އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތުގެ ސިއްހީ ހާލުކޮޅު ގޯސްވުމާ ގުޅިގެން އެކަމަނާގެ އަރިހަށް އާއިލާގެ ބޭފުޅުން ޖަމާވެއްޖެއެެވެ.
މިއަދު ހެނދުނު ރާނީގެ ޑޮކްޓަރުން ހެދި ތަހުލީހުތަކަކަށްފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާ ކަމަށް އެ ޑޮކްޓަރުން ބުނެފައިވާ ކަމަށް ބީބީސިން ރިޕޯޓުކުރެ އެވެ. އަދި، ބަލްމޯރަލް ކާސަލްގައި އެކަމަނާގެ ސިއްހީ ހާލުކޮޅު މޮނީޓާ ކުރަމުންދާ ކަމަށް ޝާހީ އާއިލާގެ ގާތް ބޭފުޅުން ހަވާލާދީ ރިޕޯޓުކޮށްފައިވެ އެވެ.
އުމުރުން 96 އަހަރުގެ ރާނީ މިދިޔަ ބުދަ ދުވަހު އޮތް އެކަމަނާގެ ކައުންސިލް ބައްދަލުވުމުގައި ވެސް ޑޮކްޓަރުންގެ އިރުޝާދާ އެކު ބައިވެރިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ. އެފަހަރު ޑޮކްޓަރުން އެކަމަނާއަށް އިރުޝާދު ދެއްވީ އަރާމް ކުރުމަށެވެ.
ރަނީގެ ދެ ދަރިކަލުން ކަމުގައިވާ ޕްރިންސް ޗާލްސް އަދި ޕްރިންސް ވިލިއަމް ވެސް ވަނީ އެކަމަނާގެ އަރިހަށް ވަޑައިގެންފައެވެ.
އިނގިރޭސި އާ ބޮޑުވަޒީރު ލިޒް ޓްރަސް އިއްޔެ ވަނީ ރާނީ އަރިހަށް ޒިޔާރަތް ކުރައްވާފައެވެ. އާ ބޮޑުވަޒީރަކާ ސަރުކާރު އެކުލަވާލުމުގެ ޒިންމާ ރާނީ އާއްމު ގޮތެއްގައި ހަވާލުކުރައްވަނީ އެ ބޭފުޅަކާ ބަކިންހަމް ޕެލެސްގައި ބައްދަލުކުރެއްވުމަށް ފަހުގައެވެ.
ނަމަވެސް ހެލިފެލިވެ އުޅުއްވުމުގައި ދަތިތަކެއް ހުރުމުން އިއްޔެ ރާނީއަށް ބަކިންހަމް ޕެލެސްއަށް ވަޑައިގެންނެވެން ނެތް ކަމަށް މީގެ ކުރިން ޝާހީ އާއިލާއިން ވަނީ ހާމަކޮށްފައެވެ.
އުމުރުފުޅުން 96 އަހަރުގެ ރާނީ އެލިޒަބެތުގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ނުވައެއްގައެވެ. އޭގެ ފަހުން ރާނީގެ ހާލުކޮޅު ވަނީ އިތުރަށް ގޯސްވެފައެވެ.
މި އަހަރުގެ ކުރީކޮޅު ރާނީ ކޮވިޑް19 އަށް ވެސް ޕޮޒިޓިވްވިއިރު ސިއްހީ ހާލުކޮޅު ހުންނެވި ގޮތުން ބައެއް މުހިއްމު ބައްދަލުވުންތަކުގައި ވެސް ރާނީ މިއަހަރުތެރޭ ބައިވެރިވެފައެއް ނުވެ އެވެ.
ރާނީގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާއިރު ރޭ ބާއްވަން ހަމަޖެހިފައި އޮތް މުހިއްމު އޮންލައިން ބައްދަލުވުމެއް ވަނީ ފަހު ވަގުތު ކެންސަލް ކުރައްވާފައެވެ.
އެކަމަނާގެ ސިއްހީ ހާލުކޮޅާ ބެހޭ ތަފްސީލް ބަކިންހަމް ޕެލަސްއިން ހާމަކޮށްފައިނުވި ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކަމަނާއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ، އެކިފަހަރު މަތިން ފަރުވާ ހޯއްދަވާފައިވެއެވެ.
އިނގިރޭސި ސަރުކާރުގެ އެންމެ އިސްވެރިންނާއެކު، އެކަމަނާ ބާއްވަން ހަމަޖެއްސެވި ބައްދަލުވުން ވެސް ބަލިހާލަތުގެ ސަބަބުން މިއަދު ވަނީ ކެންސަލްކޮށްފަ އެވެ.
އެލިޒަބަތު ރަސްކަމުގެ ތަހުތާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު އަދި ކިންގް ޖޯޖް 1952 ވަނަ އަހަރު އަވަހާރަވުމުންނެވެ. އޭގެ 70 އަހަރު ފަހުން މިހާރު އެކަމަނާ އަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ބޭފުޅާ އެވެ. އެލިޒަބަތުގެ މާމާފުޅު ކުއީން ވިކްޓޯރިއާއަށް ވުރެ ވެސް ދިގު މުއްދަތަކަށް އެކަމަނާ މިހާރު ރަސްކަން ކުރައްވައިފި އެވެ. އެކަމަކު އިނގިރޭސިވިލާތުގެ ސަރުކާރު ހިންގުމުގައި ރަސްކަމުގެ އެއްވެސް ދައުރެއް ނޯވެ އެވެ.
ރާނީ އަވަހާރަވެއްޖެ ނަމަ، ރަސްކަމުގެ ތަހުތާ ދެން ހަވާލުވެ ވަޑައިގަންނަވާނީ އެކަމަނާގެ ދަރިކަލުން އަދި އުމުރުފުޅުން 73 އަހަރު ޕްރިންސް ޗާލްސް އެވެ.

