އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާނުކޮށްފައިވާ މޯލްޑިވްސް ޑިވަލޮޕްމަންޓް އެލައިންސް(އެމްޑީއޭ) އިން މިފަހަރު ކޯލިޝަން ހަދާނީ ސީދާ ރައްޔިތުންނާ ކަމަށް އެމްޑީއޭ ގެ ނައިބު ރައީސް އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.
“ސަންގު” ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ 2013 ވަނަ އަހަރު ޕީޕީއެމް އާއެކު ހެދި ކޯލިޝަނުން ކުރެވުނީ ވަރަށްވެސް ހިތި ތަޖުރިބާއެއްކަމަށާއި ހެދުނު އެގްރިމެންޓްތަކާ އެއްގޮތައް ކަންތައްތައް ނުވިކަމަށާއި އެކަމުގެ ސަބަބުން 2018 ވަނަ އހަަރު އެއްވެސް ގޮތަކަށް ސިޔާސީ ރޭހުގައި ބައިވެރިވަން ބޭނުންނުވީ ކަމަށެވެ. އެހްނަކަމުން އެމްޑީއޭއިން ދެން ކޯލިޝަން ހަދާނީ ރައްޔިތުންނާކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.
ކޯލިޝަނެއް ތެރޭގައި ހެދޭ އެގްރީމެންޓްތަކަށް ކޯލިޝަންގެ މައި ޕާޓީއިން އަމަލުނުކުރާކަމަކީ މިއަދު ރައްޔިތުންނަށްވެސް އެނގޭ ހަޤީގަތެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެން ކޯލިޝަން ހެދީ ޕީޕީއެމްއާއެކީގަ. އަޅުގަނޑުމެންނަށް އެ ރިޔާސީ އިންތިޚާބު ކާމިޔާބުވެ، އެހެންނަމަވެސް އެގްރިމެންޓްތަކާ އެއްގޮތަކަށް ކަންތައްތަކެއް ނުވި“މައުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއެކު 2013 ވަނަ އަހަރު ހެދުނު ކޯލިޝަނުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތަކަށް ކުރެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މުޅި ރާއްޖެއަށް 50 އަހަރުތެރޭ ނުގެނބެވޭނެ ވަރުގެ ތަރައްޤީއެއް ގެނެސްދެވުނު ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންގެ ޚާއްސަ ދާއިރާތައް، ނޫނު އަތޮޅާއި ، ހޯރަފުށީ ދާއިރާއާއި އަދި ދާލު އަތޮޅާ، ޖުމްލަ ގޮތެއްގައި މުޅި ރާއްޖެއަށްވެސް ރާއްޖޭގެ 50 އަހަރުގެ ތާރީޚެއްގައިވެސް ނުގެނެވޭވަރުގެ ބޮޑު ތަރައްޤީ އަޅޫގަނޑުމެންނަށް ގެނެވުނު“ މައުރޫފް ވިދާޅުވިއެވެ.
އެމްޑީއޭގެ ރައީސް އަޙްމަަދު ޝިޔާމަކީ ރާއްޖެ މިދެކެމުންދާ ތަރައްޤީގެ ބޮޑު ހިއްސާދާރެއްގެ ގޮތުގައި މައުރީފް ވަނީ ސިފަކުރައްވާފައެވެ.

