އައްޑޫ ހިތަދޫ، ވަރުދީގޭ އަހުސަން ބަޝީރުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ގ. ކޯޒީ، އިބްރާހިމް ޝަހުމް މެރުމަށް ހައިކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މަރުގެ ހުކުމްތައް ތަންފީޒު ކުރެވޭނީ، ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު އެވެ. އަދި މަރުގެ ހުކުމްތައް ދައުލަތުން އެ ކަށަވަރު ކުރުމަށް މަތީ ކޯޓުތަކުގެ އިސްތިއުނާފު ކުރާނެ އެވެ.
2011، މާޗު 16 ގެ ރޭ މެންދަމު 03:20 ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާ ދީ އަހުސަން މަރާލާފައި ވަނީ އަލިކިލެގެފާނުމަގާއި، މަޖީދީމަގާއި ގުޅުނު ކަންމައްޗާއި ވީ ހިސާބުން ސައިކަލެއްގައި ދިޔަ ދެ މީހަކެވެ. މި މައްސަލައިގައި ދައުލަތުން ޝަހުމްގެ އިތުރުން މއ. ވީނަސްތަރި، ހަސަން ޝިމާޒްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް މަރުގެ އަދަބު ދެވޭ ވަރަށް ކުށް ސާބިތު ވަނީ ޝަހުމްގެ މައްޗަށްކަމަށް ހައިކޯޓުގެ ނިންމުމުގައި ވެއެވެ.
މައްސަލައިގައި ދަށު ކޯޓުން ފުރަތަމަ ނިންމީ ޝަހުމް އާއި، ޝިމާޒްގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށެވެ. އެހެންވެ ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާކަމަށެވެ. އަދި ހައިކޯޓުން އެގޮތަށް ހުކުމް ކުރީ އަހުސަން މަރު ތަންމަތީގައި އޮވެގެން ބުނި ބަހަށް ބުރަދަން ދީގެންނެވެ. މިއީ މަރުމަތީ އޮވެ ބުނި ބަހެއް ހެއްކެއްގެ ގޮތުގައި ބެލި ފުރަތަމަ ފަހަރެވެ.
އަހުސަން މަރުގެ މައްސަލައި ހައިކޯޓުން އިއްވި ހުކުމް ކަށަވަރު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ ނިމިދިޔަ ހަފްތާގަ އެވެ. މައްސަލަ ބަލައިގަތުމާއި މެދު ކޯޓުން ގޮތެއް ނިންމާފައި ނުވެ އެވެ. ޝަހުމްގެ މައްޗަށް ހައިކޯޓުން މަރުގެ ހުކުމް އިއްވި އިރު އޭނާއަށް ވަނީ ޔޫތް ސެންޓަރު ކައިރީގައި ތޫނު އެއްޗަކުން ހަމަލާ ދީ މީހަކު މަރާލި މައްސަލައިގައި އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެފަ އެވެ. އެ މައްސަލައިގައި ކޯޓުން އޭނާގެ މައްޗަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް އޭނާގެ މައްޗަށް އައީ އަހުސަންގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ފަހުންނެވެ.
އެ މައްސަލައިގައި 2010 ގައި ޝަހުމް ހައްޔަރު ކުރުމަށް ފަހު، 2011 ގައި ބަންދުން ދޫކޮށްލީ ހެލްތް މިނިސްޓްރީގެ ރަސްމީ ލިޔުމެއް ނުލިބުމުންނެވެ. ބަޝީރަށް ހަމަލާ ދީ މަރާލާފައި ވަނީ، ޝަހުމް ޖަލުން ދޫވިތާ މާގިނަ ދުވަހެއް ނުވެ އެވެ. ޝަހުމް ހައްޔަރު ކުރީ އޭނާ ފިލައިގެން އުޅެނިކޮށެވެ.

