ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސްމާއިލް އާސިފްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އއ. މާޅޮސް ބޭރުގައި އޮތް ”ޖަރީ“ ނަމަކަށް ކިޔާ ލަނޑާ ދޯންޏެއްގެ ތެރޭގައި ދެމީހެއްގެ ދެމެދު ހަމަނުޖެހުން ހިންގައި މީހަކު ޒަހަމްކޮށްލީ 2019، ނޮވެމްބަރު 29 ވަނަ ދުވަހުގެ ރޭއެވެ. ދެ މީހެއްގެ ދެމެދު އުފެދުނު ދީނީ ހިޔާލުތަފާތުވުމެއްގެ ސަބަބުން، ހަމަލާދިން މީހުން ނިސްބަތް ވަނީ ދީނީ ހަރުކަށި ވިސްނުން އިތުރުވަމުން އަންނަ ކަމަށް ތުހުމަތުވާ ރ. މަޑުއްވަރީއަށެވެ.
ދޯނީގައި ހިނގައިދިޔަ ދެ ބަސްވުމެއްގެ ތެރެއިން، ހައްމާދު މަރާލުމަށް ހަމަލާދިން އޭނާގެ އެކުވެރިންނަކީ ދީނީގޮތުން ހަރުކަށި ފިކުރުގެ ވިސްނުމުގެ ތެރެއިން ވައްކަންކޮށް، އެއީ ”އަނީމާ މުދާ“ ގެ ގޮތުގައި ގަބޫލު ކުރާ މީހުންނެވެ. ލަނޑާ ނަގަން ނިކުމެ އުޅެ، ހިނގައިދިޔަ އެ ހަމަނުޖެހުމަކީވެސް ވައްކަމެއް ފަޅާއަރާ އެކަމުގެ ޒިންމާ އެކަކު ނަގަންޖެހި، ހައްމާދު އެކަމާއި ހަވާލުވުމަށް ބުނުމުން އޭނާ އެކަމަށް އިންކާރު ކުރުމުންނެވެ. އެ ހަމަނުޖެހުމުގެ ތެރެއިން ހައްމާދުއަށް ވަޅިން ހަމަލާދީ ކަންޑަށް ވައްޓާލީއެވެ.
މައްސަލައިގައި ހައްމާދުއަށް ހަމަލާދިން، އާސިފްގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތެވެ. އަދި އޭނާގެ މައްޗަށް ދައުލަތުން އުފުލީ މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާތަކަށް އާސިފް ވަނީ އިންކާރުކޮށްފަ އެވެ. އާސިފްގެ މައްޗަށް ކުރި ދައުވާ ސާބިތު ކުރުމަށް ދައުލަތުން ގިނަ ހެކިތައް ހުށަހެޅި އިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ސިއްރު ހެކިން ވެސް ހިމެނެ އެވެ.
ހަމަލާފައި އަނިޔާވި ހައްމާދު ބުނީ އޭނާއަށް ހަމަލާ އަމާޒުވީ ދޯނީގެ އެތެރޭގައި ތިބެ ދެކެވުނު ވާހަކައެއްގެ ތެރެއިން އުފެދުނު ދީނީ ހިޔާލުތަފާތުވުމެއްގެ ބަހުސެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް އެކަން ދޮގުކޮށް އާސިފް ބުނީ ހައްމާދަށް އަނިޔާވީ ދޯނީގެ ތެރެއަށް ވެއްޓުމުން ކަމަށެވެ.
މި މައްސަލައިގައި ދައުލަތުން ވަނީ، އާސިފަށް ދިން ހަމާލާގައި ދޯނީގެ ބައެއް ތަންތަނުގައި ލޭ ހުރިކަމަށް ޑީއެންއޭ ތަހުލީލު ރިޕޯޓުތައް ހުށަހަޅާފަ އެވެ. ހާދިސާ ހިނގައި އޭގެ ދުވަސްތަކެއް ފަހުން ހައްޔަރުކޮށް، އާސިފް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައިކަމުން އޭނާގެ ހުކުމުން އެ މުއްދަތު އުނި ކުރާނެ އެވެ. 02 އަހަރާއި، 08 މަސް ޖަލުގައި ހައްމާދު ބަންދުގައި ހުރުމުގެ ސަބަބުން އާސިފް ޖަލު ހުކުމް ތަންފީޒު ކުރަން ޖެހޭނީ 07 އަހަރާއި 03 މަސް ދުވަހަށެވެ.
ޝަރީޢަތް ނިމުނުގޮތް
އިތުރު ތަފްޞީލު: https://t.co/022X2GcD5e pic.twitter.com/MuZ8my19xR— Criminal Court of the Maldives (@CRCMaldives) September 13, 2022
އާސިފާއި ހަމަނުޖެހުންތަކެއް ދިޔަ ހައްމާދު ވެސް ހުރީ ޖަލު ބަންދުގަ އެވެ. އެއީ ކުޑަ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށުގެ ތުހުމަތުގައި ބަންދުގައެވެ. ހައްމާދުއަކީ 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ކޯޓުން ބޭރުން އޭނާ ގަބޫލު ކުރާ އުސޫލާއި އެއްގޮތަށް ކައިވެނިކޮށްގެން ހުންނަ މީހެކެވެ. އަދި އެ ކުއްޖާ ބަނޑުބޮޑުވެ ވިހާފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. މައްސަލައިގައި އޭރު ޖެންޑާއާއި ފުލުހުން ގުޅިގެން ނެރުނު ބަޔާނުގައި ވާގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސްއަށް އެ އާއިލާއާއި ބެހޭ މައުލޫމާތު ލިބުނެވެ. އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތަޢުލީމާއި ސިއްޙީ ހައްޤުތަކުން މަހުރޫމުކޮށްފައިވާ ކަމުގެ މަޢުލޫމާތު ލިބި އެކަން ތަހުގީގު ވެސް ކުރި އެވެ.
މި މައްސަަލައިގެ ތަހުގީގުގެ ތެރެއިން، މަޑުއްވަރީގައި ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ ހަރުކަށި ފިކުރު ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން އެ ރަށުގައި އޮޕަރޭޝަނެއް ހިންގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާ މީހުން ހަރަކާތްތެރިވާކަމަށް ތުހުމަތުކޮށް ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނަށް ހަފްތާއަކަށް ވުރެ ގިނަ ދުވަހަށް ދިގުދެމިގެން ދިޔަ އެވެ.
ފުލުހުންގެ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ގެތައް ވެސް ބަލާ ފާސްކުރި އެވެ. ބައެއް މީހުން ބުނެފައިވާ ގޮތުން، އެ ރަށުގެ ބައެއް ގެތަކުން އަންހެނުންނާއި ކުޑަ އަންހެން ކުދިން ގެއިން ނުނެރޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ވެކްސިން ނުދިނުމާއި، ސްކޫލަށް ނުފޮނުވުން ފަދަ އެތައް ކަމެއް ރަށުގައި ހިނގާކަމަށް ވާހަކަތައް ދެކެވުނެވެ. އަދި ހައްމާދު އާއި، އާސިފް އޭގެ ތެރޭގައި ހިމެނޭކަމަށް ވާހަކަ ދެކެވުނެވެ.

