ބެލެނިވެރިން ދަރިންނާއިމެދު އިތުރަށް އަޅާލައި ސަމާލުކަންދޭންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓާ ޝެއިހު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރޭ މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ، ޝިއާއުގެ އާއިލާއަށް ތައުޒިއްޔާ ދަންނަވައި، ޝަހީމް ކުރެއްވި ޓުވީޓުގައި ވަނީ ކޮންމެ ދުވަހަކުވެސް އިވެމުން މިދާ ގިތާމަވެރި ހަބަރުތަކުން ބުނެދެނީ، މުޖުތަމައުގެ އިޖްތިމާއީ ފޭރާން ރަނގަޅުކުރުމަށް ހުރިހާ ރައްޔިތުން ގުޅިގެން އަޒުމާއިއެކު މަސައްކަތް ކުރަންޖެހޭކަމަށެވެ.
ކޮންމެ ދުވަހަކުވެސް އިވެމުންދާ ހިތާމަވެރި ޚަބަރުތަކުން ބުނެދެނީ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށް ހުރިހާ ރައްޔިތުން ގުޅިގެން ޢަޒުމާއެކު މަސައްކަތްކުރަންޖެހޭ ކަން. އަދި ބެލެނިވެރިން ދަރިންނާމެދު އިތުރަށް އަޅާލައި ސަމާލުކަން ދޭންޖެހޭކަން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 7, 2022
މީގެ ކުރީގައިވެސް ޝަހީމް ވަނީ ޓްވީޓެއް ކުރައްވާ، އަދުލުވެރިކަމަކީ ﷲގެ ހަޒްރަތުގައި ވަރަށް ބޮޑު ކަމެއްކަމަށާއި އެއީ ސިޔާސީ މަންފާއަށްޓަކައި ދައްކަންޖެހޭ މޫސުމީ ވާހަކައަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހައްޤުގޮތުގައި އަދުލުވެރިކަން ޤާއިމްކުރުމަކީ މުއްސަންޖަކާ ފަޤީރެއް، ތިމާގެ މީހާއާއި އެނޫން މީހެއް ބެލުމެއްނެތި އިންސާފް ޤާއިމްކުރުންކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި ވަނީ އޭނާގެ ބޮލާއި އަދި އަތްފައި ވަކިކޮށްގެންނެވެ. ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި ސާފު ނުވާއިރު ރޭ ގަތުލު ހިނގުމުގެ ކުރިން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ވަނީ އެ ދެ މީހުންގެ ޒުވާބުގެ އަޑު އިވިފަ އެވެ.

