސާ ކަމުގައި ނާޒިމް ވިދާޅުވިއެވެ. އެކަމަކީ މި ގައުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި ލޯނުތައް އެއްފަހަރާ ދައްކަން ޖެހޭ ކަމަށާއި ކުއްލިއަކަށް ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހިއްޖެ ނަމަ އޭގެ ގެއްލުން ރައްޔިތުންނަށް ކުރިމަތިވާނެ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ލޯނު ނަގައިގެން މަޝްރޫއުތައް މި ސަރުކާރުން ހިންގާއިރު ދައުލަތަށް އާމްދަނީ އެއް ވަންނަ އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން ލޯނުނަގައިގެން ހިންގި އެންމެ ބޮޑު އެއް މަޝްރޫއަކީ އެއަރޕޯޓް މަޝްރޫއު ކަމުގައި ނާޒިމް ވިދާޅުވިއެެވެ. އެއަށްފަހު ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލަކީ އޭގެ ސަބަބުން ދައުލަތަށް ހަރުމުދަލުގެ ގޮތުގައި އިތުރުވެފައި ހުރި އާމްދަނީ ލިބޭނެ ކަންތައްތައް ކަމުގައި ނާޒިމް ވިދާޅުވިއެވެ.

މިއަދު ދައުލަތުގައި ފައިސާ ނެތިގެން ސުކޫކު ވިއްކަން ހުރި ތަންތަނަށް ބަލާއިރު ދަރުމަވަންތަ ހޮސްޕިޓަލް އެންމެ މުހިއްމު ތަނެއްގެ ގޮތުގައި ފާހަގަ ކޮށްގެން މިސަރުކާރުން އެއިމާރާތުގެ ބޭނުންކޮށްގެން މިއަދު ފައިސާ ހޯދައިފި ކަމުގައި ނާޒިމް ވިދާޅުވިއެވެ. އެކަމަކީ ދުރުވިސްނޭ ސިޔާސަތެއްގެ ސަބަބުން ކުރެވުނު ކަމެއްކަމަށާއި އެކަމަކީ ހަމައެކަނި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރެވުނު ކަމެއް ނޫން ކަމުގައި ނާޒިމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ސަބަބުން ދައުލަތަށް ބޮޑު މަންފާއެއް ލިބި އެސެޓެއްގެ ގޮތުގައި ރައްކާކުރެވިފައިވާ ތަނަކަަށް އެތަން ވެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އިގްތިސާދަށް އިތުރު މަންފާއެއް ލިބޭ ކަމެއް ނުކުރެވި ރިޒާވްގައި ހުރި ފައިސާ ބޭނުން ކުރަމުން ގޮސް ހުސްވަމުންދާ ދިއުމަކީ ވަރަށް ބިރުވެރިކަމެއް ކަމުގައި ނާޒިމް ވިދާޅުވިއެވެ. އޭގެއިން ވަރަށް ބިރުވެރި ރަނގަބީލެއް ޖަހާކަމުގައި ނާޒިމް ވިދާޅުވިއެވެ.

މަލްޓި  ޕާޓީ ޑިމޮކްރަސީ އެއްގައި ޕާޓީ ނިޒާމެއްގެ ތެރެއިން ސަރުކާރެއް ގެންނަ އިރު ރައްޔިތުންނަށް އޮންނަންޖެހޭ އެންމެ ބޮޑު ކަށަވަރުކަމަކީ އެޕާޓީ ޕާޓީއެއްގެ ގޮތުގައި ސަރުކާރަށް ޒިންމާވެ ރައްޔިތުންނަށް ޒިންމާވެ ޖަވާބުދާރީ ވާ ބައެއްގެ ގޮތުގައި އޮތުން ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: