ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާޖު ސިޓީ ލާޒިމު، އެކަމު ޕާކިން ސްލޮޓު ދެނީ މަގުމަތިން!

ހުޅުމާލެ ފޭސް ދޭއް ބްރިޖު / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ގަރާޖު ސިޓީ ވިއްކައިގެން ބަޔަކު މީހުން ކައި ބޮއެ އުޅެމުންދާ ވާހަކައަކީ، މިއަދު ދެކެވެން ފެށި ވާހަކައެއް ނޫނެވެ. ގަރާޖު ސިޓީގެ ނަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންދާކަމަށް ސަރުކާރުގެ އިސްވެރިންގެ މައްޗަށްވެސް ތުހުމަތު ކުރެވިއްޖެއެވެ.

ކޮންމެ ކާރެއް އޮންނަންވަނީ ގަރާޖެއްގެ ނަމުގައި ރެޖިސްޓަރ ކުރެވިފައިކަމަށް ވާއިރު، ކޮންމެ ގަރާޖެއްގައި ބޭއްވޭނީވެސް އެއް ކާރެވެ. އެހެން ނަމަވެސް ދާދި ފަހުން މަޖިލީހުގައި ގާނޫނު ހަދަމުންދާ ފަރާތަކުން ހާމަކޮށްފައިވާގޮތުން، މާލޭގެ ބައެއް ގޭގޭގައި ހާހުން ކާރު ރެޖިސްޓްރީ ކުރެވިފައި އެބަ ތިއްބެވެ. އަދި ކޮންމެ ސިޓީއެއްގެ އަގެއް ކަމަށް މި ކިޔަނީ 75،000 ރުފިޔާކަމަށް ފާހަގަކޮށްވެސް މަޖިލީހުގެ ތަޅުމުގައި ވާހަކަތައް ދެކެވިފައިވެއެވެ.

ބުނާގޮތުން މިވަގުތު މާލޭގެ މަގުމަތީގައި ދުއްވަމުންދާ ކޮންމެ ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ ވެހިކަލަކީ، ގަރާޖެއްގައި ޕާކް ކުރާނެ އެއްޗެކެވެ. އެހެން ނަމަވެސް މިކަމަކީ ތެދު ހަގީގަތެއް ނަމަ، މާލޭގެ މަގުމަތީގައި ޕާކުކޮށްފައި ތިބި ވެހިކަލްތަކުގެ އަދަދުތައް ދަށަށް ދާނެއެވެ. އެއްވެސް ވެހިކަލެއް އާންމުންނަށް ނުވަތަ ދަތުރު ފަތުރު ކުރުމަށް ދަތިވާގޮތަކަށް ޕާކު ކުރެވިފައި ނޯންނާނެއެވެ.

މާލޭގެ މަގުތައް މައްޗަށް ނުކުމެ ބަލާލުމުން ގަރާޖު ސިޓީގެ ބޭނުންތެރިކަން ފުރިހަމަ ނުވާކަމަށް ފެނިގެންދެއެވެ. މަދު މަގެއް ފިޔަވާ ކޮންމެ މަގެއްގައިވެސް ގިނަ ވަގުތުތަކެއް ނުވަތަ އެތައް ދުވަހެއްވެސް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ތިބެއެވެ.

ރޭގަނޑުގެ ވަގުތުތަކުގައި ދަތުރު ފަތުރުކުރުން ހުއްޓި މީހުން ނިދަން ވަނުމުން މިކަން އިތުރަށް ސާފުވެގެންދެއެވެ. މާލޭގެ ބޮޑެތި މަގުތަކުގައި އެތައް ވެހިކަލްއެއް ފަތި ފައްޗަށް ޕާކުކޮށްފައި ހުންނަ މަންޒަރު ނުފެންނާނެއޭ ބުނެވޭކަށް އެންމެ ޖާގައެވެސް ނެތެވެ.

ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅު ލީ ކޮންމެ ވެހިކަލެއް އޮންނަން ޖެހެނީ ގަރާޖެއްގައި ރެޖިސްޓްރީ ކުރެވި، އެތަނެއްގައި ޕާކު ކުރެވިފައި ނަމަ، ކާރުތައް ޕާކު ކޮށްފައި ބޭއްވުމަށް މާލޭގެ މަގުތައް މަތިންނާއި އެހެނިހެން ސަރަހައްދުތައް ހުސްކުރުމަށްފަހު، މި ހަދަމުންދަނީ ކޮން ޕާކިންގް ޒޯނުތަކެއްތޯ އަދި ވިއްކަނީ ކޮން ޕާކިން ސްލޮޓުތަކެއްތޯވެސް ސުވާލު އުފެދިއްޖެއެވެ.

މާލޭގައި ދުއްވާ ކޮންމެ ވެހިކަލަކީ، ގަރާޖެއްގައި ޕާކު ކުރާ އެއްޗެއް ނަމަ، ދާއިމަށް ޕާކު ކުރުމަށް މާލޭގެ މަގުމަތިން ޖާގަކޮޅެއް ހޯދުމުގެ ބޭނުމެއް ނޯންނާނެއެވެ.

މަގުމަތީގައި އުޅަނދުތައް ޕާކުރުުމަށް ސްލޮޓު ދޫކުރަމުންދާ އިރު، ގަރާޖެއްގައި އުޅަނދުތައް ރެޖިސްޓްރީ ކުރުން ލާޒިމް ކޮށްފައިވާތީ، ސަންގުޓީވީއިންވަނީ މިކަމާއި ގުޅޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީއާއި ސުވާލުކޮށްފައެވެ.

އެގޮތުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ޣަނީ ވިދާޅުވީ، އެ މިނިސްޓްރީގެ ރިޖިސްޓްރޭޝަން ގައިވައިދުގައިވާ ޕާކިންގް ޖާގަ ނުވަތަ ގަރާޖު ޖާގައަކީ ކޮންމެހެން އޮތުން ލާޒިމް ޖާގައެއް ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލުން ދޫކުރަމުންދާ ޕާކިންގް ސްލޮޓުތަކަކީ ޕާކިންގް ގަވައިދުން އެ ފަރާތަަށް ބާރުލިބިގެން ކުރަމުންދާ މަސައްކަތެއްކަމަށެވެ.

ހަމަދު ވިދާޅުވީ، އެކަން ކުރަން ކައުންސިލުތަކުން އުސޫލެއް އެކުލަވާލުމަށް ގަވައިދުގައި ވާކަމަށެވެ. އަދި ވަކި ޖާގަތަކެއް ހިލޭ ޕާކު ކުރެވޭ ގޮތަށް ކަނޑައެޅުމަށާއި، ގަޑިއަށް އަގު ނަގައިގެން ޕާކު ކުރާ ސްލޮޓުތަކެއް ކަނޑައެޅުމަށް ގަވައިދުގައިވާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، މިވަގުތު ކަން ކުރެވެމުންދަނީ އެ އުސޫލުން ނޫންކަމަށާއި، ސްލޮޓުތައް ވިއްކާފައިވަނި ވަކި ބަޔަކަށް ދިގު މުއްދަތައްކަމަށްވެސް އެނާ ވިދާޅުވިއެވެ.

މީގެ އަހަރުތަކެއް ކުރިން، މާލޭގައި އިމާރާތްކުރާ ކޮންމެ ތަނެއްގައިވެސް އެންމެ ތިރި އަކީ ގަރާޖު ޖާގައެއް ކަމަށް ހެދުމަށް މަޖުބޫރުކުރުވަން ސަރުކާރުން މަސައްކަތް ކުރިއެވެ. މަދު ބަޔަކު އެފަދަ ގޮތަކަށް އަމަލު ކުރި ނަމަވެސް ގިނަ މީހުން ގަރާޖެއްގެ ސިފައިގައި އިމާރާތްކުރި ޖާގަވެސް ކުއްޔަށް ދިނީ، ފިހާރައެއް ނުވަތަ އެހެނިހެން މާލީ ފައިދާތަކެއް ހޯދުމަށެވެ. އެހެންކަމުން ސަރުކާރުން އެޅުމަށް ކަނޑައެޅި ފިޔަވަޅު ވަދެގެންދިޔައީ ޗަކަ ބިމަކަށްވުމުން އެޅި ފިޔަވަޅު ނެގުމާއި އެކު، މިއަދު އެކަމުގެ އަސަރުތައް ފެންނާކަށްވެސް ނެތެވެ.

މާލޭގައި ދުއްވާ ކޮންމެ ކާރަކަށް ގަރާޖެއް އޮތުން މަޖުބޫރު ކުރުވުމަކީ، އިންސާފުވެރި އަދި ހަމަޖެހޭ އުސޫލެއްތޯވެސް ސުވާލުކުރަންޖެހެއެވެ. މާލޭގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ މީހުން ކާރު އަދި އެހެނިހެން އުޅަނޑުތައް ގެންގުޅުން ކަމަށްވީނަމަވެސް، މާލޭއަށް ނިސްބަތް ނުވާކަން އަދި އެފަރާތްތަކުގެ އަތުގައި ގެދޮރާއި ޝަރުތުކޮށްފައިވާ ގަރާޖުތައް ނުހުންނާނެކަމަކީ ސާފު ހަގީގަތެވެ.

މި އުސޫލު އޮތުމުން އެއްބަޔަކު ގަދަ އަވީގައި ސައިކަލެއް ނުވަތަ ހިނގާފައި އުޅޭ އިރު، އަނެއް ބަޔަކު އޭސީގެ ފިނީގެ ތެރޭގައި އިނދެގެން ދަތުރު ކުރުމަށް މަޖުބޫރު ނުވޭތޯވެސް ސުވާލު އުފެދިގެންދެއެވެ. އަދި މާލޭގައި ގެދޮރާއި ގަރާޖެއް ނެތް ކޮންމެ މީހަކަށްވެސް ކޮރަޕްޝަންގެ އަމަލެއްގައި ބައިވެރިވުމަށް މަޖުބޫރު ނުވޭތޯވެސް ސުވާލު އުފެދެއެވެ.

ރާއްޖޭގައި ގާނޫނު ހަދާ ފަރާތްތަކުންވަނީ ގަރާޖު ސިޓީގެ އުސޫލަކީ ހަމަޖެހުމެއް ނެތް ކަމެއް ކަަމަށް ސިފަކޮށްފައެވެ. އެގޮތުން ދާދި ފަހުން އެ އުސޫލު އުވާލުމަށްވެސް މަޖިލީހަށް ހުށައަޅާފައިވެއެވެ. އެންމެ ފަހުން މަޖިލީހަށް ގަރާޖު ސިޓީގެ މައްސަލަ ހުށައެޅުއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ގަރާޖު ސިޓީ ސިފަކުރައްވަނީ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރެއް ގޮތަށެވެ.

ގަރާޖު ސިޓީގެ އުސޫލުގެ ސަބަބުން ނަހަމަ ބޭނުންތަކެއް ހިފުމަށް ބަޔަކު މީހުން ބާރުވެރިވެފައިވާކަމަށް ބުނެ، މަޖިލީހުގެ ތަޅުމުގައި ވާހަކަދެކެވުމާއި އެކު، ސަންގުޓީވީއިންވަނީ ނާޖާއިޒް ފައިދާތައް ނެގުން ހުއްޓުމަކަށް ގެނައުމަށް ޓްރާންސްޕޯޓުން އެއްވެސް ފިޔަވަޅެއް އެޅުމަށް ގަސްތުކޮށްފައިވޭތޯ މިނިސްޓްރީއާއި ސުވާލުކޮށްފައެވެ.

ސަންގުޓީވީގެ ސުވާލަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ މިނިސްޓަރު ހަމަދު ވިދާޅުވީ، ގަރާޖު ހުއްދަތަކުގެ ސައްހަކަން ބެލުމުގެ މަސައްކަތްތައް މީގެ ކުރިން ކުރަމުންދިޔައީ ޓްރާންސްޕޯޓުން އެކަމަށް ހާއްސަކޮށްފައިވާ ގަރާޖު ކޮމިޓީއަކުން ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ ބާރުވަނީ ސިޓީ ކައުންސިލަށް ދެވިފައިކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ހަމަދު ވިދާޅުވީ، ގެއެއްގެ ތިރީގައި ހުރީ ފިހާރައެއްތޯ ނުވަތަ ގަރާޖެއްތޯ ކަށަވަރުކޮށް އެ ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލުން ހުއްދައެއް ދޫކުރުމުން މިހާރު ޓްރާންސްޕޯޓުން އެ ހުއްދަ ކަށަވަރު ކުރަމުންދަނީ އީމެއިލް މެދުވެރިކޮށްކަމަށާއީ، ޓްރާންސްޕޯޓުން ރެޖިސްޓްރީ ކުރުމުގެ ކުރިން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާ ކަމަށްވެސް އެނާ ވިދާޅުވިއެވެ.

ހަމަދު ވިދާޅުވެފައިވާގޮތުން ޓްރާންސްޕޯޓްއިން މިވަގުތު މަސައްކަތްކުރަމުންދަނީ މާލެ ސިޓީ ކައުންސިލާއި ގުޅިގެން މިކަމުގައި ރައްޔިތުންނަށް ދަތި ނުވާނެ ގޮތަށް މާލޭގެގައި ޕާކް ކުރެވޭނެ ގޮތްތައް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

މެމްބަރު ނަޝީދު ވިދާޅުވެފައިވާގޮތުން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ގަރާޖެއްގައި ރެޖިސްޓްރީ ކުރަންޖެހޭ އުސޫލެއް ކަނޑައެޅިފައި އޮތުމުން، ބަޔަކު މީހުން ދަނީ އެކަމުގެ ނާޖާއިޒް ފައިދާ ނަގައި، ރެޖިސްޓްރޭޝަންގެ ނަމުގައި ގިނަ އަދަދެއް ފައިސާ ނަގަމުންނެވެ.

ނަޝީދު ވިދާޅުވީ، ގަރާޖު ސިޓީއެއް އޮތުން ލާޒިމުކުރާ އުސޫލުގެ ސަބަބުން އުޅަނދެއްގެ ބޭނުންޖެހިފައިތިބޭ މީހުންނަށް އެތަކެތި ހޯދައި ރެޖިސްޓްރީ ކުރުމުގައި ބޮޑެތި ތަކުލީފުތައް ކުރިމަތިވެއެވެ. އަދި ނާޖާއިޒް ފައިދާތަކެއް ނެގުމާއި ކޮރަޕްޝަން ފަދަ އަމަލުތައް ހުއްޓުމަކަށް ގެނެވޭނެ މަގެއް ފެނިފައިނުވާތީއާއި، ގަރާޖު ސިޓީއެއް ލާޒިމު ކުރުމުގެ އަސްލު މަގުސަދު ހާސިލުނުވާތީ އެ އުސޫލު އުވާލުމަށް މަޖިލީހަށްވަނީ ހުށައަޅާފައެވެ.

ގަރާޖު ސިޓީއެއް އޮތުން ލާޒިމުކޮށް، މިވަގުތު މާލޭގައި ދުއްވަމުންދާ ހުރިހާ ހަތަރު ފުރޮޅުލީ އުޅަނދަކީ، މާލޭގެ ގެޔަކަށް ނުވަތަ ގަރާޖެއްގައި ރެޖިސްޓްރީ ކުރެވިފައިވާ ތަކެތި ކަމަށްވާއިރު، މި އުސޫލުގެ ސަބަބުން މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލުތަކެއް އައިސްފައިވާ މަންޒަރެއް ނުފެނެއެވެ.

ރެޖިސްޓްރޭޝަންގެ ފަސޭހަކަށް ގަރާޖު ސިޓީގެ އުސޫލު ބާތިލު ކުރުމަކީ އެކަށީގެންވާ ފިޔަވަޅެއް ކަމަށް ސިފަވެގެންދާއިރު، އެ އުސޫލު ބާތިލު ކުރުމުގެ ސަބަބުން މާލޭގައި ދުއްވާ އުޅަނދުތައް ގިނަވެ ޓްރެފިކް ބޯވުމުގެ ދަތިތައް ދިމާވެގެންދާނެކަމަށްވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޓެކުސީ ދުއްވާ ގިނަމީހުން އަތުގައި އމަމިއްލަ ތިންކާރު ހަތަރުކާރު ގެންގުޅޭ މީހުން އުޅޭ ވަރަށް ވަރަށް ސާފް

  2. ޓްރާންސްޕޯޓް ގަ އުޅަޭ ރުޝޫނާ ވިއްކާތި ސިޓީ. އޭނަ ޔާ އޭނަގެ ބިޓު ހިންގާ ވިޔަފާރިއެއްތީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: