ދިވެހިރާއްޖޭގެ ބެޖެޓު މިއަހަރަށް ފާސްކޮށްފައިވަނީ ބޮޑު ޑެފިސިޓް އަކާއެކުކަމަށާއި އެހެންކަމުން ސަރުކާރުން ބަލަމުންދަނީ “ޑިސްކްރިޝަނަރީ ސްޕެންޑިން“ތައް ވީހާވެސް ބޮޑަކަށް ކޮންޓްރޯލްކުރެވޭތޯކަމަށާއި ސަރުކާރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝަރޫޢުތައް ޓެންޑާ ކުރެވޭނީ ބަޖެޓުގެ ތާށިކަމަށް ހައްލެއްލިބުމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންވަނީ މި އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމަނާފައިވާ އއ.ތޮއްޑޫގެ އާ ހެލްތް ސެންޓަރު އަދި އއ.އުކުޅަހުގެ އާ ހެލްތު ސެންޓަރު އިމާރާތްކުރާނެ ބަޔަަކު ހޯދުމަށް ޓެންޑާރ އަށް އިއުލާނުކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުންވަނީ ވުޒާރާއަށް ފޮނުވާފައި ކަމަށާއި އެހެންކަމުން ކޮންޓްރެކްޓަރާއެކު ސޮއިކުރެވޭނެ ތާރީޚަކާއި މެދު މެންބަރު ވަނީ މިނިސްޓަރާ ސުވާލުކުރައްވާފައެވެ.
މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މި އަހަރުގެ ބެޖެޓު ފާސްކޮށްފައިވަނީ ފިނޭންސް ކުރަންޖެހޭ ބޮޑު ޑެފިސިޓަކާ އެއްކޮށްކަމަށާއި، އަދި ދުނިޔޭގައި ކުރިއަށްދާ ޔޫކްރެއިން ރަޝިޔާ ހަނގުރާމާގެ ސަބަބުން އެކި އެކި ޤައުމުތަކުގައި އިންޓްރެސްޓް ރޭޓް މަތިކުރަމުން ދާތީ މި ދަނޑިވަޅުގައި ބޭރުގެ ޤައުމުތަކުން ފިނޭންސް ހޯދުމަށް ދަތިތަކެއް ހުރި ދަނޑިވަޅަކަށްވުމުން ،މިހާރު ފިނޭންސުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ބޮޑަކަށް ޑިސްކްރިޝެނަރީ ސްޕެންޑިން ކޮންޓްރޯލް ކޮށްގެން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ނޮން ޑިސްކްރިޝެނަރީ ސްޕެންޑިން ތައް ކުރިއަށް ދާކަމުގައި މިނިސްޓަރު ވިދާޅުބވިއެވެ.
“ނޮން ޑިސްކްރިޝެނަރީ ސްޕެންޑިން ގޮތުގައިވާ، މިސާލަަކަށް މުސާރަދިނުމާއި އިންޓްރެސްޓް ޕޭމެންޓްދެއްކުމުގެ ކަންކަން ކުރިއަށް ގެންދަން އެބަޖެހޭ. “ އަމީރު ވިދާޅުވިއެވެ.
މި ސަބަބުތަކާ ހުރެ ޕަބްލިކް ސެކްޓާގެ މަސައްކަތްތައް ލަސްކުރަމުންދާކަމަށް އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ކޭޝް ފްލޯ މެނޭޖުކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ކޭޝްޕްލޯގެ މައްސަލަތައް ހައްލުވުމުން ޕްރޮޖެކްޓުތައް ލަސްތަކެއް ނުވެ ފެށާނެކަމަށްވެސް މިނިސްޓަރުގެ ވާޙަކަފުޅުގައި ފާހަގަކުރެއްވިއެވެ.

