ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ، ރިޔާސީ، މިދެކެވެނީ ކޮން ވާހަކައެއް؟

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރުލަމާނީ ނިޒާމަކީ  މަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިވާ ޕާޓީ އަކުން އައްޔަންކުރާ ބޮޑުވަޒީރަކު ސަރުކާރުގެ ވުޒާރާތަކާއި ހަވާލުވެ ހުންނަ ވެރިކަމުގެ ނިޒާމެކެވެ. ބަރުލަމާނީ ނިޒާމަކީ ދުނިޔޭގެ އާބާދީ ބޮޑެތި ގައުމު ތަކުގައި ވެރިކަން ކުރަމުންދާ ނިޒާމެކެވެ.

ބަރުލަމާނީ ނިޒާމުގައި ރައީސަކު ހުންނަނީ ގާނޫނު އަސާސީގައި އެކަން ބަޔާންކޮށްފައިވާތީއެވެ. އެއްވެސް ހާލެއްގައި ބަރުލަމާނީ ނިޒާމުގައި ރައީސަކީ ސަރުކާރުގެ ވުޒާރާތައް ހިންގުމުގެ ބަދަލުގައި ދައުލަތާއި ހަވާލުވެ ހުންނަ ފަރާތެކެވެ.

ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގުމުގެ ބާރުތަކުގެ ވެރިމީހަކީ ބޮޑުވަޒީރެވެ.

ކެބިނެޓް  އެކުލަވާލުމުގެ ބާރާއި ސަރުކާރުގެ ސިޔާސަތު އެކުލަވާލުމުގެ ބާރުގެ އިތުރުން ވަޒީރުން އައްޔަން ކުރުން  ބޮޑުވަޒީރަށް ލިބިގެންވާއިރު، ދިފާއީ ވުޒާރާ އާއި ފޮރިން މިނިސްޓްރީ އަށް ވަޒީރަކު އައްޔަން ކުރުމަށް ބޮޑުވަޒީރު ރައީސް އާ މަޝްވަރާ ކުރަންޖެހޭ ގޮތަށް ބައެއް ގައުމުތަކުގައި ބަރުލަމާނީ ނިޒާމުގެ ދަށުން ވެރިކަން ހިންގައެވެ.

ބަރުލަމާނީ ނިޒާމެއްގައި ވަޒީރުން  އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިންނެވެ.

ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގުމުގެ ހުރިހާ ކަމެއް ނިންމަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބޮޑުވަޒީރު މަޖިލީހަށް ޖަވާބުދާރީ ވާންޖެހެއެވެ.

ރިޔާސީ ނިޒާމަކީ ރައްޔިތުން އިންތިހާބު ކުރާ ވެރިޔަކު ނުވަތަ ރައީސަކު ގައުމުގެ އެންމެހައި ކަންތައްތަކެއް ބެލެހެއްޓުމެވެ. ރިޔާސީ ނިޒާމެއްގައި ތިން ބާރު އޮންނާނީ ވަކިވެފައެވެ. އެއީ ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރާއި އެކު ތިންބާރެވެ.

ރިޔާސީ ނިޒާމްގައި ރައީސަކު ހޮވަނީ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއްލާ އިންތިހާބެއް ބާއްވައިގެންނެވެ.

ދިވެހިރާއްޖޭގައި މިވަގުތު އޮތީ ރިޔާސީ ނިޒާމެކެވެ. މި ނިޒާމަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ގާއިމްކޮށްފައިވާ ނިޒާމެކެވެ.

މިދުވަސްވަރަކީ އާދަޔާ ހިލާފަށް ވެރިކަމުގެ ނިޒާމުގެ ވާހަކައިގެ އަޑު ގަދަވެގެން ދާ ދުވަސްވަރެކެވެ. ނިޒާމު ބަދަލުކުރަން ޖެހެނީ ކީއްވެގެންތޯ އޭ ހިތަށް އަރައެވެ. ވެރިކަމުގެ ނިޒާމް ބަދަލުކުރަނީ ކޮންކަމެއް ހާސިލް ކުރުމަށްތޯ ކަމާއިމެދު ފުންކޮށް ވިސްނާލަންޖެހެއެވެ. ވެރިކަމުގެ ނިޒާމް ބަދަލުކުރަނީ ބައެއްގެ ވަޒީފާ ދެމެހެއްޓުމަށް ކަމަށް ވެސް ބުނާ އަޑު އިވެއެވެ.

ހަގީގަތުގައި ގޯސްވެގެން އުޅެނީ ނިޒާމްތޯ ނުވަތަ ގަވާއިދުތައްތޯ ނުވަތަ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ކަންކަން ތަންފީޒު ކުރަން ތިބި ބަޔަކުތޯ، މިއީވެސް ކޮށްލުން ރަނގަޅު ސުވާލެކެވެ.

ބަދަލަކަށްޓަކައި އެންމެން އެކީ މަސައްކަތްކޮށްގެން ގެނައި ބަދަލުތައް މާޒީއާ އެކުވެގެން ގޮސްފިއެވެ. އެބަދަލާއެކު ލިބުނު ކާމިޔާބީ އާއި ލިބުނު ގެއްލުން ފެނުނު ބަޔަކު ވެސް މި ގައުމުގައި ތިބޭނެއެވެ.

ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެތައް ވަގުތަކާއި އެތައް މަސައްކަތްތަކާއި އެތަކެއް ފައިސާ އެއް އެކަމަށް ހަރަދުވެދާ ކަމެކެވެ. އަދި ނިޒާމު ބަދަލު ކުރި ނަމަވެސް، އެ ނިޒާމުގެ ދަށުން ކަންކަން ތަންފީޒު ކުރުމަށް އިތުރު އެތައް ގާނޫނުތަކާއި، ގަވައިދުތައް ހެދުމަށާއި، ތަންފީޒީ ވުޒާރާތައް ހަދައި އެތަންތަނަށް ލާނެ މީހުންނަށްވެސް އިތުރު ގިނަ ހަރަދުތަކެއް ހިނގާނެކަން ހަމަ ކަށަވަރެވެ.

މިވަގުތު ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި އޮންނަ ގޮތުންނަމަ ކޮންމެ ފަސް އަހަރަކުން އެއްފަހަރަކު ވެރިއަކު ނުވަތަ ރައީސަކު ހޮވަން ޖެހެއެވެ. އެއާއި ވިދިގެން އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާ އަށް މެމްބަރުން ހޮވަން ޖެހެއެވެ. ހަމަ އެއިންތިހާބު ނިމޭތަނުންހެން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ކުރިމަތިވެއެވެ.

އެއްފަހަރާ ފުލުފުލުގައި ތިން ހަތަރު އިންތިހާބު ބޭއްވުމަކީ ފުދޭވަރެއްގެ ހަރަދެއް ހޭދަވާ ކަމެކެވެ. އަނެއްކޮޅުން އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކެމްޕޭން ކުރުމާއި ސިޔާސީ ހަރަކާތް ހިންގުމާއި ޖަލްސާތައް ބޭއްވުމާއި ދަތުރުތައް ކުރުމާއި މިފަދަ ކަންކަމަކީ ވަރަށްގިނަ ބަޔަކު އެކުވެ ވަގުތު ތަކެއް ހޭދަވެގެން ކުރާ ކަންކަމެވެ. މި އުސޫލަށް ކަންކަން އޮތުމުން ފަސް އަހަރެއްގެ ދައުރު ތެރޭގައި ގައުމު ހިންގުމާއި ހަވާލުވެގެން ތިބޭ މީހުންގެ އެތައް ވަގުތުތަކެއް ހޭދަވެގެންދާނީ ދެން އޮތް އިންތިހާބެއް ކާމިޔާބު ކުރުމުގައި ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ހަގީގަތުގައި ހަވާލުވީ މަސައްކަތައް ދޭންވީ އަހައްމިޔަތު ނުދެވޭ ފަހަރުތައްވެސް އަންނާނެކަން ޔަގީނެވެ.

ވުމާއެކު ނިޒާމުގެ ވާހަކަ ދެއްކުމުގެ ކުރިން ކުރަންޖެހޭ އިތުރު ކަމެއް ހުރިތޯ ނުވަތަ ނެތްތޯ ސުވާލުކޮށްލުމަކީ މުހިއްމު ކަމެކެވެ. މިއަދު އަމަލުކުރަމުންދާ ގާނޫނު އަސާސީ އަކީ އެންމެ ފުރިހަމަ ގާނޫނު އަސާސީ ނޫންކަމަށް އެންމެންވެސް ހެކިވެއެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ ގާނޫނު އިސްލާހުކުރާތީއެވެ. އަދި ރިޔާސީ ނިޒާމެއް ގާއިމު ކުރެވުނުތާ އެތައް އަހަރެއް ވެފައިވާއިރު، އިސްލާހީ މަސައްކަތްތައް އެންމެ އެދެވޭ ހިސާބަށް އަދިވެސް ގޮސްފައިނުވާތީއެވެ.

ހަގީގަތަކީ ގާނޫނު އަސާސީ އަކީ އަދި ގާނޫނުތަކަކީ އަބަދުވެސް އިސްލާހުކުރަންޖެހިފައި އޮންނަ އެއްޗެކެވެ. ގިނަފަހަރު ގާނޫނު އަސާސީ އިސްލާހުކުރަނީ މުޖުތަމައަށް އަންނަ ލޮޅުންތައް އެ ގާނޫނު އަސާސީއިން ހައްލު ކުރެވެން ނެތުމުނެވެ. އެހެން ކަމުން ގާނޫނުތައް ހެދުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށް ރައްޔިތުންނަށް ދަތިވާ ގިނަ ކަންކަމަށް ހައްލު ހޯދުމަށް ތާއަބަދު މަސައްކަތް ކުރަންޖެހެއެވެ.

ރައްޔިތުން ތަމްސީލުކުރާ މަޖިލީހެއް އޮވެ އެ މަޖިލީހުން ރައްޔިތުންނަށް ވެގެންދާ ކޮންމެ ދަތިކަމެއްގައި ފަސޭހަތަކެއް ހޯދައިދިނުމަކީ، ކުރަން ޖެހޭކަމެއް ކަމަށް ދެކެމެވެ.

ނިޒާމް ބަދަލު ނުކުރި ނަމަވެސް ގާނޫނުއަސާސީ އަށް ނުވަތަ ގާނޫނުތަކަށް އިސްލާހު ގެނެސްގެން މިހާރު އޮތް ނިޒާމާއެކު ކުރިއަށް ދިއުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އޮޑި ދިޔަވާ ކޮންމެ ފަހަރަކު އޮޑި ފެތެން ދޫކޮށްލުމަކީ ކުރެވޭނެ ކަމެއްވެސް ނޫނެވެ. ދިޔަވަމުންދާ ސަބަބު ހޯދައި ފޫބެއްދުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ދެކެމެވެ. އެހެން ނަަމަވެސް ނިޒާމު ބަދަލު ކުރުމަކީ މައްސަލައެއްތޯ، މި ސުވާލުވެސް ހިތު ތެރޭ އުފެދެއެވެ. ހިންގުމުގައި މައްސަލަތައް ކުރިމަތިވެ، ހައްލު ކުރެވެން އޮތް ގޮތަކީ، އަމަލު ކުރަމުންދާ އުސޫލުތައް ބަދަލު ކުރުން ކަމަށްވެސް ވެދާނެއެވެ. އެހެން ކަމުން ނިޒާމު ބަދަލު ކުރުމަކީވެސް މައްސަލަ އެއް ނޫނެވެ. ރައްޔިތުންނަށް ކަމުދަނީ ކޮން ނިޒާމެއްތޯ އެހުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ވެސް ކުރެވޭނެ ކަމެކެވެ. އަދި ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރަންވެސް ވާނެ ކަމެކެވެ.

ނަމަވެސް މިވަގުތު މި އޮތް ހަލަބޮލި ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށް ވަގުތު ބޭނުންވެއެވެ. މިވަގުތަކީ ހައްސާސް ވަގުތެއްކަން އެންމެންވެސް ގަބޫލު ކުރާނެއެވެ. މި ނާޒުކު ވަގުތުގައި ވިސްނުންތެރިކަމާ ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަކީ ސިޔާސީ ވެށީގައި ދިރިއުޅޭ އެންމެންނަށް މުހިއްމު ކަމެކެވެ. ވުމާއެކު މިވަގުތު ކުރިއަށް އެޅޭ ކަތިފިޔަވަޅެއްގެ ސަބަބުން ކުރިއަށް އޮތް ފަންސާހަކަށް އަހަރު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބުމަކީ ނުވުމަށްވުރެ ވުން ގާތް ކަމެއްގެ ގޮތުގައި ފެނިގެންދެއެވެ.

ސިޔާސީ އޮއިވަރަކީ ބަދަލުވާ އެއްޗެއްކަން ދަންނަން ޖެހެއެވެ. މިއީ އެކާވީސްވަނަ ގަރުނުކަންވެސް ދަންނަން ޖެހެއެވެ. ވުމާއެކު މިޒަމާނަށް އެކަށޭނެ ބަދަލާއި މިޒަމާނާއި ނުގުޅޭ ކަންތައްތައް ވަކިކުރަން އެނގުމަކީ ކުރިއަށްދިއުމަށް މަގުފަހިވާނެ ކަމެކެވެ. މިއަދު ވަމުންދާ ގޮތް ނޭނގި އެޅޭ ޅައެއްޗެއްގެ ސަބަބުން މާދަމާ ހިތާމަކުރަންޖެހިދާނެއެވެ.

މިއަދު މިރާއްޖޭގައި ސިޔާސީ ގޮތުން ބަސްބުނާ ހުރިހާ ފަރާތްތަކުން ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަންޖެހެއެވެ. އެއީ އެއްބަޔަކު އަނެއް ބައެއްގެ މޯހިރުގައި ތިބީމައެވެ. ފަހަރުގައި މިއަދު ވެރިކަމުގައި ތިބި ބަޔަކު މާދަމާ އިދިކޮޅުގައި ތިބެން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިއަދު ވެރިކަމުގައި ތިބި ބަޔަކު އަލުން ވެރިކަން ދިފާއުކުރުމަކީ ވެސް ވެދާނެ ކަމެކެވެ. މި މަންޒަރަކީ މާޒީގައިވެސް ފެނިފައިވާ މަންޒަރެކެވެ. އަދި މިއަދުވެސް ފެންނަމުންދާ މަންޒަރެކެވެ. އިންސާނާގެ ވިސްނުމަކީ ބަދަލުވާ އެއްޗެއްކަން އެންމެންވެސް ދަންނާނެއެވެ.

މިއަދު ސިޔާސީ ވެށީގައި ރަސްކަންކުރަމުންދާ ފަރާތްތަކުގެ އަޑު މާދަމާ އެއްކޮށް ފަނޑުވެގެންވެސް ހިނގައިދާނެއެވެ. ސަބަބަކީ މިހާތަނަށް ވެރިކަން ކުރި އެންމެންގެ އަޖުމަ ރައްޔިތުން ބަލާފައިވާތީއެވެ.

މިއަދު ރައްޔިތުން ބޭނުންވަނީ ތަފާތު ބަޔަކު ވެރިކަން ކުރާތަން ދެކުމަކީ ވެދާނެ ކަމެއް ކަމަށް ގަބޫލުކުރެވެއެވެ. ސިޔާސީ ގޮތުން ދެއްކި ހުރިހާ ވާހަކަ ތަކާއި ވީ ހުރިހާ ވައުދެއް ނުފުދުމަކީ ފަހަރުގައި ރައްޔިތުން ވެރިންދެކެ ފޫހިވާން ދިމާ ވާ މައިގަނޑު ސަބަބެވެ. ރައްޔިތުން އެދެނީ އެމީހުންގެ އުއްމީދު ތައް ހަގީގަތަކަށް ހަދައިދޭނެ ބައެކެވެ. ރައްޔިތުންގެ އާދޭސް އަޑުއަހާނެ ވެރިޔަކު ލިބޭތޯ މަސައްކަތް ކޮށްކޮށް އެމީހުން ވަރުބަލިވާ ވަރުވެއްޖެއެވެ. ރައްޔިތުންގެ ކެތްތެރިކަން ކޮޅަށްދާ ހިސާބުން އެކުގައި ނިކުމެ ބަދަލަކަށް ވޯޓް ލައެވެ. އާ އުންމީދު ތަކަކާ އެކީގައެވެ.

އެހެންނަމަވެސް އެއިން އެއްވެސް އުއްމީދެއް ހަގީގަތަކަށް ނުވެ ވެރިކަން ނިމިގެންދެއެވެ.

ގާނޫނު އަސާސީގައި ކަޅާއި ހުދުން ލިޔެފައިވަނީ ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނާއި ވެރިކަން ދަމަހައްޓާނީ ވެސް ރައްޔިތުން ކަމުގައެވެ. ނަމަވެސް އެކަން އެގޮތަށް ދުވަހަކުވެސް ނުވަނީ ވެރިން ރައްޔިތުންނަށް ހިޔާނާތްތެރިވާތީއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: