މާލެއަށް ވެހިކަލް އެތެރެކުރުން ކޮންޓްރޯލް ކުރަންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުނު އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށައެޅުނު އިސްލާހަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސަރުކާރު ބައެއް މުވައްޒަފުން މަސައްކަތް ކޮށްގެން ގަރާޖު ސިޓީތައް ދީފައިވާ ކަމަށާއި އެކަންކަން ހައްލުކުރަން ޖެހޭ ކަމަށެވެ.
ޝަރީފް ވިދާޅުވީ މާލެވަނީ ވެހިކަލް ގިނަވެ ތޮއްޖެހިފައިކަމަށާއި މިހާރުވެސް މަގުމަތީގައި ހުރި ވެހިކަލްތައް ގިނަ ކަމުން އާއްމު ރައްޔިތަކަށް ސައިކަލެއް ޕާކްކޮށްލާނެ ތަންކޮޅެއް ނެތް ކަމަށެވެ. ވުމާއެކު މިހާލަތުގައި ސައިކަލު އެތެރެ ކުރުން ކޮންޓްރޯލް ކުރަންޖެހޭ ކަމަށާއި ހާއްސަކޮށް ބޮޑެތި ވެހިކަލް، ލަގްޒަރީ ވެހިކަލް އެތެރެ ކުރުން ކޮންޓްރޯލް ކުރަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގައި މުއްސަނދިން ދުއްވާ ކާރުތައް ގިނަވެފައި އެެކެއްގެ އަތުގައި ދިހަ ބާރަ ކާރު އޮންނަ ހާލަތުގައި އެތަކެތި ކޮންޓްރޯލް ކުރުމަށް މިހާރަށް ވުރެ އިތުރު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
މިއަދު ރާއްޖޭގައި މިއޮތް ޓްރާންސްޕޯޓް ސިޔާސަތު ނުވަތަ ޕޮލިސީ އެއްކޮށް ބަދަލުކޮށް ގާނޫނު ތަކަށް ބަދަލު ގެނެސް މިހާރަށްވުރެ ބޮޑަށް މިހާރަށް ވުރެ ފުޅާ ދާއިރާ އެެއްގައި ވެރިރަށް މާލެއަށް ވެހިކަލް އެތެރެކުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެއްކޮޅުން ޕްރައިވެޓް ސެކްޓަރ އަށް ތަކެތި ދޫކުރާ ވާހަކަ ދައްކަމުން، އަނެެއްކޮޅުން ޕްރައިވެޓް ސެކްޓަރ ގައި މީހަކު މާފުޅާވާތީ ބައެއް އިއްޒަތްތެރި މެމްބަރުން ކަންބޮޑުވުން ފާޅު ކުރާއިރު ޕްރައިވެޓް ސެކްޓަރ އަކީ ކޮބައިތޯ އާއި އެސެކްޓަރ ތަރައްގީވާން ފުރުސަތުދޭނީ ކިހާ ހިސާބަކަށްތޯ ވިދާޅުވެ ޝަރީފް ވަނީ ސުވާލު އުފައްދަވާފައެވެ.
މިތާނގައި ޕްރައިވެޓް ސެކްޓަރ ގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން މުއްސަނދި ވާތީ އެބޭފުޅުންގެ ކަރުގައި ވާޖަހާފައި ގަންހިންގާ ވާހަކަ ދައްކަމުން، އަނެއްކާވެސް ޕްރައިވެޓް ސެކްޓަރ ފުޅާކުރަން ދެކެވޭ ވާހަކަ އަކީ ތިމާގެ އަންބޮޑި ބޮޑުކުރަން ދެކެވޭ ވާހަކައެއްކަމުގައި ދަންނަވަން. ޝަރީފް
މާލޭގެ ޓްރާންސްޕޯޓާއި ރާއްޖޭގެ ރަށްތައް ޓްރާންސްޕޯޓުން ގުޅާލުމަކީ ސަރުކާރުން އެޅި ހަރުދަނާ ކުރިއަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޕްރައިވެޓް ސެކްޓަރ އަކުން ޓްރާންސްޕޯޓްގެ ހިދުމަތް ދޭ ނަމަ މާ ރަނގަޅުވީސް ކަމަށާއި އެއްވެސް ގޮތަކަށް ރާއްޖޭގައި މިހާތަނަށް ޕްރައިވެޓް ސެކްޓަރ ގައި ޓްރާންސްޕޯޓް ދިނުމަށް މަނާ ކޮށްފައި ނުވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ މާލޭގައި ޕަބްލިކް ޕާކިންގ ޒޯންތައް ހަދަންޖެހޭ ކަމަށާއި ޕާކްކުރާ ބިލްޑިންގ ދުނިޔޭގެ އެހެން ތަންތަނުގައި ހުންނަހެން ހަދަން ޖެހޭ ކަމަށާއި އެކަމަށް ސަރުކާރުން އިންވެސްޓް ކުރަންޖެހޭ ކަމަށެވެ. އެ އިންވެސްޓް ކުރުމާއެކުވެސް ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ވެހިކަލް ގިނަވާ ބިން މަދު ރޯޑް ސާރފޭސް ކުޑަ ތަންތަނުގައި ހާއްސަ ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

