ވެރިިކަމަށް އައިސް ބާރުތަށް މުށު ތެރެއަށް ލުމުގެ ގޮތުން ގެންގުޅޭ، ހާރިޖީ ރަސްކަމުގެ ސިޔާސަތަށް ނިމުމެއް އަންނަން ޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ އިސް މަގާމުތަކާއި، މެމްބަރުންގެ ދަރިން ނުވަތަ އާއިލާގެ މެމްބަރުންނަށް ބޮޑެތި މުސާރަތަކެއް ލިބޭ މަގާމުތައް ހަމަޖައްސާފައި ވާތީ އެކަމަށް އާއްމުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އަދި ވަކިވަކި މީހުންގެ ދަރީންގެ މުސާރަތަކުގެ އަދަދުތައް މީޑިއާތަކުގައި އާއްމުވަމުން ދާތީ އެކަމަށް ކަންބޮޑުވުންފާޅުކޮށް، ޑރ. ޝަހީމް ވިދާޅުވީ ދިވެހި ޒުވާނުން މިފަދަ އަމަލުތަކާއި ދެކޮޅަށް ތެދުވާން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ ދަރިފުޅު ލަންޑަނުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އަދާ ކުރާ ވަޒީފާއަށް އަހަރު 1.5 މިލިއަން ރުފިޔާ ލިބޭކަމަށް ރިޕޯޓު ކުރީ ”ދިޔަރެސް“ ނޫން އިންނެވެ. އެ ނޫހުގައި ވާގޮތުން ފަލާހުގެ ދަރިފުޅަށް މަހު މުސާރައެއްގެ ގޮތުގައި 137،000 ރުފިޔާ ލިބެ އެވެ.
Khaariji raskan nimman jehey! Dhivehi zuvaanun iskolhah thedhuvan jehey. https://t.co/Aby4pMZkFZ
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 16, 2022
މިއީ އެ މަގާމުގައި ހުންނަ މީހަކަށް ދޭން ޖެހޭ އަދަދަށް ވުރެ އެތައް ގުނައެއް މަތީ އަދަދެއްގެ މުސާރަކަމަށް އެ ނޫހުން ރިޕޯޓު ކުރި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، އެކަމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ފާހަގަކޮށް ސަރުކާރުން ބުނީ އިތުރު ސިޔާސީ މަގާމުތައް އުފެއްދުމާއި ބޮޑެތި މަޝްރޫއުތަކަށް އިތުރު ފައިސާ ހަރަދު ކުރުން ހުއްޓުމަކަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް އެކްޓިވިސްޓުން މަގާމުތަކަށް އައްޔަނު ކުރި އެވެ.
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ވަޒީރުން ރާއްޖެއިން ބޭރުގައި ކުރާ ހަރަދުތަކާއި އެބޭފުޅުންނާއި ގުޅުން އޮންނަ މީހުންނަށް ދީފައިވާ މަގާމުތަކުގެ މުސާރަތައް މީޑިއާތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.

