ޔޫއެންޑީޕީއިން އާންމުކުރާ ހިއުމަން ޑިވެލޮޕްމެންޓު އިންޑެކްސް ތާވަލުގައި ރާއްޖެއަށް ކުރިއެރުމެއް ލިބިއްޖެއެވެ.
ގައުމެއްގައި އިންސާނީ ވަސީލަތްތައް ކުރިއަރައިގެންދާ މިންގަނޑުތައް އަންގައިދޭ ހިއުމަން ޑިވެލޮޕްމެންޓު އިންޑެކްސް ތާވަލުގައި ޔޫއެންޑީޕީއިންވަނީ 191 ގައުމެއް ހިމަނާފައެވެ. 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖެ އޮތީ މި ތާވަލުގެ 97 ވަނައިގައި ކަމަށްވާއިރު، މިހާރު ރާއްޖެ އޮތީ 90 ވަނައިގައެވެ. ރާއްޖެ ހިމެނެނީ ތާވަލުގެ ހައި ހިއުމަން ޑިވެލޮޕްމެންޓު އިންޑެކްސް ކެޓަގަރީގެ ގައުމުތަކުގެ ތެރޭގައެވެ.
ރާއްޖެ ހިމެނޭ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހިއުމަން ޑިވެލޮޕްމެންޓު އިންޑެކްސް ތާވަލުގައި އެންމެ ކުރީގައި އުޅެނީ އަވައްޓެރި ގައުމު ސްރީލަންކާއެވެ. ސްރީލަންކާވެސް އޮތީ ހައި ހިއުމަން ޑިވެލޮޕްމެންޓު އިންޑެކްސް ކެޓަގަރީގެ ގައުމެއް ގޮތުގައެވެ.
ހިއުމަން ޑިވެލޮޕްމެންޓު ތާވަލުން ދައްކާގޮތުން، އިންސާނީ ވަސީލަތްތައް ކުރިއަރައިގެން ގޮސްފައިވާ މިންގަނޑުން ރާއްްޖެ އޮތީ އިންޑީއާއަށްވުރެ ބޮޑުތަނުން ކުރީގައެވެ. އެގޮތުން އިންޑިއާ އޮތީ 132 ވަނައިގައި ކަމަށްވާއިރު އިންޑިއާ ހިމެނިފައިވަނީ ހިއުމަން ޑިވެލޮޕްމެންޓު އިންޑެކްސް ތާވަލުގެ މީޑިއަމް ހިއުމަން ޑިވެލޮޕްމެންޓު ކެޓަގަރީ ގައުމުތަކުގެ ތެރޭގައެވެ.
ހިއުމަން ޑިވެލޮޕްމެންޓު ތާވަލުގެ އެންމެ މަތީ ކެޓަގަރީއަކީ، ވެރީ ހައި ހިއުމަން ޑިވެލެޕްމެންޓު އިންޑެކްސް ކެޓަގަރީއެވެ. މި ކެޓަގަރީގެ ތެރޭގައި 66 ގައުމެއް ހިމެނިފައިވާއިރު އެއް ވަނައިގައި އޮތީ ސްވަޒަލޭންޑެވެ.

