ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެވަޒިފާ އަދާކުރާއިރު ވެސް އެކަމާ އަޅާލާނެ މީހަކު ނެތް ކަމަށް ވިދާޅުވެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރ 15 ވަނަ ދުވަހު ޝާހިދު ވަނީ އެމަގާމާއި ހަވާލުވެ ވަޑައިގެންފައެވެ. އޭގެ ފަހުން ޝާހިދު ދެތިން ފަހަރެއްގެ މަތިން ރާއްޖޭގައި ހޭދަކުރެއްވި ހައެއްކަ ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ހުންނެވީ އެމެރިކާގައި ނުވަތަ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެއްގައެވެ. މިހާރު ވެސް ޝާހިދު ހުންނެވީ އެމެރިކާގައެވެ.
މޮސްޓާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝާހިދު ދެވަޒީފާ އަދާކުރާއިރު އެވާހަކަ ނޫސްތަކުގައި ޖަހަން ޖެހޭ ކަމަށެވެ. މިނިސްޓަރު ކަމަކީ ފުލްޓައިމް ވަޒީފާއެއް ކަމަށާއި ނަމަވެސް ޝާހިދު ދެވަޒީފާ އަދާކުރާއިރު އަޅާލާނެ މުއައްސަސާއެއް ވެސް އަދި ފަރުދެއްވެސް މި ގައުމުގައި ނެތީތޯ މޮސްޓާ ސުވާލު ކުރެއްވިއެވެ. އޭނާ ވަނީ ގާނޫނު ހަދާ ދެރަނިކަމެތިންގެ މައްޗަށް އެކަނި ހިންގަންތޯ ވެސް ސުވާލު ކުރައްވާފައެވެ.
މީގެ ކުރިން އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވި ގައުމުތަކުގެ ފޮރިން މިނިސްޓަރުން ވަނީ އެމަގާމު ލިބުމާއިއެކު ވަޒީރު ކަމުން ދުރަށް ޖެހިވަޑައިގެންފައެވެ. ނަމަވެސް ޝާހިދު އެގޮތައް އަމަލެއް ނުކުރައްވައެވެ.
އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަކީ އދ.ގެ ރަސްމީ ވަޒީފާއެއް ނޫނެވެ. އެހެންވެ ޝާހިދު އެމެރިކާގައި ހުންނެވުމާއި ޝާހިދު ކުރައްވާ ދަތުރުފުޅުތަކުގެ ހަރަދުތައް ވެސް ހަމަޖައްސަން ޖެހެނީ ދިވެހި ސަރުކާރުންނެވެ. އެމެރިކާގެ ނިއުޔޯކަކީ ދުނިޔޭގެ އެންމެ އަގުބޮޑު އެއްސިޓީ ކަމުން ޝާހިދު އެމެރިކާގައި ހުންނެވުމަށް މިހާރު ވެސް ދިވެހި ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފައި ވާނެ ކަމަށް ބެލެވެއެވެ.

