ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަކެތީގެ އަގު އުފުލުނަސް އެއީ މިއަދު ބޮޑުކަމެއް ނޫން!

ޝެއާރކޮށްލާ ކަހަލަދޯ؟

މިފަހަކަށް އައިސް އާންމުން އެންމެ ބޮޑަށް ދައްކަމުންދާ އެއް ވާހަކައަކީ ނުވަތަ އިވޭ އެންމެ ބާރު އަޑަކީ ތަކެތީގެ އަގު އުފުލޭ ވާހަކައެވެ. ތަކެތީގެ އަގު ބޮޑުވުމަށް ދިމާވާ ސަބަބުތައް ގިނަ ގުނައެވެ.

ތަކެތީގެ އަގުތައް އުފުލުމަށް ނުވަތަ އަގުބޮޑުވުމަށް ދިމާވާ މައިގަނޑު ސަބަބެއްކަމުގައި ދުނިޔޭގެ ހާލަތު ހިމެނެއެވެ. އެގޮތުން މި ދުވަސްވަރަކީ ހަނގުރާމައެއްގެ މެދުތެރޭގައި ދުނިޔެ ވާ ދުވަސްވަރެކެވެ.

ރަޝިޔާ އަދި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެތަކެއް ގައުމުތަކަކަށް ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. ސަބަބަކީ އެ ދެގައުމަކީ އިގްތިސާދީ ގޮތުން ގިނަ ތަކެތި ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓް ކުރާ ދެ ގައުމަށް ވީމައެވެ. ރަޝިޔާ އިން މައިގަނޑު ގޮތެއްގައި ތެލާއި ގޭސް އެކި ގައުމުތަކަށް އެކްސްޕޯޓް ކުރެއެވެ. ހަމަ އެފަދައިން ޔޫކްރެއިން އިން ގޮދަނުގެ ބާވަތްތަކާއި އެނޫން ތަކެތި އެކްސްޕޯޓް ކުރެއެވެ.

މި ދުވަސްވަރު ތެލާއި ގޭހާއި ކާބޯތަކެތީގެ މައިގަނޑު ބާވަތްތައް ދުނިޔޭގެ ބާޒާރުގައި ލިބުމަށް ދަތިތަކެއް ހުރުމާއެކު ތަކެތީގެ އަގުތައް މަތިވެގެންދަނީ އެވެ. ތަކެތީގެ އަގު ބޮޑުވަމުންދާ މި ދަނޑިވަޅުގައި އިގްތިސާދު ކުރުމަކީ މުހިއްމު ކަމެކެވެ.

މިއަދު ތަކެތީގެ އަގުބޮޑުވެ އެ ވާހަކަ ދައްކާ މީހަކު ނޫޅެއޭވެސް ބުނެވިދާނެއެވެ.

މީގެ ކުރީގައި ތަކެތީގެ އަގު ބޮޑުވެ ހިތްހަމަ ނުޖެހުން ފާޅުކުރި މީހުން މިއަދު އެވާހަކަ ނުދައްކައެވެ. ފަހަރުގައި އެމީހުންނަށް އަގުބޮޑުވި ސަބަބު އެނގިފައިއޮތީ ކަމަށް ވެދާނެއެވެ.

ދުނިޔެއަށް ދާދިފަހުން ޖެހުނު އާލަމީ ވަބާއެއް ކަމަށް ވާ ކޮވިޑް19 އިގެ ބަލިމަޑުކަން އަދިވެސް ދުނިޔެ ދަނީ ތަހައްމަލު ކުރަމުންނެވެ.

ކޮވިޑުން އަރައިގަނެ އިގްތިސާދަށް ކުރިއެރުން މަދު ގައުމުތަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނެއެވެ.

ތަކެތީގެ އަގުތައް މަތިވުމުގެ އަނެއް ސަބަބަކީ ކޮވިޑް19 ގެ ބަލިމަޑުކަމެވެ. ކޮވިޑްގެ ސަބަބުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް އެތައް ކާރުހާނާ ތައް ބަންދު ކުރަން ޖެހުނެވެ. އެހެން ވުމުގެ ސަބަބުން ކުރިން ގަވާއިދުން ލިބެމުން އައި ތަކެތި ލިބުން ދަތިވާން ފެށިއެވެ.

ތަކެތި ލިބުމުގައި ތާށިކަން ކުރިމަތިލާން ޖެހުމުން ބޮޑު އަގުގައި މުދާ ވިއްކުމަށް ވިޔަފާރިވެރިންނަށް މަޖުބޫރުވިއެވެ.

ކޮވިޑްގެ ސަބަބުން ބޮޑެތި ވިޔަފާރި ތަކުގެ ތެރެއިން ގިނަ ވިޔަފާރިތައް ބަންދުކުރަން ޖެހުނެވެ. އެތަކެއް މީހުންގެ ވަޒީފާތައް ގެއްލިގެން ދިޔައެވެ.

ތަކެތީގެ އަގުބޮޑުވިއިރު ތަކެތި ގަތުމަށް ކުރާ ހޭދަ ބޮޑުތަނުން އިތުރުވިއެވެ. އެއީ ކޮންމެހެން ގަންނަންޖެހޭ މުހިއްމު ތަކެތި ވެސް އަގުބޮޑުވެފައިވާތީއެވެ. އޭގެ ތެރޭގައި ކާބޯ ތަކެއްޗާއި ގެދޮރު އިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނާއި ރީތިވާ ސާމާނުގެ އިތުރުން ލާ އަންނައުނު ހިމެނެއެވެ.

ކުރީގެ ހާލަތާއި އަޅާބަލާނަމަ މިއަދުގެ ހާލަތު ރަނގަޅުވަމުން އަންނައިރު ތަކެތީގެ އަގަށް ބަދަލު ނައުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ ކުރިން ހުރި އަގަށް އެނބުރި ރުޖޫއަ ވުމަށް ދުވަސްތަކެއް ނަގާނެތީއެވެ.

ދުނިޔޭގެ އިގްތިސާދީ ހާލަތު އަދި އެއްކޮށް ހަމައަކަށް އެޅުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް އިގްތިސާދީ މާހިރުން އަންނަނީ ބުނަމުންނެވެ. އެކަމުގެ ސަބަބަކީ އިގްތިސާދު ހީނަރުވެ ގިނަ ދުވަސްތަކެއް ވެފައި ވުމެވެ.

ދުނިޔެއަށް މި ކުރިމަތިވި ދަތިކަމަކީ މި ފަހުގެ ތާރީހެއްގައި ދުނިޔެ ދެކެފައި ނުވާފަދަ ހާލަތެކެވެ. މިފަދަ ދަނޑިވަޅަކަށް ތައްޔާރު ނުވެ ތިއްބާ ދިމާވި ހާލަތުގެ ސަބަބުން ބައެއް މީހުންގެ ދިރިއުޅުން ވަނީ އެއްކޮށް ގެއްލިގެން ގޮސްފައެވެ.

ތަކެތީގެ އަގާއި އެކު ދިރިއުޅުމުގެ ފެންވަރާއި ހާލަތުވެސް ވަނީ ބަދަލުވެފައެވެ.  ހެޔޮ އަގުގައި ލިބެން ހުރި ގިނަ ތަކެތި އަގުބޮޑު ވުމުގެ ސަބަބުން އެކަމުގެ ވޭނާއި ތަކުލީފް ތަހައްމަލު ކުރަމުން ދާ ގިނަ ބަޔަކު އިންތިޒާރު ކުރަނީ މި ހާލަތު ބަދަލުވާނެ ދުވަހަކަށެވެ.

ކުރިން ކުޑަ ހަރަދުން ދެކޮޅު ޖައްސައިގެން އުޅުނު މީހުންނަށް މިއަދު ދިރިއުޅުމުގެ ކަންކަން ހަމައަކަށް އެޅުމަށް ވަނީ ބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހިފައެވެ. ދިރިއުޅުމުގެ ހަރަދުތަކާއި ތަކެތީގެ އަގުތައް ބޮޑުވެ އަތް ނުފޯރާ ހަމައަށް ދިއުމުން އެކަން ކޮންޓްރޯލް ކުރެވޭނީ ސަރުކާރަށެވެ.

ތަކެތީގެ އަގު ކުޑަކުރުމަށް ނުވަތަ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން މާގިނަ މަސައްކަތްތަކެއް ކުރާތަނެއް ނުފެނެއެވެ. ފަހަރުގައި އެކަން ވާން ނެތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަޑު އިވެނީ ލޯނުތައް ނަގާ ވާހަކައެވެ. އެ ލޯންތަކުންވެސް ރައްޔިތަކަށް ވާ ފައިދާ އެއް ނުފެނެއެވެ.

ފެނާއި ކަރަންޓް ފަދަ ތަކެތީގެ އަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ވާހަކަ އަކީ ރައްޔިތުންގެ ޝަކުވާއެކެވެ. އޭގެ ޖަވާބުގައި އެ މުއައްސަސާ ތަކުން ބުނަމުން ގެންދަނީ އެ ބޭނުން ކުރެވޭ ވަރު އިތުރުވާތީ އޭގެ އަގު ބޮޑުވަމުންދާކަމަށެވެ. ނަމަވެސް އެ ބޭނުން ނުކުރިއަސް އަގުބޮޑުވާ ކަމަށް ރައްޔިތުންގެ ތެރެއިން ބައެއް މީހުން ބުނެއެވެ. މިކަމުގައި ހައްލެއް ހޯދުމަށް މަޖިލީހުން ވެސް މަސައްކަތް ތަކެއް ކުރަމުންދާ ވާހަކަ ތަކެއް ހުސްވި ހަފްތާގެ ތެރޭގައި ދެކެވިފައިވެއެވެ.

ރައްޔިތުންނަށް ލުއިފަސޭހަ ގޮތް ހޯދައިދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އެ ޒިންމާ ނުއުފުލޭ ސަރުކާރަކީ ޒިންމާދާރުކަން ކުޑަ ސަރުކާރެއްކަން ޔަގީނެވެ. ޒިންމާ ދާރުކަން ކުޑަވީ މިސަރުކާރުތޯ ނުވަތަ ވޭތުވެ ދިޔަ ސަރުކާރުތައް ތޯ ނިންމާނީ ރައްޔިތުންނެވެ. ރައްޔިތުންގެ އުއްމީދު ތައް ފުރިހަމަ ކޮށްދިނުމާ ހުވަފެން ހަގީގަތަކަށް ހަދައިދޭނަމަ ކޮންމެ ސަރުކާރަކީ ވެސް ރަނގަޅު ސަރުކާރެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތަކެތި އަގު ބޮޑްވަނީ ސަރުކާރުން ހިންގާ މޮޅު އިގުތިޞާދު ކުޑަ ކުއްޖަކަށްވެސް އިގޭނެ މުޖުތަމައު ތެރޭގައި އިތުރަށް ފައިސާ ޗާޕް ކޮށްގެން އުޅޭނަމަ ތަކެތީގެ އަގު ބޮޑްވާނެކަން ފައިސާ ގިނަވީމަ އެއްޗެހި ގަންނަމީހުން ގިނަވާނެ އެހެންކަމުން އެހެންކަމުން ވިޔަފާރި ވެރިން އަގު ބޮޑް ކުރާނެ އެކުސަސް މަނީ ހުރީމަ މީހުން ކިތައްމެ އަގު ބޮޑް ވިޔަސް ގަންނާނެ. ހަގުރާމައިގެ ސަބަބުން މިގައުމަށް އިންޕޯޓް ކުރާ މުދާ ތައް މަދު ތޯ ބަލާފަ ރިޕޯޓް އެއް ނިކަންލިޔެލަބަލަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: