ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅުގެ ސަބަބުން އިލްމީ ޖީލެއް ބިނާވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ޑރ ހަސަން މިފަދައިން ވިދާޅުވީ ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 15،000 އަށް ހަމަވުމާއި ގުޅިގެންނެވެ.
މީގެ ސަބަބުން އިލްމީ ޖީލެއް ބިނާވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެއްޖެކަމަށް ފާހަގަކުރައްވާ ޑރ ހަސަން ވިދާޅުވީ، ރައީސް ސާލިހުގެ ރިޔާސީ ވައުދުފުޅުގެ ސަބަބުން ވަރަށް ގިނަ ދިވެހިންނަށް އާއިލާކައިރީ ރަށުގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިއްޖެކަމަށެވެ. މިއީ އަންނަން އޮތް ޖީލުތަކަށްވެސް ފައިދާ ކުރާނެ ކަމެއްކަމަށް ގަބޫލުކުރަންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ހިލޭ ޑިގްރީ ސްކީމަށް ސަރުކާރުން މިހާބޮޑު ހޭދައެއް ކުރައްވާ ސަބަބެއްކަމަށް ޑރ ހަސަން ފާހަގަކުރެއްވީ މީގެ ސަބަބުން ރާއްޖޭގެ ކުރިމަގު އުޖާލާވެ ގައުމު ބިނާކުރެވެނިވި ފަންނީ ހުނަރުވެރި ޒުވާނުންތަކެއް އުފެދިގެންދިޔުމެވެ.
ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު ތަންފީޒު ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހިލޭ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޞާލިހް ވަނީ ދަރިވަރުންނަށް ހިލޭ ޑިގްރީ ފުރުޞަތުތައް ފަހިކުރަމުން ގޮސް 2023 ގެ ނިޔަލަށް 5000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ޤައުމު ބިނާކުރުމަށް ނުކުންނާނެކަމަށް ވިދާޅުވެފައެވެ. އަދި އެއަށްފަހު، ކޮންމެ އަހަރަކު މަދުވެގެން 2000 ކުދިން ޑިގްރީ ހަދައިގެން ޤައުމީ ޚިދުމަތަށް ނުކުންނާނެކަމަށް ރައީސް ސާލިހު ވިދާޅުވިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައާރަފްކޮށްދެއްވި ހިލޭ ޑިގްރީގެ ސްކީމުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ އަދަދު މިހާތަނަށް 15،000އަށް އަރައިފިއެވެ.
އޭގެ ތެރޭގައި ހިމެނެނީ 10،050 އަންހެން ދަރިވަރުންނާއި 4،950 ފިރިހެން ދަރިވަރުންނެވެ. ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން 5،163 ދަރިވަރުން މިހާރު ވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފައެވެ.
މިހާތަނަށް ހިލޭ ޑީގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބުނު 15،000 ދަރިވަރުންގެ ތެރޭގައި ހިމެނެނީ:
2019 ވަނަ އަހަރު: 4,804 ދަރިވަރުން
2020 ވަނަ އަހަރު: 4،818 ދަރިވަރުން
2021 ވަނަ އަހަރު: 3،301 ދަރިވަރުން
2022 ވަނަ އަހަރުގެ މިހާތަނަށް: 2،077 ދަރިވަރުންނެވެ.

