ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަންދުވަހާއި އެދުވަހު ކުރެވޭ އިހުސާސްތައް

ގައުމީ ދިދަ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ދުވަހުގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަމުން ދަނީ، 1887 ވަނަ އަހަރު ޑިސެމްބަރުން، 1965 ވަނަ އަހަރުގެޖުލައި މަހުގެ ސައްބީސް ވަނަ ދުވަހާހަމައަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.

އަށާރަ ސަތޭކަ އަށްޑިހަހަތް ވަނަ، އަހަރުގެ ޑިސެމްބަރ މަހު، އައްސުލްޠާން މުޙަންމަދު މުޢީނުއްދީން (ދެވަނަ) އާއި ސިލޯނުގައި ހުންނެވި، އިނގިރޭސި ގަވަރުނަރު ސަރ އޭއެޗްގޯޑްން އާއި ދެމެދު، ކުރެވުނު މުޢާހަދާއެއްގެ ދަށުން، ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެދަށަށް ދިޔައެވެ.

އެމުޢާހަދާގައިވާގޮތުންރާއްޖެއަކީ، ޚާރިޖީ ހުރިހާ ކަމެއް އިނގިރޭސި ދައުލަތް މެދުވެރިވެގެން ހިނގަންޖެހޭ، އިނގިރޭސިންގެ ހިމާޔަތްލިބިގެންވާ ޤައުމެކެވެ. އަދި ރާއްޖޭގެ ރަސްގެފާނަކީ އިނގިރޭސި ދައުލަތުގެ ރުހުން ލިބިފައިވާ މީހަކަށްވުމުގެ އިތުރުން، އިނގިރޭސި ދައުލަތަށް ކޮންމެ އަހަރަކު ރާއްޖެއިންޖިޒީފޮނުވަންޖެހޭ ކަމުގައި ވިއެވެ.

އެއަށްފަހުވެސް ދެޤައުމުގެ ދެމެދުގައި ވެފައިވާ މުއާހަދާއިން ބޭރުން އިނގިރޭސީން ދިޔައީ ކަންތައްތައް ކުރަމުންނެވެ. އެގޮތުން 1956 ވަނަ އަހަރު ދިވެހި ސަރުކާރުގެ ހުއްދައެއްގެ ދަށުން ވަރަށް ކުޑަކުޑަ ރަމްޒީ ފީއަކަށް ސަތޭކައަހަރު ދުވަހުގެ މުއްދަތަށް އައްޑުއަތޮޅު ގަމާއި ހިތަދޫން 110 އޭކަރު ބިންއިނގިރޭސީން ކުއްޔަށް ހިފިއެވެ.

އެދުވަސްވަރު، ދެޤައުމުގެ ދެމެދުގައި ކުރެވިފައިވާ މުއާހަދާ އަލުން އައުކުރުމާބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އެކަމުގައި ދިވެހި ސަރުކާރުން ބުނަމުންދިއައީ، އަލަށް ކުރެވޭ އެގްރީމެންޓުގައިދިވެހިރާއްޖޭގެ ސިޔާސީ ހައިސިއްޔަތު ކަނޑައެޅިގެން ބަޔާންވެ އެނގެންއޮންނަންޖެހޭނެ ކަމަށެވެ. އަދި ރާއްޖެއަކީ އަމިއްލަވެރިކަމެއްގެ ބާރު ލިބިގެންވާ މިނިވަން ޤައުމެއް ކަމުގައި އިނގިރޭސި ސަރުކާރުން ޤަބޫލު ކުރުމަށް ރާއްޖެއިން ހުށައެޅިއެވެ. އެހެންނަމަވެސް އެކަން ޤަބޫލުކުރުމަށް އިނގިރޭސިން ފުރަތަމަ ދެކޮޅު ހެދިއެވެ. ގިނަދުވަސްތަކެއްގެ މަޝްވަރާތަކަށް ފަހު 1960 ވަނަ އަހަރު ދިވެހިސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ދެވަނަ މުއާހަދާއެއްގައި ސޮއެ ކުރެވުނެވެ. އެމުއާހަދާގައި ދިވެހިރާއްޖެއަކީ މިނިވަން އަމިއްލަ ވެރިކަމެއް ކުރާ ޤައުމެއް ކަމުގައި އިނގިރޭސީން އެއްބަސްވެފައިވެއެވެ. އެހެން ނަމަވެސް އިނގިރޭސީން މެދުވެރިވެގެންނޫނީ ބޭރު ޤައުމަކާ ސިޔާސީ ގުޅުމެއް އުފެއްދުމަކަށް އެ މުއާހަދާއިންވެސް ތަނެއް ނުދެއެވެ.

މީގެ އިތުރުން އެދުވަސްވަރު ހިނގާދިޔަ މަޝްހޫރު ހުވަދޫ އައްޑޫ ގަޑުބަޑާއި ގުޅިގެން ހުވަދުއަތޮޅުން ދެކުނުގައި ވަކި ސަރުކާރެއް އުފައްދައިގެން އުޅުނު މީހުންނާއި އިނގިރޭސީންނާއި ދެމެދު އޮތް ގުޅުންތައްވެސް ވެގެންދިޔައީ އިނގިރޭސީންގެ ކިބައިން މިނިވަންކަން ހޯދުމުގެ ވަރުގަދަ ރޫހެއް އުފެދެން މެދުވެރިވި ސަބަބަކަށެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނީ  1965 ވަނަ އަހަރުގެޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއިދެމެދު ކުރެވުނު އާމުއާހަދާގެ ދަށުން ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއް ކަމުގައި އިނގިރޭސި ސަރުކާރުން ބަލައިގަތެވެ. އެއާއި އެކު ސިޔާސީ ގޮތުންނާއި، އެހެނިހެން ވެސް ގޮތްގޮތުން ބައިނަލް އަގްވާމީ، ސީދާ ގުޅުން ހިންގުމުގެ ހައްގު އަލުން އަނބުރާ ރާއްޖެއަށް ލިބުނެވެ. އެ މުއާހަދާގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި  މަހުގެ 26 ވަނަ ދުވަހު ރާއްޖެ ގަޑިން ދިހަެއް ޖެހިއިރު ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ ގައި ހުންނަ އިނގިރޭސި ހައިކޮމިޝަންގައެވެ.

ރާއްޖޭގެ ފަރާތުން އެ މުއާހަދާގައި ސޮއި ކުރެއްވީ އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރެވެ.  އިނގިރޭސި ވިލާތުގެ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާގުޅިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަސް ފާހަގަ ކުރަމުންދަނީ ރާއްޖޭ މިނިވަންދުވަހުގެ ގޮތުގައެވެ.

މިއަދު ފާހަގަ ކުރަމުން މިދާ 57 ވަނަ މިނިވަން ދުވަހުގައި ވިސްނާލުން މުހިއްމު އެތަކެއް ކަންތައްތަކެއް ހުރި ކަމުގައި ދެކެމެވެ. އެދުވަހު ކާބަފައިން ގައުމު މިނިވަން ކުރުމަށް ކުރި ބުރަ މަސައްކަތުގެ އަގު އަދާކުރުމަކީ ފަސޭހަ ކަމަކަށް ނުވި ނަމަވެސް ފުރިހަމަ މިނިވަންކަން އޭގެ ހަގީގީ މާނައިގައި ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް ލާޒިމް ކަމެކެވެ.

މިހާތަނަށް ދިވެހި ތާރީހުގައި ވެރިކަން ކުރި ވެރިން މި ގައުމުގެ މިނިވަންކަން ހޯދައިދިނުމަށް އެކި މަސައްކަތްތައް ކުރެއްވި ނަމަވެސް ހަގީގީ މިނިވަންކަން ލިބިފައިވޭތޯ މިއީ ކުރެވޭ ސުވާލެވެ. ޑިމޮކްރަސީގެ އުސޫލުން ގައުމުގެ ކަން ހިނގާ ކަމަށް ވަކާލާތު ކުރަމުން ދާއިރު ގައުމުގެ ގިނަ ކަންކަން ހުރިހާ ދިމާލަކުން ދީލައިލާ ބޮއްސުން ލައިގެން ގޮސްފައިވާތަން ފެނުމަކީ ފުރިހަމަ މިނިވަންކަން ނެތުމޭ ބުނެވިދާނެއެވެ. މިނިވަން ހިޔާލު ފާޅު ކުރުމަށް ގާނޫނު އަސާސީ އިން ޖާގަދެވުނު ނަމަވެސް އެ ހައްގު ހަނިކުރެވި އެހައްގުން މަހުރޫމް ކުރެވުނީ މަދު ފަހަރަކު ނޫނެވެ. ހައްގު ބަސް ބުނެ ހައްގު މިންވަރު ހޯދުމަށް ވަކާލާތު ކުރުމުން އެކަމުގެ އިނާމެއްގެ ގޮތުގައި އަނިޔާ އާއި ވޭނާއި ޖަލުގެ ކުޑަގޮޅި ތަހައްމަލު ކުރަން ޖެހުނު އެތަކެއް ދިވެހި ދަރިންނެއް މިއަދު މިގައުމުގައި އަދިވެސް އެބަ ތިއްބެވެ.

ގައުމުގެ އެކި ދާއިރާތަކަށް ނަޒަރު ހިންގާލުމުންވެސް ފެނިގެންދަނީ ހަމަހަމަ ކަމާއި އިންސާފު ނެތިގެންދާތަނެވެ. އަދުލުގެ ނިޒާމް ފުނޑުފުނޑުވެ އިޖްތިމާއީ ފޭރާން ވީދި ހަލާކު ވަމުންދާ މަންޒަރެވެ. އަތާއި ފައިގައި ކަސްތޮޅު އެޅިފައި ނުވި ނަމަވެސް ނަފްސާއި ޖިސްމު އަޅުވެތިކަމުގައި ވާ ކަމުގެ އިހުސާސް މިއަދު މިގައުމުގައި ކުރެވޭ ކަން ދަންނަ އެތައް ރައްޔިތުންނެއް އެބަތިއްބެވެ. އެމީހުންގެ ވިސްނުމާއި ހިޔާލާއި ފިކުރާއި އިހުސާސްތައް ބަޔާންކޮށްދިނުމަށް ކުރާ މަސައްކަތް ބޭކާރުވެގެން ދަނީ އަޅުވެތިކަން ވަށާލާ މަޖުބޫރުކުރުވުމަކުންނެވެ. އެ މަޖުބޫރީ ހާލަތު މެދުވެރިވަނީ ނުފޫޒުގަދަ ސިޔާސީ ލީޑަރެއް ނުވަތަ ވެރިއަކު ބޭނުންވާ ގޮތަކަށް އެކަން ވެގެންދާތީއެވެ. ވެރިމީހާގެ އަމުރަށް ތަބާނުވާ މީހާއަށް އަދަގޮޑީގެ ހުކުމާއި ކުޑަ ގޮޅީގެ ހުުކުމުގެ ސަގާފަތް ތަކުރާރު ވަމުން އަންނާތީއެވެ.

ޑިމޮކްރަސީ ނަމުން ވެ ވިރާސީ ރަސްކަމުގެ އާދަތަކާއި އުސޫލުތަކުން ކަން ހިނގާތީ އެކަން ބަދަލު ކުރުމަށް ކުރެވުނު މަސައްކަތުން މިއަދާ ހަމައަށް އާދެވިފައިވާ ހިސާބަކީ އެންމެ ރަނގަޅު ހިސާބެކޭ ބުނެވެން ނެތެެވެ. ސަބަބަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުން އަދިވެސް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުހިފޭތީއެވެ. ދައުލަތުން ނުވަތަ ކަމާއި ގުޅޭ އިދާރާރަކުން ބޭނުންވާ މައުލޫމާތެއް ހޯދުމަށް އެދުމުން އެމައުލޫމާތެއް ނުލިބި ލަސްވަނީ ނުވަތަ އެއީ ހާމަކުރެވެން ނެތް މައުލޫމާތެއް ކަމުގައި ބުނެ އެކަން މަނާ ކުރެވެނީ އެކަމުގައި ހުރި ގޯސްތަކެއް ނުވަތަ އެކަމާއި ގުޅިގެން ހާމަވެގެންދާނެ ހަގީގަތް ފޮރުވުމަށް ކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން އެނގެން ބޭނުންވާ މީހުން އެކަމުގައި އަވަދިނެތި އުޅެއެވެ.

ރާއްޖޭގެ ދިގު ތާރީހަށް ބަލައިލި ނަމަ ފެނިގެންދަނީ މަޖުބޫރުން ކަންތައްތައް ކުރުވާ ތަނެވެ. އެއީ ގާނޫނަށް ބަދަލެއް ގެނައުން ކަމުގައި ވީ ނަމަވެސް ހިދުމަތެއް ހޯދުން ކަމުގައިވި ނަމަވެސް އަދި އިލްމު އުގެނުން ކަމަށްވިއަސް ގިނަ ފަހަރު ޖެހެނީ އާދޭސް ދަންނަވާށެވެ. އާދޭހުގެ ސިޓީ ފޮނުވައި އިންތިޒާރުގެ ވަގުތު ގުނާލަ ގުނާލާ ތިބޭށެވެ. ސަލާންޖެހުމަކީ އަޅުވެތިކަމެކޭ ވެސް ބުނެވިދާނެއެވެ. ފުދުންތެރިކަންލިބެން އޮތް ބަޔަކަށް އެހައްގު ހޯދައިނުދެނީ އަޅުވެތިކޮށްގެން ގެންގުޅެން ބޭނުންވާތީއެވެ.

އެހެންކަމުން މިނިވަން ދުވަސް އައުމުން ވަކި ލިބޭ ހިތްހަމަޖެހުމެއް ނެތް ތަނުގައި މިނިވަންކަމުން އަޅުވެތިކަމަށް ދެވިފައިވާ މިންވަރު ވަޒަންކޮށްލެވެއެވެ. މިނިވަންކަމަކީ ހަމައެކަނި ގައުމުގައި ވިހުރޭ ދިދައިގެ މިނިވަން ކަމެއް ނޫނެވެ. މިނިވަން ކަމަކީ ގައުމުގައި ހާސްކަމެއް ނެތި ހަމަޖެހިލައިގެން އުޅެވުމެވެ. އިގްތީސާދީ ގޮތުން ދަރަނިވެރި ނުވެ ގައުމުގައި އުޅުމެވެ. އިޖްތިމާއީ ގޮތުން ދުޅަހެޔޮ ކަމާއި އަމާން މުޖުތަމައެއްގައި އުޅުމުގެ އިހުސާސް ހިތަށް ކުރުވާފަދަ މާހައުލެއް ގާއިމް ވެފައިވުމެވެ.

އޭގެ ބަދަލުގައި ހަލަބޮލި ވެއްޓެއްގައި ހަފަރާތުން ފިތުނަ ފަސާދަ އާއި ނުރައްކާތެރިކަން ފެނިގެން ދިއުމަކީ މިނިވަންކަމަށްވާނަމަ ހަގީގަތުގައިވެސް މިއޮތީ ވަރަށް ފުރިހަމަ މިިނިވަން ކަމެއް ލިބިފައެވެ. މި ލިބުނު މިނިވަން ކަމުގައި ހައްދެއް އެބައޮތްބާ އޭވެސް ހިތަށް އަރާފަހަރު މަދެއް ނޫނެވެ. މާރާމާރީ އާއި ވައްކަމާއި ފޭރުމާއި ބޮޑެތި ޖިނާއީ މައްސަލަތަކާއި މީހުން މެރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި ދީނީ ހިޔާލު ތަފާތުވުން ތަކާއި މިހެން ގޮސް ތަފާތު އެތައްކަމެއް އެކުލެވޭ މިނިވަން ކަމަކީ ފުރިހަމަކަމުގެ ލާމަސީލު ނަމޫނާއެކެވެ.

މިނަމޫނާގައި ހިފައިގެން ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު މިއަދު މިދަނީ އެންމެ ރަނގަޅު މިސްރާބަށްތޯ މިއީ ނަފްސާއިމެދު ކޮށްލުން މުހިއްމު ސުވާލެކެވެ. ރިވެތި އަހްލާގާއި އާދަކާދައާއި ސަގާފަތް އުވި ދާ ކަމުގެ އަޑުތަކަކީ މަދުން ނަމަވެސް ތުންތުން މަތިން ދޭދޭ މީހުން ދައްކާ ވާހަކައެކެވެ. އެކަން އެހެން އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ދިރުވައި އާލާ ކުރުމަށް މަސައްކަތް ކުރަނީ ކިތައް މީހުންތޯ އޭ މިއީ މިއަދު ހިތަށް ގެންނަން ޖެހޭ ސުވާލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: