ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާފު ނުލިބެނީ ”ރޯޔަލް ފެމިލީ”އަކަށް ނިސްބަތް ނުވާތީ ހެއްޔެވެ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ސަހަރޯއެވެ. ޤައުމެއް ވާނެތެވެ. އެއްޖިންސުން ގުޅުން ހިންގުން އާއްމުވެއްޖެއެވެ. ހައްޤަކާނުލާ ތޯހިރު ނަފްސުތައް މަރާ ކުދިކޮށް ކޮށާއިރު މިއީ ހަމަ ފެންފޮދެއް ބޯލުންހާ އާދައިގެ ކަމަކަށް ވެއްޖެއެވެ. ޤައުމުގެ މުސްތަޤުބަލެއްވާ ނެތެވެ. މަސްތުވާ ތަކެތީގެ ވަބާގައި ޖެހި ޤައުމުގެ މުސްތަޤުބަލޭ ކިޔާ ޒުވާނުންތައް ލާޗާރު ބިޗާރުވެގެން މަގުމަތީ ބިއްޖެހިއްޖެއެވެ.

ކުށްކުރުން މިހާ ”ނޯމަލައިޒް” ވެފައިވާއިރު އިންސާފްގެ ވާހަކަ ދައްކަމާހެއްޔެވެ. ހައްޤަކާ ނުލާ މީހުން މަރާ މީހާ މުޖުތަމައުގައި މިނިވަންކަމާއެކު އުދުހެނީއެވެ. މަރުވި މީހާގެ އާއިލާ އިންސާފަށް އެދި އާދޭސް ކުރަނީއެވެ. ރޮނީއެވެ. ސަލާން ޖަހަނީއެވެ. ލިބޭ އިންސާފެއް، ވާކަމެއް ނެތެވެ. ފަހު ވަގުތު ޤާތިލްވެގެން ދަނީ ދެންމެ ދެންމެ ދުނިޔެއަށް އުފަންވާ ކުށެއްނެތް މައުސޫމް ކުއްޖަކަށެވެ.

ކީއްވެގެން ހެއްޔެވެ؟ މި ޤައުމުގައި އިންސާފޭ ކިޔާ އެއްޗެއް ހަމަ ނެތީ ހެއްޔެވެ؟ ނޫނީ އިންސާފް ލިބެނީ ވަކި ބަޔަކަށް، ވަކި މީހަކަށް، ވަކި އާއިލާ އަކަށް ހެއްޔެވެ؟ މޮޅު މީހާއަށް މޮޅު ގޮތް ހެއްޔެވެ؟

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނު މައްސަލައަށް ހައްލެއް ނުލިބި 8 އަހަރު ވީއެވެ. އިންސާފަށް  އެދި އާއިލާއިން އާދޭސް ކުރާތާ 8 އަހަރު ވީއެވެ. އިންސާފަށް އެދި ރޮއެ ސަލާންޖަހާތާ 8 އަހަރުވީއެވެ. ވީކަމެއް ނެތެވެ. މައްސަލއަށް ލިބުނު ކުރިއެރުމެއް ނެތެވެ.  އާއެކެވެ. ކޮންމެ ސަރުކާރަކުންވެސް ބުނަމުންދަނީ ހުއްޓާނުލާ މަސައްކަތް ކުރާ ވާހަކައެވެ. ރާއްޖޭން ބޭރުގެ ޓީމުތައް ގެނެސް މައްސަލަ ތަހުޤީޤު ކުރާ ވާހަކައެވެ. އެކަމަކު ކުރެވޭ އެއްވެސް ތަހުޤީގަކުން ކުރެވޭ އެއްވެސް މަސައްކަތަކަށް 8 އަހަރު ވީ އިރުވެސް ކުރިއެރުމެއް ނުލިބެއެވެ. ބިމަށްޖެހި މުޑިއެއްހެން މައްސަލަވެސް ކޮޅެއް މެދެއް ނުފެނި އޮތީއެވެ. އިންސާފު ލިބޭނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ.

މާ ދުރުނޫން ޒަމާނެއްގެ ވާޙަކަ ދައްކަމާހެއްޔެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހ.ޝީރީންވިލާގައި ރަހުމުކުޑަ ގޮތަކަށް މަރާލެވުނީ ފުއަމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޝިއާއުއެވެ. މިހާތަނަށް ރާއްޖެ ދެކެފައިވާ އެއްމެ ރަހުމުކުޑަ މަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.  އޭނާގެ ބޮލާއި އަދި އަތްފައި ވަނީ ހަށިގަނޑާ ވަކިކޮށްލާފައެވެ. އެ މަރުގެ ހާދިސާއާއި ގުޅިގެން ކުށުގެ ވެށިން އުމުރުން 22 އަހަރުގެ ޝާހިލްގެ މައްޗަށް ކުށް ސާބިތުވާނެބާއެވެ؟ ލެއިން ފޯވެފައި އިން ހާލު ޝާހިލް ކުށުގެ ވެށިން ފުލުހުން ހައްޔަރު ކުރިޔަސް ފަހު ވަގުތު އޭނާ ވާނި ކުށެއްނެތް މައުސޫމަކަށް ބާއެވެ؟ މި މަރަށް އިންސާފް ނުލިބޭނޭ ބުނާކަށް ނެތީމެވެ. އެކަމަކު މާޒީގައި ކަންހިނގާދިޔަ ގިތަށް ވިސްނާ ގިތް ނިންމާނީ ތިބޭފުޅުންނެވެ.

މަރާލެވުނީ ”ރޯޔަލް ފެމިލީއަކަށް” ނިސްބަތްވާ މީހެއްނަމަވެސް ކަން އޮންނާނީ މިހެންބާއެވެ؟

ސަރުކާރުގެ އިސްމީހެއްގެ ދަރިއަކާމެދު މިފަދަ ރަހުމުކުޑަ ގޮތަކަށް ކަންތައް ކުރެވުނު ނަމަ މި ޤައުމު އެލާޓަށް އައީހެވެ. ސިފައިން ނެރެ ކުށް ކުރި މީހާ ވަގުތުން އަތުލީހެވެ. އިންސާފޭ މިކިޔާ ލަފްޒެއް އޮތްކަން ރެއަކާލީހެވެ. މިއީ ދިވެހި ރާއްޖެއެވެ. މޮޅު މީހާއަށް މޮޅު ގޮތެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 40%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: