ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ކަންކަމާއެކު އުފެދޭ ހިޔާލުތަފާތުވުންތައް!

ރައީސް ސާލިހުގެ އަރިހުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަގާފަތާއި އާދަކާދަ ނުވަތަ ކަމެއް ކުރަމުން އައި ގޮތަކީ ގިނަފަހަރު ވަރަށް މުހިއްމު އެއްޗެކެވެ.

ސިޔާސީ މައިދާނުގައި ވެސް ކަމެއްގެ ވައްޓަފާޅި އަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ.

ކަމެއް ކުރުމުގެ ހިޔާލު ނުވަތަ އެކަމެއްގެ ވައްޓަފާޅި އަކީ ގިނަ ފަހަރު އެކަން ކުރުމުގެ ކުރިން އެއީ އެންމެ ރަނގަޅު ކަންތައް ކަމުގައި ނިންމެން އޮންނަ ކަމެއް ނޫނެވެ. ނަމަވެސް އެކަމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގަންނަ ބަޔަކު އެކަން ބަލައިގަންނަނީ އެކަމުގެ ސަބަބުން އެބަޔަކަށް މަންފާއެއް ލިބޭތީއެވެ.

ސިޔާސީ ގޮތުން އުފަންވާ ހިޔާލުތައް ހަގީގަތަކަށް ހެދުމަށް ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ޓެސްޓްކުރާ ފަދަ ނިއުކްލިޔަރ މިސައިލުތައް ފަދައިން އެ ހިޔާލަކީ ރަނގަޅު އެއްޗެއްތޯ ޓެސްޓް ކުރާކަށް ނުޖެއެވެ. ސަބަބަކަށް ވަނީ އާންމުގޮތެއްގައި ސިޔާސީ ވިސްނުމުގައި އަންނަ ހިޔާލުތައް ގިނަފަހަރު ގުޅިފައިވަނީ މިނިވަންކަމާއި ހަމަހަމަ ކަމާއި އަދުލު އިންސާފާއި މުޖުތަމައުގެ ހަގީގީ ހަމަހަމަ ކަމާއެވެ.

ގިނަފަހަރު އެކަންކަން ގުޅިލާމެހިފައިވަނީ އެތަނެއްގެ ގައުމިއްޔަތާއި، ދިރިއުޅުމުގެ ވައްޓަފާޅި އާއި އަދާކުރާ ވަޒީފާ އާއި ސިޔާސީ ގޮތުން އުފެދިފައިވާ ޕާޓީތަކާއެވެ. އިސްވެ ބަޔާން ކޮށްދެވުނު ކަންކަމަކީ ބޮޑެތި ބަހުސްތައް ފުޅާ ދާއިރާގައި ކުރެވެމުންދާ މައުޟޫއު ތަކެކެވެ.

ބައެއްފަހަރު ހިޔާލުތަކާއި މަޝްވަރާތަކަކީ ނުފޫޒުގަދަ ޕާޓީތައް ރައްޔިތުން ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ހަތިޔާރެއް ކަމުގައި ދެކެވެއެވެ. ވަރުގަދަ ހިޔާލުތަކުގެ ސަބަބުން ފޯރާ ނުފޫޒުގެ އަސަރު ތިމާގެ ދިރިއުޅޭ ވެއްޓާއި ކިޔަވައިދިނުމާއި އެހެނިހެން ކަންތައްތަކަށް ފޯރައެވެ.

ނުރަނގަޅު ހިޔާލުން އުފެދޭ ކަންތައްތަކުގެ ސަބަބުން ނުބައި ނުފޫޒެއް ފޯރުމަށް މަގުފަހިވެއެވެ.

މުޖުމަތައެއްގައި ދިރިއުޅޭ ބައެއް ނުވަތަ އަލަށް އެ މުޖުތަމައު އަކަށް ހިޖުރަކުރާ ބައެއްގެ އާދަކާދަ ހުންނަ ގޮތުން އެތަނެއްގައި ހަމަނުޖެހޭ ކަންތައްތަކެއް ހިނގުމަށްވެސް ބައެއް ފަހަރު މެދުވެރިވެއެވެ. މިސާލަކަށް ދީނީ ތަފާތުކަންކަމާއި އާދަ ކާދަ ތަފާތުވުމުގެ ސަބަބުން ދެބަސްވުން އުފެދެއެވެ. އާދަކާދައިގެ ތެރޭގައި ހެދުން އެޅުމުގައި ގެންގުޅޭ އުސޫލުތަކާއި ދިރިއުޅުމުގައި ގެންގުޅޭ އުސޫލުތަކުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާއި އެކުވެރިވެ ނުވަތަ އެއްބަޔަކު އަނެއް ބަޔަކާ ނަފްރަތުކަން އުފެދުމަށް މަގުފަހިވެގެންދެއެެވެ.

ތިމާގެ ވަށައިގެން ދިރިއުޅޭ މީހުންނަކީ ވަރަށް ހަލަބޮލި މާހައުލެއްގައި ދިރިއުޅޭ ބަޔަކަށްވެފައި ތިމާ މަޑުމައިތިރި ކަމަށް ލޯބިކުރާނަމަ އެތަނެއްގައި ދިރިއުޅުމަކީ ދަތިކަމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ސިޔާސީ ކަންކަމުން އުފެދޭ ހިޔާލުތަފާތު ވުމަކީ ވެސް އެފަދަ ކަމެކެވެ. ބައެއް ޕާޓީ ތަކަކީ މަޑުމަޑުން ތިބޭ ގައުމުގައި ހިނގާ އެއްވެސް ކަމަކާއި ދެކޮޅަށް ބަހެއް ނުބުނެ ތިބޭ ބައެކެވެ. އެމީހުންގެ ތެރޭގައި ތިބި ބަޔަކު ބޭނުންވާ މަގާމްތަކެއް ލިބުމުން އެމީހުންނަށް ފުދުނީ ކަމަށް ދެކި ދެން އިތުރު ކަމަކާއި ނުވިސްނާ ތިބޭ ބަޔަކު އެފަދަ ޕާޓީ ތަކުގައި ހިމެނެއެވެ.

އަނެއް ބަޔަކީ ސިޔާސީ ޕާޓީއެއްގައި އެމީހުން ތިބުމުން އެމީހުންނަކީ ނުހަނު މުހިއްމު ބައެއް ކަމަށް ދެކިގެން ގައުމާއި ރައްޔިތުންނަށް ކޮންމެވެސް ކަމެއް ކޮށްދިނުމަށް މަސައްކަތް ކުރާ ބައެކެވެ. އިހްލާސްތެރިކަން ނެތަސް ކަންދެއްކުމަކީ އެބައިމީހުންގެ މޮޓޯއެވެ. އެކަކަށްވުރެ މޮޅަށް އަނެކަކު ވާހަކަ ދައްކައި މީސްތަކުންނާއި ރައްޔިތުންގެ ކުރިމަތީގައި މޮޅެތި ވާހަކަތަކެއް ދައްކައިގެން ރައްޔިތުންގެ ބޮލަށް ސަވާރުވަނީ އަމިއްލަ އެދުމުގައިވާ ކަންތައްތައް ހާސިލްކޮށްލުމުގެ މަގްސަދުގައެވެ.

ދުނިޔޭގެ ދަހިވެތިކަމުގައި ސިޔާސީ ވެރިން ޖެހި އޭގެ އަހުލުވެރިންނަކީ ރައްޔިތުން ކަމުގައި ހަދައި އެމީހުންނަށް ރޯމާ ދުވާލު ދައްކާ ހުވަފެންތަކަކީ ދުވަހަކުވެސް ހަގީގަތެއް އެކުލެވޭނެ އެއްޗެއް ނޫން ކަމުގައި ފެންނަން ފަށާ ދުވަހަކުން ކުރެވުނު މޮޔަކަމުގެ މައްޗަށް ހިތާމަ ކުރަން އަވަސްވެގަނެއެވެ. އެހިސާބުން އެ ބަޔަކު އަނެއްކާވެސް އާ ގޮތްތަކެއް ހޯދައިގެން މޮޅެތި ނަންތަކާއި ޝިޔާރު ތައް ބޭނުންކޮށްގެން މަސައްކަތް ކުރަންފަށައެވެ.

އެމީހުން ބޭނުންވާ ކަންތައްތައް ހާސިލްކުރުމަށެވެ. ސިޔާސީ ޕާޓީ ތަކުގެ އިސްވެރިންނަށް މަދުވަނީ ގިނަފަހަރުގައި ފައިސާ އާއި މަގާމް ތަކެވެ. އެމީހުންގެ މިލްކިއްޔާތާއި އެމީހުންގެ ނުފޫޒު މުޅި ގައުމުގައި ފަތުރާލުމެވެ.

ބަލައިލި ކޮންމެ ދިމާލަކުން ފެނިގެންދަނީ އެމަންޒަރެެވެ. މި ކުޑަކުޑަ ދިވެހިރާއްޖެއިންވެސް ފެނިގެން ދަނީ ވެރިކަމުގެ ދަހިވެތިކަމުގައި އެކެއްގެ ބޮލުގައި އަނެކަކު އިލްޒާމު އަޅުވައި އެކަކަށްވުރެ މޮޅަށް އަނެނަކު ދޮގު ހަދަމުން ދުވާތަނެވެ. ކޮރަޕްޝަނާއި ފިތުނަ ފަސާދަ އާއި މާރާމާރީ އާއި ލިވާތު ކުރުމާއި ވައްކަމާއި މިހެން ގޮސް ދީނުގައި ނަހީ ކޮށްފައިވާ އެންމެހައި ކަންތައްތައް ކުރަމުން ގެންދަނީ ދުނިޔެއަށް ބިރެއްނެތި އާހިރަތަށް ލަދެއް ނެތިއެވެ.

އެމީހުންނަށް ކޮންމެ ފަސްއަހަރަކުން އެއްފަހަރު ރައްޔިތުން ފެންނަ ފަދައިން ރައްޔިތުންނަށް ވެސް އެމީހުން ފެންނަނީ ކޮންމެ އިންތިހާބަކާއި ދިމާކޮށެވެ. އިންތިހާބު ތަކުގައި ކޮރަޕްޝަންގެ އަމަލުތައް ހިނގާ ވާހަކަ އެންމެ ބޮޑަށް ދެކެވޭ މައިގަނޑު ސަބަބަކީ އިންތިހާބު ނިމުމުން އެމީހަކު ލޯމަތިން ގެއްލި ގުޅުމުން ފޯނު ނުނަގައި ރައްޔިތުންނަށް ފިލައިގެން އުޅޭތީ ކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. އެއްބަޔަކު ދައުރު ނިމެންވާއިރަށް ދައުލަތުގެ ހަޒާނާ އެއްކޮށް ބޮޑު ފޮށި އެންމެ އަޑިއަށް ލައިގެން މުޅި އާއިލާ އާއި މިލްކިއްޔާތު އެކުގައި ގައުމުން ބޭރަށް ބަދަލުވުމުގެ ތައްޔާރީތައް ވަމުންދަނީ ވެރިކަމުގެ ދުވަސްވަރުގައި ހެދޭ ގޯސްތައް ފޮރުވުމަށެވެ. އެމީހުން ވެރިކަމުން ވަކިވާ ދުވަހު ރައްޔިތުން ނިކުމެ ހަވަރަށް ނުދިނެއް ކަމަކު ރައީސްކަން ކުރެއްވި ބޭފުޅުން މިހާރު ދުވާލު ދެދަޅައަށް ކޯޓަށް ދަމަން ފަށާފާނެ ކަމުގެ ބިރުގައި ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ.

މިއަދު ވެރިކަމުގައި ތިބި ގިނަ ބައެއްގެ އަމާޒު ހިފާފައިވަނީ ރައްޔިތުން ބިކަކޮށް އެބައި މީހުންގެ ޖީބާއި މާލިއްޔަތު ބޮޑުކޮށް ބޭރު ދުނިޔޭގައި އެމީހުންގެ އަގު އަރުވައި ވެރިކަން ނިމުމާއެކު ދިރިއުޅޭނެ ދެވަނަ ހިޔާވައްސެއް އެހެން ގައުމަކުން ހޯދުމެވެ. އޭރުން ފަހަރުގައި އެމީހުންނަށް ސަލާމަތް ވެވިދާނެ ކަމުގައި އެމީހުން ހީކުރަނީއެވެ. އެމީހުންނަށް މިދުނިޔޭގައި އެމީހުން ކުރާ ކަންތައްތައް ފޮރުވުނު ނަމަވެސް އެ ދުނިޔޭގައި އެކަންތައްތަކާއި ކުރިމަތިލާން ޖެހޭނެ ކަން ނުވިސްނާ ދިރިއުޅެނީ ހަމަ ޖާހިލު ކަމުން ނޫނީ ނުވިސްނޭތީ އޭ ހިތަށް ނާރަނީ ވެސް މަދު ފަހަރަކުއެވެ.

އެކަން އެހެން ނުވާންވި ސަބަބެއް ނެތެވެ. ނަސޭހަތް ދީ ލަފާ އަރުވައި ކުރާ ރަނގަޅު އަދި ނުރަނގަޅު ބުނެދިނުމަށް ބިލިއަނުންނާއި މިލިއަނުން ވަޒީރުންނާއި އެޑްވައިޒަރުންނާއި ތިބޭއިރު ވެސް ހެދޭ ގޯސް ތަކުރާރުވެއެވެ. ގޯސް ހަދާ ހިސާބުން އެ ހެދުނީ ގޯހެއްކަން އަންގައިދޭ މީހާ އެވާހަކަ ބުނާ ވަގުތު އެކަން ސަމާލުކަމަށް އައިސް ރަނގަޅު ކުރުމަށް ގަދައަޅާ މަސައްކަތް ކުރެއެވެ. ނަމަވެސް ކުރާ މަސައްކަތަކީ ހަމައެކަނި ނަމެއްގައި ކުރާ ކަމެއްކަމުން ގިނަފަހަރުގައި އިސްލާހީ އެޖެންޑާ އޮންނަނީ ފޫގޮސްފައެެވެ. އިސްލާޙު ކުރުމުގެ ނަމުގައި ފަސާދަ ކުރަން ފަށައިފިނަމަ ފާސިގުން ގިނަވެއެވެ. އެހިސާބުން އެތަނެއް ހަލާކުވެ ނެތި ފަނާވެ ދިއުމަށް ނަގާނީ މަދު ވަގުތު ކޮޅެކެވެ. ފަނާވުން މާނަ ކުރެވޭ އެތަކެއް ގޮތެއް ހުރެއެވެ. އިގްތިސާދީ ހީނަރުކަމާއި މާލީ ދަތިކަމަކީ ވެސް ފަނާވެ ހަލާކުވެދާ ކަންތައްތައް ކަމުގައި ބެލެވިދާނެއެވެ.

ހަމައެކަނި ގެދޮރު ހަލާކުނުވެ އިމާރާތްތައް ހަލާކު ނުވިި ނަމަވެސް ދަރަނިވެރި ވުމާއި އަތުގައި ފަހަށް ރައްކާކޮށްފައިހުރި ފައިސާ ހުސްވުމަކީ ވެސް ބަނގުރޫޓުވެ ހަލާކުވެ ދަތިތަކާއި ކުރިމަތިލުމަށް ދިމާވެދާނެ ސަބަބަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.  އެހިސާބަށް ކަންތައްތައް ދަނީ ނުހަނު ގިނަ މަރުހަލާތަކެއް ކަޑައްތު ކުރުމަށް ފަހުގައެވެ. ލަފާ އާއި އިރުޝާދު ދޭ އެތައް ބައެއްގެ އިރުޝާދުތަކުގެ އަޑު ނާހާ އެމީހުން ދައްކާ ވާހަކަތަކުގައި ކޮޅުފައިން ޖަހާ ތިމާގެ ވިސްނުމަކީ އެންމެ ރަނގަޅު ވިސްނުން ކަމުގައި ދެކިގެން ތިމާއާ އެއްބައިވާ ދެތިން މީހެއްގެ ބަހަށް ހެއްލި އަޅުވެތިކުރުމަށް ބޭނުންވާ ބަޔަކު ބުނާ ގޮތަކަށް ކަންތައްތައް ކުރުމުގެ ނަތީޖާ ފެންނަ ދުވަހު ދެލޯ ބޮޑުވެ ނޭވާ ހާސްވެ ކަންބޮޑުވާ ހިސާބަށް ކަންތައްތައް ދިއުމަކީ ދުރު ކަމެއް ނޫނެވެ.

ރާއްޖެ އާއި އެންމެ ކައިރިން އަވައްޓެރި ސްރީލަންކާ އަށް ވީ ގޮތް ރާއްޖެއަށް ނުވުމަކީ އެންމެން ވެސް ކުރާ ދުއާއެވެ. އެހެން ނަމަވެސް ދަރަނި އިތުރުކުރުމަށް ލޯނު ނަގަން ފެށުމުން އެހެންވެސް ނުބުނެ ނުތިބެވޭނެއެވެ. އިގްތިސާދީ މާހިރު މިވެރިކަމުގައި ނެތަސް އިގްތިސާދީ ޑޮކްޓަރުން މިވެރިކަމުގައި އުފެދިއްޖެއެވެ. އެމީހުން ޖަހާ ހިސާބުގެ މޮޅުކަމުން ގައުމު މިދަނީ ތަރައްގީ ވަމުންނެވެ. ރައްޔިތުންގެ ތެރޭގައި މިއަދު ފަގީރުން މަދުވަނީ އިގްތިސާދީ ގޮތުން ކުރިއަރާފައިވާތީ އެވެ. ގާނޫނު އެނގި އިގްތިސާދު ނުދަންނަ ބަޔަކަށް އިގްތިސާދީ ގޮތުން ފަހަރުގައި ވަމުންދާ ހުރިހާ ކަމެއް ނޭނގިދާނެއެވެ. ނޭނގުމަކީ މައްސަލައަކަށް ނުވާ ސަބަބަކީ އެނގޭ މީހުންގެ ކައިރިން ނޭނގޭ މީހުން ދަސްކުރަން އަންގަވާފައި އޮތީމައެވެ. އެހެން ކަމުން ނޭނގޭ އެއްޗެއް އޮތްނަމަ އެކަން ދަންނަ ދުނިޔޭގެ ފަންނުވެރި ތަޖުރިބާކާރުން ދައްކަވާ ވާހަކަތައް އަޑުއަހާލައިގެން މަސައްކަތް ކުރިއަށް ރާވައި ހިންގާނަމަ ފަހަރުގައި ސަލާމަތްވެވިދާނެއެވެ.

އެކަމުން ސަލާމަތް ވުމަށް ފުރަތަމަ ކަމަކަށް ތެދު ހަގީގީ މައުލޫމާތު ހާމަކުރުން އިސްކޮށް މައުލޫމާތު ދިނުމުގައި ގެންގުޅޭ ދުވެލި ކުރިއަށް ވުރެ ބާރުކޮށްލުމަކީ މުހިއްމު ކަމެކެވެ. އެއަށްފަހު ދެވަނަ ކަމަކަށް އިގްތިސާދާއި ގުޅޭ ބައިނަލް އަގްވާމީ މާހިރުން ދޭ ލަފާގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. އޭރުން އެކަމުގެ ފައިދާ ކުރާނީ މުޅި ދިވެހި މުޖުތަމައަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: