ގްރީން ޓެކްސް ނަގާނަމަ އެ ގްރީން ޓެކްސް ބޭނުންކުރަންވާނީ އެއާ ގުޅޭ ކަންކަމަށް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޓޫރިސަމާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމަށް ތިނަދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ސަނީފް ހުށަހަޅުއްވާފައިވާ ބިލަށް ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ގްރީން ޓެކްސް ނަގަނީ ވަކި ބޭނުމަކަށްޓަކައި ކަމަށާއި އެހެންކަމުން ގްރީން ޓެކްސް ނަގާނަމަ އެ ބޭނުން ކުރަންވާނީ އެއާ ގުޅޭ ކަންކަމަށް ކަމަށެވެ.
“ދުނިޔޭގެ ބައެއް ޤައުމުތަކުގައި ޚާއްސަ ކަންކަމަށް ނެގޭ ޓެކްސް އެނޫން ކަމަކަށް ބޭނުން ކުރުން އެއީ ކަނޑައެޅިގެން ޤާނޫނުން މަނާކަމެއް. މިސާލަކަށް ކައިރީގައި ޖެހިގެން މިއުޅޭ އިންޑިއާ ގައި ހަަޔާ އެޑިއުކޭޝަންގެ ބޭނުމަށް ނަގާ ޓެކްސްއެއް އެނޫންކަމަކަށް ބޭނުމެއް ނުކުރެވޭނެ. “އަލީ ހުސައިން ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މި ޤައަުމުގައި ގްރީން ޓެކްސް ނަގާކަމަށް ވާނަމަ، އެބޭނުންކުރަން ޖެހޭނީ އެއާގުޅޭ ކަންކަމަށް ކަމަށެވެ.
“ މި ޤައަުމުގައި ގްރީން ޓެކްސް ނަގާކަމަށް ވާނަމަ، އެބޭނުންކުރަން ޖެހޭނީ އެއާގުޅޭ ކަންކަމަށް. ތިމާވެށީގެ ބޭނުމަށް. ކުނި ނައްތާލުމަށް. އަދި މޫސިމީ ބަދަލުތަކުން އަރައިގަތުމަށް. “ އަލީ ހުސައިން ވިދާޅުވިއެވެ.
އޭނާގެ ވާޙަކަފުޅިުގައި އިތުރަށް ވިދާޅުވީ ގްރީން ޓެކްސް ނަގައިގެން ލިބޭ ފައިސާ ބޭކާރު ޚަރަދުތަކމަށާއި އެކަމާ ގުޅުން ނެތަކަންކަމަށްވެސް ޚަރދުކޮށްގެން ނުވާނެކަމަށެވެެ. އަދި މީހުން ދިރިއުޅޭ ރަށްރަށުން ނެގޭ ގްރީން ޓެކްސް ފައިސާ ލިބެންޖެހޭނީ އެރަށަކަަށް ކަމަށެވެ.

