ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއާއި ބެހޭ ޤާނޫނަށް ހުށަހެޅި އިޞްލާހު އަނބުރާ ގެންދިޔުމަށް ގޮވާލައިފި!

ބިދޭސީ މަސައްކަތްތެރީން/ ފޮޓޯ:- ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ހުށަހެޅި އިޞްލާހާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެ އިޞްލާހު އަނބުރާ ގެންދިޔުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ބިދޭސީންނަށް ދިނުން ލާޒިމުވާ ދެ އަހަރު ދުވަސް، އިގުތިސޯދީ ހާލަތާ ގުޅުވައި، މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ގާނޫނަށް އިސްލާހެއްގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދެވެ.

މި އިޞްލާހާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން އަދި މޯލްޑިވްސް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރެފައިވާ ބަޔާނުގައިވަނީ، މި އިސްލާހުގެ ސަބަބުން ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޚިލާފުވެ ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ޤާއިމްކުރުމަށް ކުރާ މަސައްކަތުގައި ފަހަތައް އެޅޭ ފިޔަވަަޅަކަށް މި އިސްލާޙު ވާނެ ކަމަށެވެ.

މީގެ އިތުރުން، ހުށަހަޅާފައިވާ އިޞްލާހުގެ ސަބަބުން ދިވެހިރާއްޖެއިން އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން ގެ “އީކުއަލް ރެމިއުނަރޭޝަން“ގައި ސޮއިކޮށްފައިވާ އެއްބަސްވުމާ ޚިލާފުވާނެކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. “އީކުއަލް ރެމިއުނަރޭޝަން“ގެ އެއްބަސްވުމުގައިވަނީ، އެއް މަސައްކަތެއް ކުރާ މަސައްކަތްތެރީންނަށް ހަމަހަމަ ގޮތުގައި މުސާރަދޭންޖެހޭނެކަމަށެވެ. ނަމަވެސް މި އިޞްލާހާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް ކުޑަ އުޖޫރައެއް ދީގެން މަސައްކަތް ކުރުމަށް ޤާނޫނުން ހުއްދަކުރާނެއެވެ. އަދި ރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ)ގެ ދަށުން މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރަންޖެހޭކަމަށް ބަޔާނުގައި ވެއެވެ.

މި އިޞްލާހާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އިތުރަށް މި ބަޔާނުގައިވަނީ، މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތްގޮތަށް ލަސްކޮށްފިނަމަ، ވަޒީފާގެ ބާޒާރުގައި ކުޑަ އުޖޫރައެއް ދީގެން ބިދޭސީ މަސައްކަތްތެރިން ލައްވާ މަސައްކަތް ކުރުވާ ނާޖާއިޒް ފައިދާ ނެގުމަށް ިއތުރަށް މަގުފަހި ވެގެންދާނެކަމަށެވެ. އަދި މީގެ ސަބަބުން ދިވެހި މަސައްކަތްތެރިންނަށް ވަޒީފާ މިހާރުވެސް ދަތިވާކަމުގެ ޝަކުވާ ގިނަކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ވަޒީފާ ދޭ ފަރާތައް ދިވެހި މަސައްކަތްތެރިޔަކަށް މަސައްކަތް ދިނުމަށް އިތުރު ތަކްލީފަކަށްވެ، ޚަރަދު ބޮޑުވާގޮތައް ޤާނޫނަށް ގެނެވޭ އިޞްލާހަކީ ދިވެހި މަސައްކަތްތެރިންގެ އަގު ވަޒަން ނުކުރާކަމުގެ ދަލީލެއްކަމަށް އެ ބަޔާނުގައި ވެއެވެ.

ވިޔަފާރިތަކުން ދިވެހީންނަށް ވަޒީފާގެ ފުރުޞަތު ނުލިބި އިޖުތިމާއީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް ދައުލަތުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގުރާމްތަކަށް ބުރަވެ، ވަޒީފާ ނުލިބޭ ޒުވާނުން އިންތިހާއަށް ގިނަވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މި އިޞްލާޙުގެ ސަބަބުން  ވަޒީފާ ލިބޭ ދިވެހިންގެ އަދަދު ދަށްވެ އެންޕަލައޮމެންޓް ރޭޓު ދަށަށްދާނެކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: