ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޮއްޖެހުން، ހައްލުވުމެއް ނެތް މައްސަލައެއް

"ވެށިފަހި މާލެ" ޕްރޮގްރާމުން ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތައް ލިޔެކިޔުންތައް މިނިސްޓްރިއަށް ހުށަހަޅަން އަންގައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އަބަދުވެސް އަޑު އިވެނީ ތޮއްޖެހޭ ވާހަކައެވެ. އެކަމަކީ ހައްލުވުމެއް ނެތް މައްސަލައެކެވެ.

ތޮއްޖެހެން ދިމާވާ ވަރަށް ގިނަ ސަބަބުތައް ހިމެނެއެވެ. އޭގެ ތެރޭގައި އާބާދީގެ ބޮޑުބައި އެއްތަނަކަށް ޖަމާވެ އެތަނުގައި ދިރިއުޅުން ވަޒަންވެރިވާން ޖެހުމަކީ ތޮއްޖެހުމަށް ދިމާވެފައިވާ މައިގަނޑު އެއް މައްސަލައެވެ.

ދިވެހި ރާއްޖޭގައި ރަށްތައް ގިނަ ނަމަވެސް ހުރިހާ ރަށެއްގައި އެންމެ އެދެވޭ ފެންވަރުގައި ވަސީލަތްތައް ގާއިމްވެފައި ނެތުމަކީ ދިރިއުޅުން އެއް ދިމާލަކަށް ހުއްޓި ތޮއްޖެހުމަށް ދިމާވާ ސަބަބެކެވެ.

ތޮއްޖެހުން ހައްލުކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށް ގަބޫލުކުރެވޭ ކުރުމަކީ އެކަމަށް އޮތް ހައްލަކަށް ވެސް ވުމަކީ އެކަށީގެންވާކަމެކެވެ. ލާމަރުކަޒު ކުރެވެން ހުރި ގިނަ ހިދުމަތްތައް މަރުކަޒީވެފައި ވުމަކީ ތޮއްޖެހުމަށް މަގުފަހިވެފައިވާ އެއް ސަބަބެވެ.

ރާއްޖޭގެ ރަށްރަށުގައި ދިރިއުޅުމުގެ ހާލަތާއި ޒަރޫރީ ހާލަތު ނުވަތަ އެންމެ އަސާސީ ހިދުމަތްތައް ފުރިހަމަވެފައިވާނަމަ އެންމެން މާލެ ނުވަތަ ހުޅުމާލެ ބަދަލުވާކަށް ނުޖެހުނީހެވެ.

މާލެއަށް ރާއްޖޭގެ ރައްޔިތުން ހިޖުރަ ކުރަނީ ވަސީލަތްތައް ގާއިމްވެފައިހުރުމުގެ ސަބަބުންނެވެ. ސިއްހީ ހިދުމަތާއި ބޯހިޔާވަހިކަމާއި ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފަހިވެފައި އޮތް ހަމައެކަނި ތަނަކީ މާލެއަށް ވުމުން މާލޭގެ އާބާދީ ރާއްޖޭގެ ތިންބައިކުޅަ ދެބަޔަށް ވަނީ ވެފައެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ނެތުމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. މާލޭގެ ރައްޔިތުންގެ ގެދޮރުގައި ރާއްޖެތެރޭ މީހުން އައިސް ދިރިއުޅޭ ވާހަކަ އަކީ އެންމެންވެސް ދައްކާ ވާހަކައެވެ. ރާއްޖެއިން މާލެއަށް ހިޖުރަ ކުރާ މީހުން މާލޭގައި ދިރިއުޅެނީ ކުއްޔަށެވެ.

މާލޭގެ ބޯހިޔާވަހިކަން ހައްލު ނުވުމުގެ މައްސަލައަކީ ފާއިތުވެ ދިޔަ ހުރިހާ ސަރުކާރުތަކަކުން ވެސް މަސައްކަތް ކުރެވި ހައްލު ނުވެފައިވާ މައްސަލައެކެވެ. އެކަން ހައްލު ނުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ފުރަތަމަ ކަމަކަށް ރަށްރަށުން މާލެއަށް ހިޖުރަކުރާ މީހުންނަށް މާލެއިން ގޯތި ދޫކުރާ މީހުންގެ ވިސްނުމުގައި އާބާދީ އިތުރުވުމުގެ ސަބަބުން އެކަން ހައްލުކުރާނެ ޕްލޭންއެއް ނެތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ދެވަނަ ކަމަކަށް ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އެރަށްރަށުން ގޯތި ދޫކުރާއިރު ހަމަހަމަ އުސޫލަކުން އެކަން ކުރެވިފައި ނެތުމެވެ. ތިންވަނަ ކަމަކަށް މާލެ އާއި ރާއްޖެތެރޭގެ ފަރަގު ކުޑަކުރުމަށް އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރެވިފައި ނުވުމެވެ.

ރަށްރަށުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާ ކަމާއި މިއަދުވެސް ކުރަމުން ދާކަމަކީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ނަމަވެސް އެކުރަމުންދާ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރެވިފައި ނުވަނީއޭ ވެސް ބުނެވިދާނެއެވެ.

ރަށްރަށުގެ އަސާސީ ހިދުމަތްތަކަށް ނަޒަރު ހިންގާލާއިރު ގިނަ ރަށުގައި ގާއިމް ކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަންތަނުން ބަލިމީހާ އަށް އެންމެ އެކަށޭނެ ފަރުވާ ދެވޭ ފެންވަރުގެ ތަންތަނެއް ނޫނެވެ. ހެލްތް ޕޯސްޓްގެ ނަމުގައި އިމާރާތެއް އަޅާ އެތަނުގައި ޑޮކްޓަރެއް ބަހައްޓައިގެން ބަލިމީހުން ބެލުމުގެ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް ބަލި މީހާ އަށް ކުއްލިއަކަށް ހާޓް އެޓޭކެއް ނުވަތަ ތަނެއް ބިންދައިގެން ދިއުން ނުވަތަ އެނޫނަސް ބޮޑު ކަމެއް ވެއްޖެ ނަމަ ފުރައިގެން ދާންޖެހެނީ އަތޮޅު ނުވަތަ ރީޖަނަލް ހޮސްޕިޓަލް ނުވަތަ މާލެއަށެވެ. އޭގެ ބަދަލުގައި އަތޮޅާއި ރަށްރަށުގެ ސިއްހީ ހާލަތު ރަނގަޅު ފެންވަރެއްގައި ގާއިމްކޮށްފައިވާނަމަ އެރަށެއްގައި ހުރެގެން އެކަމުގެ ހައްލު ލިބިގެން ދިއުމަކީ ފަސޭހަ ކަމަކަށް ވެގެންދާނެއެވެ.

ސިއްހީ ހިދުމަތް ދިނުމަށް އާސަންދައިގެ ނިޒާމް ގާއިމްވެފައިވީ ނަމަވެސް ބޭސްފިހާރައިގައި ބޭސް ނެތި ހޮސްޕިޓަލުގައި އެދެވޭ ވަސީލަތްތައް ނެތުމުން އެ ނިޒާމް އެންމެ ފުރިހަމަ ނިޒާމަށް ނުފުދޭ ކަމަށް ބެލެވިދާނެއެވެ.

ސިއްހީ ހިދުމަތާއިއެކު ދަތުރުފަތުރުގެ ނިޒާމަށްވެސް ބަދަލުތަކެއް އަންނަން ޖެހޭކަން ފާހަގަކުރެވެއެވެ. ހާއްސަ ކޮށް އަތޮޅުތެރޭގެ ދަތުރުފަތުރުގެ ނިޒާމަކީ ހައްޓަށްފަސޭހަ ޖީބަށް ލުއި ނިޒާމަށް ވެގެން ދިއުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން މަންފާކޮށް ލުއިފަސޭހަ ލިބިގެންދާނެ ކަމެކެވެ.

މިހާރުވެސް އަތޮޅު ތެރޭގައި އެއް ރަށުން އަނެއް ރަށަށް އަދި އެއް އަތޮޅުން އަނެއް އަތޮޅަށް ދިއުމަށް ސަރުކާރުން ވަނީ ފެރީގެ ނިޒާމް ގާއިމްކޮށްފައެވެ. އެނިޒާމުން ފަސޭހަ ތަކެއް ވީ ނަމަވެސް ނިޒާމުގައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ.

މިސާލެއްގެ ގޮތުން ސްކޫލް ކުދިންނާއި ބަލިމީހުންނަށް ހާއްސަ ފެރީ ތައާރަފް ކުރުމަކީ އެކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމެއްކަން ޔަގީނެވެ.  ސްކޫލް ކުދިންގެ ވާހަކަ ދައްކާއިރު، އަތޮޅު ތެރޭގެ ތައުލީމީ ފެންވަރަށް ބަލައިލަން ޖެހެއެވެ.

އަތޮޅު ތެރޭގައި ތައުލީމީ ފެންވަރަކީ އަސާސީ ތައުލީމެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ތައުލީމު ލިބެން ނެތަސް ޖުމްލަ ގޮތެއްގައި ގިނަ ރަށްރަށުގައި ގްރޭޑް 10 އާ ހަމައަށް ތައުލީމް ލިބެން ހުރެއެވެ. އަސާސީ ތައުލީމަށް ފަހު ސާނަވީ ތައުލީމަކީ ކުރިއަށް ދިއުމަށް ކޮންމެހެން މުހިއްމު އެއްޗަކަށް ވީހިނދު އެކަން ނުވެ އޮތުމަކީ ތައުލީމީ ދާއިރާ ކުރިއަރައި ދިއުމަށް އޮތް ހުރަހެކެވެ.

ރަށުގައި ސާނަވީ ތައުލީމްދޭ މަރުކަޒެއް ގާއިމްވެފައި ހުރި ނަމަ ނުވަތަ ރަށު ސްކޫލުން ސާނަވީ ތައުލީމަށް ކިޔެވޭ ނަމަ އެ އިލްމު އުގެނުމަށް ރަށުން ބޭރަށް ދާދިއުން މަދުވާނެއެވެ.

މިޒަމާނަކީ އޮންލައިން ސްކޫލްގެ ޒަމާނެވެ. ސްމާޓް ސްކޫލްތައް މަދުން ނަމަވެސް ދަނީ ތައާރަފްވަމުންނެވެ. ނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އެންމެން ނަކީ ސްމާޓް ސްކޫލްއާއި އޮންލައިން ތައުލީމް ހޯދުމުގެ ގާބިލްކަން ލިބިފައިވާ މީހުން ނޫން ކަމެވެ. ވުމާއެކު އޮންލައިން ހިދުމަތް ހޯދަން ދަތިވާ މީހާ ނުވަތަ ކުއްޖާއަށް ޖެހެނީ ސަރުކާރުން ގާއިމްކޮށްފައިވާ ހިދުމަތުގެ ބޭނުން ކުރާށެވެ. ރާއްޖެތެރޭގައި ވެސް އަދި މާލޭގައިވެސް ޕްރައިވެޓް ސްކޫލްތައް ހުރެއެވެ. އެސްކޫލްތަކަށް ދަނީ އެމާހައުލަށް އެކަށޭނަ މީހުންނާއި މީހުންގެ ދަރިންނެވެ. ވުމާއެކު ސާނަވީ ތައުލީމް ލިބޭ ސްކޫލް ތަކާއި އަދި އެއަށްވުރެ މަތިން ތައުލީމް ދޭ ކޮލެޖްތަކާއި ޔުނިވަރސިޓީތައް މިހާރަށްވުރެ ގިނައިން ރަށްރަށުގައި ގާއިމްކުރުމަކީ މުހިއްމު ކަމެކެވެ. ރާއްޖޭގައި ޔުނިވަރސިޓީ ތައް ހުރި ނަމަވެސް ޓީޗަރުން ހަމަވާ ޔުނިވަރސިޓީ އެއް މަދެވެ. ޓީޗަރުން ހަމަ ނަމަ ޖާގައިގެ ގޮންޖެހުންތަކާއި ވަސީލަތްތައް ފުރިހަމަ ނުވާ ކަމުގެ ޝަކުވާ އަކީ އާއްމުކޮށް އިވޭ އަޑުތަކެވެ. ބައެއް ފަހަރު ޔުނިވަރސިޓީ ތަކުގައި ކިޔަވަމުން ވަކި ޓެސްޓެއް ހެދުމަށް މާލެ އަންނަން ޖެހެއެވެ. މާލެ އަށް ބަރޯސާވުން ކުޑަ ކުރެވިގެން މެނުވީ ތޮއްޖެހޭ މިންވަރު މަދު ކުރުމަކީ ނާދިރު ކަމެކޭ ވެސް ބުނެވިދާނެއެވެ.

ބޯހިޔާވަހިކަން ހައްލުކުރުމަށް ފުލެޓް އަޅައެވެ. އެފުލެޓަށް ދިރިއުޅުން ވެސް ބަދަލުކުރެއެވެ. ނަމަވެސް އަޅާ ފުލެޓުން ވެސް އެކަން ހައްލެއް ނުވެއެވެ. ސަބަބަކީ ފުލެޓް އަޅާއިރު އެ އަމާޒުކުރާ މީހުންނަށް ވުރެ ގިނަ ބަޔަކު އެ ތަންތަނުގައި ވަޒަންވެރިވުމެވެ. ފުރަތަމަ ކަމަކަށް އާބާދީގެ ބޮޑުބައިގެ އެންމެ ފަހުގެ ތަފާސް ހިސާބެއް އެކުލަވާލުމެވެ. އެ ތަފާސް ހިސާބަކީ އެއިރެއްގައި އެ ރަށެއްގައި ނުވަތަ އެ މުޖުތަމައު އެއްގައި ދިރިއުޅޭ އެންމެންގެ ދިރިއުޅުމުގެ ހާލަތާއި ފެންވަރު އެނގޭފަދަ ހިސާބަކަށް ވާންވާނެއެވެ. އޭރުން ގޯތި ދިނުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައަޅަން ފަސޭހަވެ ތޮއްޖެހުމަށް ހައްލެއް ލިބުމަށް ފަސޭހަވެގެން ދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: