ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުޅަލުގެ އުނދަގުލަކީ ހައްލު ކުރަން ޖެހިފައިވާ މައްސަލައެއް

ޝެއާރކޮށްލާ ކަހަލަދޯ؟

މިދުވަސްވަރު އެންމެ ގަދައަށް އިވޭ އަޑަކީ މާލޭގައި ބުޅާ ގިނަވެ އޭގެ އުނދަގޫ އާއްމުންނަށް ކުރަމުންދާ ވާހަކައެވެ.

ބުޅާ ގިނަވީ ކުއްލިއަކަށް ނޫނެވެ. ބުޅާ މާލެއަށް އެތެރެކޮށް އެ މަގުމައްޗަށް ދޫކޮށްލާ ބަޔަކުވެސް އުޅޭތީ ބުޅާ ގިނަވަނީއޭ ބުނެވިދާނެއެވެ.

ބުޅާ ދެކެ ބިރުގަންނަ މީހުން އުޅެއެވެ. އަދި ބުޅާ ދެކެ ލޯބިވާ ބަޔަކުވެސް އުޅެއެެވެ. ބުޅަލުގެ މައްސަލަ އަކީ މާލެސިޓީ އާއި މާލެ ސަރަހައްދަށް ދިމާވެފައިވާ މައްސަލައެކޭ ބުނެވިދާނެއެވެ.

ބުޅަލުގެ ސަބަބުން އެކި ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. މަގުމަތީގައި ކުނިކޮތަޅުތައް ބަހައްޓާފައި ހުންނައިރު ބުޅާ އެތަކެތި ހަލާކުކޮށް ހަދާ މަންޒަރަކީ މަދުން ނަމަވެސް ފެންނަ ކަމެކެވެ.

ބުޅަލުގެ ޒަރިއްޔާއިން ތަފާތު އެކި ބަލިތައް ޖެހޭ ވާހަކައަކީ ވެސް ދެކެވޭ ވާހަކައެވެ. ބުޅާ މަގުމަތީގައި ޕާކް ކޮށްފައި ހުންނަ ސައިކަލުތަކަށް އަރައި އޭގެ ވަކި އެޅި ހަލާކުވަމުންދާ ވާހަކަ އަކީ ބައެއްގެ ނުރުހުންވުން އެކަމުގައި އޮތް ކަމެކެވެ.

ބުޅާ ގިނަވުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ވާހަކަވެސް އަޑު އިވެއެވެ. ނަމަވެސް މިކަމަށް އެދެވޭ ހައްލެއް އަދި މިހާތަނަށް ލިބިފައިނުވާ ކަންވެސް ފާހަގަކޮށްލެވެއެވެ.

ބުޅާ ބަލަހައްޓާ ސެންޓަރެއް ގާއިމް ކުރަން ވިލިމާލޭގައި ކަނޑައެޅި ވާހަކަވެސް ނިމިދިޔަ ހަފްތާގައި މާލެ ސިޓީ ކައުންސިލްގައި ދެކެވުނެވެ.

ބުޅާ ގެންގުޅުމާއި ބުޅާ އެތެރެ ކުރުމާއި ބެލެހެއްޓުމަށް އުސޫލު ތަކެއް ކަނޑައަޅައި އެއަށް އަމަލު ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. ސަބަބަކީ ގިނަފަހަރު ބުޅަލުގެ ވެރިފަރާތް ނޭނގޭ ބުޅާތައް މަގުމައްޗަށް ދޫވުމުގެ ސަބަބުން އެ ބުޅާ ތަކަށް ރައްކާތެރި މާހައުލެއް ނުލިބި މަގުމަތިވެގެން ދާދިއުމެވެ.

އެފަދަ ކަންކަން ހައްލުކުރުމަށް ބުޅަލާއި އެނޫންވެސް ދިރޭތަކެތި ގެންގުޅޭނެ އުސޫލުތަކާއި ގަވާއިދުތަކެއް ވުޖޫދަށް ގެނެސް އެގޮތަށް އަމަލު ކުރަން ފެށުމަކީ އެކަން ހައްލުވުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމުގައި ފެނެއެވެ.

ބުޅާ ބަލަހައްޓަން ސަރުކާރުން ތަނެއް އަޅައި އެތަނުގައި މަގުމަތިވެފައިވާ ބުޅާތައް ގެންގުޅުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

މީގެ އިތުރުން ބުޅަލުގެ ވެރިފަރާތުން އެ ބުޅަލާ ހަވާލުވުމަށް އައުމަށް އެދި ވަކި މުއްދަތެއް ދިނުމަށް ފަހު، ބަލައި ނައިސްފިނަމަ އެ ބުޅާ އެތަނުގައި ގެންގުޅެވިދާނެއެވެ. ރާއްޖެއިން ބޭރު ބައެއް ގައުމު ތަކުގައި ބުޅަލުގެ ވެރިފަރާތް ނެތް ބުޅާ ވަކި މުއްދަތަކަށް ބެލުމަށް ފަހު ނައްތާލައެވެ.

ބުޅާ ނައްތާލުމަކީ ހިތްދަތިކަމެއް ނަމަވެސް އެއީ ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ކޮށްއުޅޭ ކަމެކެވެ. އަދި ބުޅާ ވިހެއުން ކޮންޓްރޯލް ކޮށް ބުޅާ އިތުރުވިޔަ ނުދިނުމަށް ކުރަން ހުންނަ ކަންކަން ކޮށްއުޅެއެވެ.

ބުޅާ ގަވާއިދުން ބަލަހައްޓާ ބަޔަކުވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅޭތަން ފެނެއެވެ. އެ މީހުން  އެ ބުޅާތަކަށް ކާންދީ ފެންވަރުވައި ބަލަހައްޓައި ބަލިވީމަ ބަލައިގެން ގެންގުޅެއެވެ. ނަމަވެސް ހިތާމައަކީ މަދުން ނަމަވެސް ބުޅާ ގެންގުޅުމުގެ ނަމުގައި ގެނެސް އެ ދޫކޮށްލައި މަގުމަތިކޮށް އެއަށް އިހާނާތްތެރި ވާ މަންޒަރު ފެނިގެންދާ ކަމެވެ.

ރާއްޖެއަށް ބޭރުން ގެންނަ ބުޅަލަކީ  އާއްމު ގޮތެއްގައި ގޭތެރޭގައި ގެންގުޅޭ ބުޅަލެވެ. އެބުޅަލަކީ ގެއިން ބޭރުގައި ނުވަތަ މަގުމަތީގައި ދިރިއުޅޭ އެއްޗެއް ނޫނެވެ.  އެހެން ކަމުން ބުޅާ ގެނައުމަށްފަހު އެ މަގުމަތި ކުރުމުގެ ބަދަލުގައި އެއަށް ތަމްރީނު ދީ އެ ބަލައިގެން ގެންގުޅުމަކީ މުހިއްމު ކަމެކެވެ.

މިއަދު ގިނަވެގެން މިއުޅޭ ގިނަ ބުޅަލަކީ އެކި މީހުން އެމީހުން ހިތްހަމަ ޖެހުމަށް ބޮޑު އަގުދީފައި ގަނެފައިވާ ބުޅާ ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ ގެއިން ބޭރުކޮށްލެވިފައިވާ ނުވަތަ ގެއިން ބޭރަށް ނިކުމެގެން އަނބުރާ ގެއަށް ދާން ނޭނގިގެން މަގުމަތީގައި ގިނަވެފައިވާ ބުޅާތަކެކެވެ.

ބުޅާ ނޫނަސް ދިރުން ހުރި ކޮންމެ އެއްޗަކީ އެ އެއްޗަކަށް އަޅާލުމާއި އޯގާތެރިކަން ބޭނުންވާނެ އެއްޗެކެވެ. އެހެންކަމުން އެ އެއްޗެއް ބަލަހައްޓާ މީހަކު އެ ދޫކޮށްލުމުން އެއަށް އަޅާލާ އޯގާތެރިވާ މީހަކު މަދުވާނެއެވެ.

ޝޯސަލް މީޑިއާގައި ބުޅަލަށް އަނިޔާކޮށް އިހާނެތިކޮށް ހިތާ މަންޒަރު ފެނެއެވެ. އެހިނދު އެކަމާއި ހިތްހަމަ ނުޖެހި ހިތާމަކޮށް އެވާހަކަ ދައްކާތަން ވެސް ފެނެއެވެ. ނަމަވެސް ފުރަތަމަ ކުރަންޖެހޭ ކަންތައް ނުކޮށްތިބެ އެވާހަކަ ދެއްކުމަކީ އެކަން ހައްލުވެދާނެ ކަމެއް ކަމަށް ދެކުމަކީ އެހާ ބުއްދިވެރި ކަމަކަށް ފަހަރުގައި ނުވެދާނެއެވެ.

ބުޅާ ރަނގަޅުގޮތުގައި ބަލަހައްޓައިފިނަަމަ ބުޅަލުގެ ސަބަބުން ވާ އުނދަގުލާއި ލިބޭ ގެއްލުނަތައް މަދުކުރެވޭނެއެވެ. ބުޅާ އެތެރެކުރުމަކީ އަދި ބުޅާ ގެންގުޅުމަކީ ރަނގަޅުކަމެކެވެ. ނަމަވެސް މައްސަލަ އަކީ ބުޅާ ގެންގުޅުމުގެ ނަމުގައި މުޅި ހިސާބުގަނޑުގައި ބުޅާތައް މަގުމައްޗަށް ދޫކޮށްލައި އޭގެ ނަޖިހުގެ ވަހުން މުޅި ސަރަހައްދު ފުރާލައި އެތަނަކީ ޖަންގައްޔަކަށް ވުރެ ހާލު ދެރަ ތަނަކަށް ނޭނގި ނަމަވެސް ހެދޭތީއެވެ. އެކަމުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި މަގު ބޭނުން ކުރާ މީހުންނަކަށް ނޫނެވެ. އެކަމުގެ ގެއްލުން ލިބިގެން ދަނީ ތުއްތު ކުދިންނާއި އެހެނިހެން ބައެއް ދޫނި ސޫފާ ސޫތްޕަށެވެ. ބުޅަލަކީ މީދަލާއި ގުރަ އާއި އެހެނިހެން ތަކެތި ޝިކާރަ ކުރާ ޖަނަވާރެއް ކަމުން، ފަހަރުގައި ހިތާމަވެރި ހާދިސާ އެއް ހިނގުމަކީ ދިމާވެފާނެ ކަމެކެވެ.

އެފަދަ ކަންކަމުން ސަލާމަތް ވުމަށް ބުޅަލާއި އެހެނިހެން ތަކެތި ގެންގުޅުމުގައި ސަމާލުވެ އެތަކެތި އެންމެ އެދެވޭ ގޮތެއްގައި ބެލެހެއްޓުމަކީ އެންމެންގެ ރައްކާތެރިކަމާއި ސަލާމަތް ތެރިކަމަށް މުހިއްމު ކަމެކެވެ. މި ކަމުގައި އާއްމުންނާއި ސަރުކާރުން އެކުއެކީ މަސައްކަތް ކޮށްފިނަމަ އެދެވޭ ނަތީޖާއެއް ހާސިލްކުރެވޭނެއެވެ.

ވަރަށް ގަދަ
18%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 47%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ބުޅަލުގެ ނަޖިހާހެދި އުޅެންވެސް އުނދަގޫ. އުއްމީދަކީ މާލޭގެ މަގުމަތިން ބުޅާ މަދުކޮށް، މަގުމަތި ސާފުތާހިރު ތަނެއްކަމުގައި ހެދުން.

  2. ބުޅާ ބޮޑުން އުދަގުލެއް ކޮންމެ ދުވަހަކުން ވަޒީފާ ދާނުކުނަން ވަގުތުން އެތިގެ އުދަގޫ ބޮޑުން އަދި އެބުޅާ ގެންގުޅޭ މިހާވެސް ވަޒީފާ ދާ ނުކުންނަން ވަގުތުން ބުޅާ ނަގާގެން އައިސް ގޭދުރުމަތީ ބާވަނީ އެހެން ވީމާ މާލެ ބުޅާ ބޭރުއް ކުރައް ރަގަޅުން ގޮތަކީ ކުޑައް ފަޅުން ރަށަޢް ކައް ގެންދަވީ ބުޅައް ލައިން އެގެންގުޅޭ މީހުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: