ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ދޫވެއްސަށް ދިޔައިރު އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ހުރީ އެ ގޭގެ ސިޓިންގ ރޫމްގައި އިން ދެ ދަބަހެއްގެ ތެރޭގައި ކަމަށާއި، ޔޫސުފް ނައީމްގެ ގެއަށް ގޮސް ފައިސާ ގުނާފައި ވަނީ ބަންޑެލިތަކުންކަމަށް މައްސަލައިގައި މިއަދު ހެކި ބަސް ނެގި އަބްދުﷲ ބުނެފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ ކުރެ އެވެ.
މައްސަލައިގެ ހެއްކާއި ބެހޭ މަރުހަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު، ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސް އަދި އޭރު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި އަބްދުﷲ ޒިޔަތުގެ ހެކި ބަސް ވަނީ ނަގާފަ އެވެ. އަދި ބުދަ ދުވަހު ނަރީޝްގެ ހެކި ބަސް ނެގުމަށް ފަހު ބުރާސްފަތި ދުވަހު ތިން ހެކިންގެ ހެކި ބަސް ނެގުމަށް އޮތީ ހަމަޖެހިފަ އެވެ. ރައީސް ޔާމީންގެ ފަރާތުން ހަތް ދިފާއީ ހެއްކެއް ވަނީ ހުށަހަޅާފަ އެވެ. ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ ހެކި ބަސް ވެސް ވަނީ ނަގާފަ އެވެ.
މައްސަލައިގައި ހިމެނޭ ޔޫސުފް ނައީމަށް ދިންކަމަށް ބުނާ އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ދޫވެހިން އޭނާގެ ގެއަށް ގެންދިއުމުގައި ހަރަކާތްތެރި ވީ ނަރީޝާއި އަބްދުﷲ އެވެ. އަދި އެކަން އެންމެ ފަހުން ބުދަ ދުވަހު ބޭއްވި ހެކި ބަސް ނެގުމުގެ މަޖިލީހުގައި ނަރީޝްގެ ހެކި ބަހުގައި ފާހަގަކުރައްވާފައި ވެއެވެ.
ނަރީޝްގެ ހެކި ބަހުގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީން ގުޅުވައި ކަމަކަށް އެދުމުން އެގެއަށް ދިއުމުން އެދިވަޑައިގަތީ އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ޔޫސުފް ނައީމްގެ ގެއަށް ގެންގޮސް ދިނުމަށް ކަމަށެވެ. އެހާ ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތެއްގައި ރައީސް ޔާމީން އެހީއަށް އެދުނު ސަބަބެއްކަމަށް ނަރީޝް ވިދާޅުވީ ދެބޭފުޅުންގެ ދެމެދުގައި އޮންނަ ގުޅުމާއި އެމަނިކުފާނު އޭނާއަށް ކުރައްވާ އިތުބާރެވެ. އަދި އެކަން ތަފްސީލުކޮށްދެއްވަން އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށްކަމަށް ނަރީޝް ވަނީ ވިދާޅުވެފަ އެވެ.
އެ ފައިސާ ދޫވެހިން، ޔޫސުފް ނައީމް އޭރު ދިރިއުޅުނު ގެއަށް ގެންދިޔައީ އަބްދުﷲ އާއި އެކުކަމަށް ނަރީޝް ބުންޏެވެ. އަދި މިއަދުގެ އަޑުއެހުމުގައި ހެކި ބަސް ނެގުމުގެ ބައިގައި އަބްދުﷲ ވިދާޅުވި ގޮތުގައި އޭނާ އާއި ޔޫސުފް ނައީމާއި ގާތް ގުޅުމެއް ނެތެވެ. ދެ މީހުން ބައްދަލުވީ ކެމްޕެއިން ދަތުރުގެއްގެ ތެރެއިންނާއި، ފައިސާ ހަވާލު ކުރުމަށް އެ ގެއަށް ދިޔަ ވަގުތު އެކަނިކަމަށް އެނާ ވިދާޅުވި އެވެ.
އަަބްދުﷲ ބުނީ އޭނާ ރައީސް ޔާމީން ޕީޕަލްސް އެލައިއަންސް (ޕީއޭ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް ހިންގެވި ދުވަސްވަރުން ފެށިގެން އެމަނިކުފާނުގެ ބައެއް އަމިއްލަ ކަންކަމުގައި އާއި ފައިސާގެ ބައެއް މުއާމަލާތްތަކުގައި އުޅެފައިވާނެ ކަމަށެވެ. އޭގެ އިތުރުން ބޭންކަށް ޖަމާ ކުރަން ޖެހޭ ބައެއް ފައިސާގެ ކަންކަން ހަމަޖައްސާކަމަށް ވެސް ވިދާޅުވި އެވެ. ދައުލަތުން ވަނީ އެކަންކަމުގައި އުޅެނީ ރައީސް ޔާމީންގެ ޕާސަނަލް އެސިސްޓަންޓު، ނުވަތަ އެކައުންޓެންޓެއް ނުވަތަ ފައިނޭންސް ބަލަހައްޓާ މީހެއްގެ ހައިސިއްޔަތުން ތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި އަބްދުﷲ ބުނީ އޭނާއަކީ އެފަދަ އެއްވެސް މަގާމެއްގައި ހުރި މީހެއް ނޫން ކަމަށެވެ.
ޔޫސުފް ނައީމްގެ ގެއަށް ފައިސާ ހަވަލު ކުރުމަށް ދިޔައީ އޭނާއާއި ނަރީޝްކަން އަބްދުﷲ ފާހަގަ ކުރި އެވެ. ދައުލަތުން ވަނީ އެ ގޭގައި އެވަގުތު ތިބީ ކޮން ބައެއް ތޯ އާއި، އެއީ ކޮން ފްލޯއެއްތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް އެއީ މީގެ އަހަރުތަކެއް ކުރިކަމުން ސީދާ ފްލޯއެއް ހަނދާނެއް ނެތްކަމަށް އަބްދުﷲ ވިދާޅުވި އެވެ. އަދި އެ ގޭގައި ފައިސާ ހަވާލު ކުރި ވަގުތު ޔޫސުފް ނައީމް ނޫން އިތުރު ބައެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.
އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ އަކީ، 15 މިލިއަން ދިވެހި ރުފިޔާ އެވެ. އެހެންވެ ދައުލަތުން ވަނީ އެ ފައިސާ ގުނީ ކިހިނެއް ތޯ ނަރީޝާއި ވެސް ސުވާލުކޮށްފަ އެވެ. ބުދަ ދުވަހުގެ އަޑުއެހުމުގައި ނަރީޝް ވިދާޅުވީ އެ ފައިސާ ބުނީ އަތުން ކަމަށެވެ. ނަމަވެސް އެއީ ބަންޑަލް ގޮތަށް ތޯ އޭނާގެ ވާހަކައިން ސާފެއް ނުވި އެވެ. އަދި އެކަމަށް ހޭދަވީ ވަގުތާއި ގުޅޭގޮތުން ދައުލަތުން ތަކުރާރުކޮށް ކުރި ސުވާލަށް ނަރީޝް ވިދާޅުވީ ވަގުތު ސީދާ ހަނދާނެއް ނެތްކަމަށާއި ގާތްގަނޑަކަށް ހޭދަވީ ވަގުތު ވެސް ބުނަން ނޭނގޭ ކަމަށެވެ.
ދައުލަތުން ހަމަ އެ ސުވާލުތައް އަބްދުﷲ އާއި ތަކުރާރު ކުރުމުން، އޭނާ ވިދާޅުވީ ފައިސާ ގުނުމަށް ހޭދަވީ ވަގުތު ހަނދާނެއް ނެތްކަމަށާއި، ފައިސާތައް ހުރީ ކަޅު ދެ ދަބަހުގައި ކަމަށެވެ. އަބްދުﷲ ބުނި ގޮތުގައި އެ ފައިސާތައް ގުނާފައި ވަނީ ބޮނޑިތައް ވަކީންނެވެ. އަދި ފައިސާ ގުނައި ނިމުމަށް ފަހު ލިޔެކިއުމެއް ޔޫސުފް ނައީމާއި ހަވާލުކޮށްފައި ވާނެކަމަށް ވިދާޅުވި އެވެ. އަދި ޔޫސުފް ނައީމްގެ ލިއުން ރައީސް ޔާމީނާއި ހަވާލު ކުރެވުނުކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސާތަކާއި ގުޅޭގޮތުން ދައުލަތުން ވަނީ އަބްދުﷲ އާއި ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ. އެއީ ފައިސާ ގުނި ގޮތާއި ގުޅޭގޮތުންނެވެ. ދައުލަތުން ކުރި ސުވާލުގެ ޖަވާބުގައި އަބްދުﷲ ބުނެފައި ވަނީ ފައިސާ ގުނީ ބަންޑެލިތަކުން ކަމަށެވެ. ދައުލަތުން ވަނީ އެ ބަންޑަލްތަކުގައި ހުރީ ކިހާ އަދަދެއްތޯ އަނެއްކާވެސް ސުވާލުކޮށްފަ އެވެ. ޖަވާބުގައި އަބްދުﷲ ބުނީ ބަންޑެލިއެއްގައި ހުރީ 50،000 ރުފިޔާ ކަމަށެވެ. ކޮންމެ ބަންޑެލިއެއްގައި ހުރީ އެ އަދަދުކަން ޔަގީންތޯ އާއި، އަދި އެ ނޫޓުތަކުގެ ތެރޭގައި ފައިސާގެ އެހެން ކުޑަ އަދަދެއް ވެސް ހުރެދާނެކަމަށް ދައުލަތުން ބުންޏެވެ. ޖަވާބުގައި އަބްދުﷲ އަނެއްކާވެސް ވިދާޅުވީ ހުރިހާ ބަންޑެލިއެއްގައި ވެސް ރަބަރު އޮޅާފައިވާކަމަށާއި އެ ހުރީ އެއް ސައިޒެއްގައި ކަމަށެވެ. އަދި ރައީސް ޔާމީން އެ ފައިސާތައް ހަމަވާނެކަމަށް ވިދާޅުވުމުން، އެކަން ގަބޫލު ކުރިކަމަށް ވިދާޅުވި އެވެ.
ފައިސާތައް ގުނި އިރު އަބްދުﷲ ނަރީޝް ގުނި ބަންޑެލިތައް ވެސް ގުނިތޯ، ނުވަތަ ދެ މީހުން ފައިސާ ގުނީ އެކުގައި ތޯ ދައުލަތުން ސުވާލު ކުރި އެވެ. އަދި 2015 ވަނަ އަހަރަކީ ޕޮލިމާރ ނޫޓު ތައާރަފު ކުރި އަހަރަށް ވުމާއި އެކު އެއީ ކުރީގެ ނޫޓުތޯ ނުވަތަ ފަހުގެ ނޫޓުތައް ތޯ ސުވާލު ކުރި އެވެ. އަބްދުﷲ ވިދާޅުވީ އެއީ 500 ނޫޓުތަކެއް ކަމަށާއި، އެއީ ފަހުގެ ނޫޓުކަން ނުވަތަ ކުރީގެ ނޫޓުތަކެއްކަން ހަނދާނުގައި ނެތް ކަމަށެވެ. އަދި ފައިސާ ގުނުމުގައި އަމަލު ކުރި ގޮތެއް ވެސް ހަނދާނެއް ނެތްކަމަށް ވިދާޅުވި އެވެ.
މި މައްސަލައިގައި ދައުލަތުން ވަނީ، އަބްދުﷲ ފައިސާ ބަލައި ދިޔައީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގެއަށްކަން ފާހަގަކޮށް އެއީ ކީއްކުރަން އައި ކާކުތައް އެއްވެސް މީހަކު އޭނާއާއި ސުވާލު ކުރި ތޯ ސާފުކޮށްދޭން އެދިފަ އެވެ. އަބްދުﷲ ވިދާޅުވީ އޭނާ އެގެއަށް ދެވޭނީ ހުރިހާ ކަމެއް ހަމަޖެހިފައި ހުރީމަ ނޫންތޯ ފާހަގަކޮށްފަ އެވެ. ދައުލަތުން އަނެއްކާވެސް ސުވާލު ކުރީ، ސެކިއުރިޓީ ކްލިއަރެންސާއި ގުޅޭގޮތުންނެވެ. އެއާއި އެކު ދިފާއީ ވަކީލު އާދަމް ޝަމީމް ވަނީ އިއުތިރާޒު ނުކުތާއެއް ނަންގަވައި އެފަދަ އެއްވެސް ސުވާލެއްކޮށްފައި ނުވާނެކަން ފާހަގަކޮށް ކްރޮސް ޗެކް ކުރެވޭނީ ދިފާއުން ކުރާ ސުވާލުތަކާއި ގުޅުވައިކަމަށް ވިދާޅުވެފަ އެވެ. އަދި ތަކުރާރުކޮށް އެއް ސުވާލެއް ކުރަމުން ގެންދާކަން ފާހަގަކޮށްފަ އެވެ.
ދިފާއީ ވަކީލުންގެ އިއުތިރާޒު ނުކުތާ ބަލައިގަނެ، މައްސަލަ ބައްލަވާ ގާޒީ ވަނީ، ޖަވާބު ދެއްވާފައިވާކަމަކާއި ގުޅުވައި އިތުރު ސުވާލެއް ނުކުރުމަށް ވިދާޅުވެފަ އެވެ.
މިދިޔަ ހަފްތާގައި ބޭއްވި ވެސް އަޑުއެހުމުގައި ވެސް ރައީސް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ ވަކީލުން ވަނީ، ދައުލަތުގެ ވަކީލުން ހެކިންގެ ހެކި ބަސް ނެގުމުގައި ފުރައްސާރަ ކުރަމުންދާކަމަށް ބުނެ އެކަން އިއުތިރާޒު ކުރައްވާފަ އެވެ. އަދި ޝަރީއަތުން ވެސް ވަނީ ދާއިރާގެ ބޭރުން ސުވާލުތައް ނުކުރެވޭނެކަން ފާހަގަކޮށްފަ އެވެ.

