އަވަހާރަވެފައީވާ އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒެބަތްގެ ހަނދާނުގައި މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސުކޫތެއްް ގެނެސްފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ފަށްޓަވާދެއްވަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އިނގިރޭސި ރާނީގެ ހަނދާނުގައި ސުކޫތެއް ފާހަގަކުރުމަށް ހުރިހާ އިއްޒަތްތެރި މެންބަރުން ކޮޅަށް ތެދުވެ ވަޑައިތގަތުމަށެވެ.
“އެލިޒެބަތް 2 ، ނިޝާން އިއްޒުއްދީންގެ ވެރިޔާ އިނގިރޭސި ރާނީ 8 ސެޕްޓެމްބަރު 2022 ގައި ނިޔާވުމާއި ގުޅިގެން އެކަމަނާގެ ހަނދާނުގައި ސުކޫތެއް ފާހަގަކުރުމަށްޓަކައި އިއްޒަތްތެރި މެންބަރުން ތެދުވެ ވަޑައިގަތުމަށް ދަންނަވަން“ ނަޝީދު ވިދާޅުވިއެވެ.
ހިމޭންކަމުގެ ސުކޫތެއް ގެންނެވުމަށް ފަހު، ރާނީއަށް ތައުޒިޔާ ވިދާޅުވުމަށް މަޖިލިސް ތަމްސީލް ކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ވަކިވަކިން ފުރުސަތު ދެއްވާފައިވެއެވެ.
އެ ފުރުސަތުގެ ބޭނުންކުރައްވައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ އެލިޒަބަތުގެ ރަނިކަމުގައި ރާއްޖެއަށް އައި ބަދަލުތަކަށް އަލި އަޅުވާލައްވައިފައެވެ.
އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީއެއް އެކުލަވާލެވުނީ ވެސް އިނގިރޭސިންގެ މުހިންމު ރޯލެއްގެ ސަބަބުން ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ރާއްޖެ ހިންގުމަށް އެންމެ ބޮޑަށް ބަދަލު އައީ ވެސް އެ ގާނޫނު އަސާސީގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ސުވަދީބްގެ ނަމުގައި ވަކި ދައުލަތެއް އުފެއްދި އުފެއްދުން ނިނުމަކަށް އައީ ވެސް އިނގިރޭސިންގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ރާނީގެ ރަނިކަމުގެ ކުރެއްވި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ.
ހާއްސަކޮށް އަންހެނުން ބާރުވެރިކުުރުމަށް ކުރެއްވި މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ. އަދި އިނގިރޭސިވިލާތް އުނދަގޫ ދުވަސްވަރެއް ތަހައްމަލުކުރަމުން ދިޔައިރު ވެސް ގައުމުގެ ހަމަޖެހުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

