ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަގާމުތަކަކީ ބަޖެޓަށް ސަޕްރައިޒެއް ނޫން، އެ މީހުން ކުރަން ޖެހޭ މަސައްކަތް ވެސް ހުންނާނެ: ސަރުކާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރަދުތައް ކުޑަކުރުމަށް ނިންމުންތަކެއް ނިންމާފައި ވީ ނަމަވެސް، ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުން ދަނީ އެކަމަށް އެކުލަވާލާފައިވާ ބަޖެޓާއި އެއްގޮތަށްކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށް ވެ، ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ސާކިއުލާއެއް ނެރެފަ އެވެ. ކޮވިޑު-19 ގެ ހާލަތަށް ފަހު، ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އައި ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރި އެވެ. އެހެންވެ ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ނޫނީ ނުކުރުމަށް ފިނޭންސްގެ ސާކިއުލާގައި އަންގާފައި ވެއެވެ.

އެންގުންތަކާއި ހިލާފަށް ދަތުރުތައް ކުރުމާއި، އަދި ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ ނޫސްވެރިއަކު ކުރި ސުވާލަށް މިއަދުގެ ޕްރެސްކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މީހުން މަގާމުތަކަށް އައްޔަނު ކުރަނީ ކުއްލި ގޮތަކަށް ނޫން ކަމަށެވެ. އެ މަގާމަށް މީހަކު އައްޔަނު ކުރުމަށް، އަހަރު ފެށުމުގެ ކުރިން ފާސް ކުރާ ބަޖެޓުގައި ހިމަނައި އެ އެންމެންގެ މުސާރަ ވެސް ހިމަނާފައި ވާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

ނޫސްވެރިޔާ ސުވާލުކޮށްފައި ވަނީ އިގްތިސާދީ ބޮޑެތި ބަދަލުތަކެއްގެ ޔެރެއިން ވެސް ސަރުކާރުން މީހުން މަގާމުތަކަށް އައްޔަނުކޮށް، ހަރަދުތައް ކުރަމުން ގެންދާއިރު މުސާރަތައް ދެވޭނެ ތޯ އެވެ. އަދި އެހާ ގިނަ ސިޔާސީ މަގާމުތައް އުފައްދާ ސަބަބަކީ ކޮބައިތޯ ވަނީ ސުވާލުކޮށްފަ އެވެ. ޖަވާބުގައި މިއުވާން ވިދާޅުވީ، ހަރަދުތައް ކުޑަކުރުމަށް ސަރުކާރުގެ ހުރިހާ އިދާރާއަކާއި، މުވައްސަސާއަކުން ވެސް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދިއެއްވެސް މަސައްކަތެއް ނެތި ސިޔާސީ މަގަމާކަށް މުވައްޒަފަކު އައްޔަނު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ސިޔާސީ މަގާމުތައް އުފައްދަނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް ފުއްދުމަށް، އެމަނިކުފާނު ކަނޑައަޅުއްވާ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި އެ މަގާމަަކަށް މީހަކު އައްޔަނު ކުރަނީ އެ މަސައްކަތަކަށް އެ މީހަކު ކަނޑައަޅަން ޖެހިއްހެ ހާލަތެއްގައިކަމަށް ވިދާޅުވި އެވެ. އެހެންވެ މި މަގާމުތަކަށް އައްޔަނު ކުރާ މީހާއަކީ، އެއްވެސް މަސައްކަތެއް ނުކޮށް، ހުންނާނެ މީހެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

”މަސައްކަތެއް ނުކޮށް ހަމަ ހުންނާކަށް އެއްވެސް ބޭފުޅު އެއްވެސް ދިމާލެއްގައެއް ނުހުންނަވާނެ. މަގާމުތަކަށް މީހުން ނަގާއިރު، އަޅުގަނޑު ފާހަގަކޮށްލަން ފަހަރުގައި އަހަރުގެ ކުރީކޮޅު ނުނެގިކަމުގައިވީ ނަމަވެސް އަހަރުގެ ފަހުކޮޅު މީހުން ނަގާއިރު ކޮންމެވެސް ވަރަކަށް ބަޖެޓު ކުރެވިފައި ހުންނާނީ، ބަޖެޓު ނުކުރެވޭ މަގާމަކަށް މީހުންނެއް ނުނަގާނެ..“ މިއުވާން

މިއުވާން ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ މުވައްޒަފުން ނެގުމުގައި ވެސް، އެއް ތަނެއްގައި ހުންނަ ބޭފުޅަކު އަނެއް ތަނަކަށް ބަދަލުކޮށްގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެހެން އޮތްނަމަ އެގޮތަކަށް އަމަލުކޮށް ވީހާވެސް ހަރަދު ކުޑަ ކުރުމަށެވެ. ސަރުކާރުގެ ބައެއް ޕްރޮޖެކްޓުތަކަށް އިޝާރާތް ކުރައްވައި މިއުވާން ވިދާޅުވީ، އެ ޕްރޖެކްޓަކާއި ހަވާލުވާނެ ސިޔާސީ މީހެއް ނުވަތަ ސީނިއާ ލެވެލްގެ މީހގެއް ނަގަނީ ވެސް އަހަރު ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ބަޖެޓުގެ ތެރެއިން ކަމަށެވެ. އެހެންކަމުން އެއްވެސް ސިޔާސީ މަގާމަކީ ”ސަޕްރައިޒެއް“ ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދުތައް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ވުރެ އިތުރެވެ. ސިޔާސީ މަގާމުތަކަށް މިވަގުތު ހޭދަ ކުރާ އަދަދުތައް ސާފު ނުވީ ނަމަވެސް، އެކަމަށް ހާއްސަކޮށް މި އަހަރަށް ލަފާކުރި ބަޖެޓުގައި ހިމަނާފައި ވަނީ 402 މިލިއަން ރުފިޔާ ރުފިޔާ އެވެ. ބަޖެޓު 2022 ގައި ވާ ގޮތުން މި އަހަރު ސިޔާސީ މަގާމުތަކުގެ އަދަދު 1039 އަށް އަރާނެ އެވެ. އެހެންކަމުން ދައުރު ނިމޭއިރު މި އަދަދުތައް އެއަށް ވުރެ ބޮޑުތަނުން އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

2018 ވަނަ އަހަރުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީ އިން ވަނީ ރައީސް ސޯލިހްގެ ވެރިކަމުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރާނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން ފަހުން ރައީސް ސޯލިހު ވަނީ، ސަރުކަރު އުފެދިގެން އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވީ މިއީ ކޯލިޝަން ވެރިކަމެއްކަމުން ޕާޓީތަކުން ބޭނުންވާ ގޮތަށް ސިޔާސީ މަގާމުތައް ދިނުން ކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިސަރުކާރަށް އެއްވެސް ކަމެއް ސަޕްރައިސް އަކަށް ނުވާނެ.ބަންގުލާދޭޝް އިން އައިއްސަހުރި ޅަ ފިރިހެން ކުއްޖަކު %100 މުސްލިމް ގައުމެއްގެ 250 އަށްވުރެން ގިނަ އެކިފަންތީގެ މީހުންނާ އެއްޖިންސުން ގުޅުންހިންގީމަވެސް ސަޕްރައިސް އަކަށްނުވި ވިއްޔާ.ޔޫތު މިނިސްޓްރީގަ ތިބި ސިޔާސީ މީހުން ކުރަނީ ކީއްތޯ ބސލާލަބަލަ.އެންމެ ކުޑަމިނުން އިށީންނާނެ ގޮނޑިއެއްވެސް ބެތް.ކުރާނެ ކަމެއްނެތިގެން މާލެތެރޭގައެނބުރެނީ.ފޭސްބުކުގަ ސަރުކާރަށް ސަނާކިޔާ ތައުރީފު ކޮށްލުން ކަމަކަށް އޮންނަނީ.އެމީހުން އަމިއްލަޔަށް ބުނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: